މެލޭޝިއާއަށްދާ މީހުން ތިން ދުވަސް ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރަން އަންގައިފި

މެލޭޝިއާގެ އިމިގްރޭޝަނުން އަންގައިފައި ވަނީ ތިން ދުވަސް ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް -- ފޮޓޯ/ މެލޭ މެއިލް

މެލޭޝިއާއަށްދާ މީހުން އެގައުމަށް ދިޔުމުގެ ތިން ދުވަސް ކުރިން އޮންލައިންކޮށް މެލޭޝިއާ ޑިޖިޓަލް އެރައިވަލް ކާޑު (އެމްޑީއޭސީ) ފުރަން ޖެހޭގޮތަށް ނިންމައިފިކަށް މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފިއެވެ.

އިއްޔެ އެ ޑިޕާޓްމަންޓުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި އިއުލާނެއްގައި ވާގޮތުން، މެލޭޝިއާއަށް ދިޔުމުގެ ކުރިން އެމްޑީއޭސީ ފުރިހަމަ ކުރަން ޖެހޭ އުސޫލަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފައެވެ. ތިން ކެޓަރީއަކަށް ފެތޭ މީހުން ފިޔަވައި އެހެން އެންމެން އެ މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެ ތިން ކެޓެގަރީއަކީ އިމިގްރޭޝަން ކްލިއަރެންސްއާ ނުލައި ސިންގަޕޫރުން ޓްރާންސިޓްވާ މީހުންނާއި މެެލޭޝިއާގެ ދާއިމީ ރަށްވެހިކަން އޮންނަ މީހުންނާއި މެލޭޝިއާގެ އޮޓޮމޭޓެޑް ކްލިއަރެންސް ސިސްޓަމް ފާސް އޮންނަ މީހުންނެވެ.

އެމްޑީއޭސީ ރަޖިސްޓްރީކޮށް ހުށަހެޅުމަށް ދަތުރުވެރިން ބޭނުންކުރަން ޖެހޭނީ އިމިގްރޭޝަން ޑިޕާޓްމަންޓުގެ ވެބްސައިޓެވެ.

އެ ފޯމްގައި ފުރަން ޖެހޭ މައުލޫމާތުގެ ތެރޭގައި މީހާގެ ނަމާއި ގައުުމާއި ޕާސްޕޯޓް ނަމްބަރާއި ޕާސްޕޯޓް މުއްދަތު ހަމަވާ ތާރީޚާއި އީމެއިލް އެޑްރެހާއި ފޯން ނަމްބަރު ހިމެނެއެވެ.

އެ ޑިޕާޓްމެންޓުން ބުނެފައިވާ ގޮތުގައި އޮސްޓްރޭލިއާ، ބްރޫނާއީ، ޖަރުމަން، ޖަޕާން، ދެކުނު ކޮރެއާ، ނިއުޒީލެންޑް، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، އެމެރިކާ އަދި އިނގިރޭސިވިލާތުން ޒިޔާރަތްކުރާ މީހުންނަށް ކުއަލަލަމްޕޫރު އެއާޕޯޓުގައި އޮޓޯގޭޓް ބޭނުންކުރެވޭނެއެވެ.

އެހެންނަމަވެސް، ފުރަތަމަ ފަހަރަށް މެލޭޝިއާއަށް ޒިޔާރަތްކުރާނަމަ އޮޓޯގޭޓް ބޭނުން ނުކުރެވޭނެ ކަމަށާއި ތިން ދުވަސް ކުރިން އެމްޑީއޭސީ ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ޕާސްޕޯޓް ނަންނޯޓްކޮށް ވެރިފައި ކުރަންޖޭހޭނެ ކަަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް