މެލޭޝިއާގެ މަސްރަހު ހޫނު، ނަޖީބު ގޭބަންދަށް ބަދަލުވުމަށް ދައްކަންޖެހޭ 50 މިލިއަން ރިންގިޓް ދެއްކުމުގައި ގޮންޖެހުންތަކެއް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ---

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ޝަރުތުތަކާއެކު ދެއްވި ޝާހީ މައާފުގެ ދަށުން، ގޭބަންދަށް ބަދަލުވުމަށް ދައްކަންޖެހޭ 50 މިލިއަން ރިންގިޓް (12.2 މިލިއަން ޔޫއެސް ޑޮލަރު) ދެއްކުމަކީ ހަމައެކަނި އެމަނިކުފާނުގެ އަމިއްލަ ބާރުގައި އޮތް ކަމެއް ނޫން ކަމަށް ނަޖީބުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.

ސީއެންއޭގައިވާ ގޮތުން، ނަޖީބުގެ ޤާނޫނީ ވަކީލުންގެ ފާމް ކަމަށްވާ 'ޝަފީ އެންޑް ކޯ' އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަޖީބުގެ ގިނަ އަދަދެއްގެ މުދަލާއި، ބޭންކް އެކައުންޓްތައް ސަރުކާރުން ފްރީޒްކޮށް ހިފަހައްޓާފައިވާތީ، އެ ފައިސާ ދެއްކުމަށް ހުރި ގޮތްތަކާ މެދު މިހާރު ޤާނޫނީ ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ. އަދި އެ ޖޫރިމަނާ ކޯޓަށް ދައްކައި ޚަލާސް ކުރެވެންދެން ނަޖީބު ހުންނަވާނީ ޖަލުގައި ކަމަށް ވެސް އެ ޓީމުން ހާމަކުރެއެވެ.

މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރިޔާސަތުގައި ބޭއްވި ޕާޑަންސް ބޯޑުގެ ބައްދަލުވުމަށްފަހު، ހުކުރު ދުވަހު ނިންމާފައިވަނީ ނަޖީބުގެ ޖަލު ހުކުމުގެ ބާކީބައި 2028 ވަނަ އަހަރުގެ އޮގަސްޓް 23 އާ ހަމައަށް ގޭބަންދުގައި ފުރިހަމަ ކުރެއްވުމުގެ ހުއްދަ ދިނުމަށެވެ. ނަމަވެސް ބޮޑުވަޒީރުގެ އޮފީހުގެ ލީގަލް އެފެއާޒް ޑިވިޝަނުން ބުނެފައިވަނީ ކަނޑައެޅިފައިވާ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ، މި މައާފު ވަގުތުން ބާތިލުވެ އަލުން ޖަލަށް ބަދަލުކުރެވޭނެ ކަމަށެވެ.

އުމުރުން 73 އަހަރުގެ ނަޖީބު ރައްޒާގު އެންމެ ފުރަތަމަ 12 އަހަރަށް ޖަލަށްލުމަށާއި 210 މިލިއަން ރިންގިޓުން ޖޫރިމަނާކުރުމަށް ހުކުމްކުރީ ޖުލައި 2020 ގައެވެ. އެއީ އެސްއާރުސީ އިންޓަނޭޝަނަލް (1އެމްޑީބީގެ ކުރީގެ ސަބްސިޑިއަރީ) އިން 42 މިލިއަން ރިންގިޓް އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ. ނަމަވެސް 2024 ގެ ޖެނުއަރީގައި ލިބުނު ލުޔަކާއެކު ހުކުމް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، ޖޫރިމަނާ ވަނީ 50 މިލިއަން ރިންގިޓަށް ކުޑަކޮށްދީފައެވެ.

މި ނިންމުމާ ގުޅިގެން މެލޭޝިއާގެ ސަރުކާރު ކޯލިޝަންގެ ތެރޭގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑީއޭޕީ) ގެ ލީޑަރު އެންތަނީ ލޯކް ވަނީ ނަޖީބަށް މައާފު ދިނުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފައެވެ. ނަމަވެސް ސިޔާސީ ހަމަޖެހުމަށް ޓަކައި އެ ޕާޓީގެ އެހެން ވަޒީރުން ކެބިނެޓުގައި ދެމިތިއްބަވާނެއެވެ.

އަނެއްކޮޅުން، ނަޖީބުގެ ޕާޓީ ކަމަށްވާ ޔޫއެމްއެންއޯ (އުމްނޯ) ގެ ރައީސް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަޙްމަދު ޒާހިދު ޙަމީދީ ވަނީ ރަސްގެފާނުގެ މި ނިންމެވުމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ޕާޑަންސް ބޯޑުގެ މި ނިންމުމުގެ ސަބަބުން ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ޝަރީއަތް ހިނގަމުންދާ އެހެން މައްސަލަތައް ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ މެލޭޝިއާގެ ޤާނޫނީ ތާރީޚުގައި މުޅިން އާ ދޮރެއް ހުޅުވިގެންދިޔަ ކަމެއް ކަމަށް ޤާނޫނީ މާހިރުން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް