މި ހުރިހާ ދުވަހު ބޭނުންކުރި ބޭހުގައި ހުރި ވިހައަކުން ފުރާނަ ނުރައްކަލަށް!

ބޭނުންކުރުން މަނާކުރަން އެންގި ބޭސް --

ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގައި ވިހަ މާއްދާއެއްކަމަށްވާ ޑައިތަލީން ގްލައިކޯލް އަދި އިތެލީން ގްލައިކޯލް ހިމެނޭކަމަށް ބުނެ ގިނަ އަދަދެއްގެ ބޭސް ބޭނުންކުރުން މަނާކުރުމަކީ މި ފަހުން ކަންބޮޑުވާ މިންވަރަށް ހެލްތު މިނިސްޓްރީން ކުރި ކަމެކެވެ.

އެފަދަ ވިހަ މާއްދާތައް ހިމެނޭތީ ކަމަށް ބުނެ ގިނަ ފަހަރު ބޭނުން ކުރަން ހުއްޓައިލަން އަންގަނީ ކުޑަ ކުދިންނަށް ދޭ ބޭސްތަކެވެ. ބޭސް ބޭނުންކުރުން ހުއްޓައިލަން އަންގަނީ ގިނަ ފަހަރަށް މި ބޭސް އެތައް ބަޔަކު ބޭނުން ވެސް ކުރާ ފަހުންނެވެ.

މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. މި ވިހަ މާއްދާތަކަކީ ފުރާނައަށް ނުރައްކާ ކުރުވާ މާއްދާތަކެކެވެ. ޚާއްސަކޮށް ކުޑަކުދިންގެ ފުރާނައަށް މި ކަމުގެ އަސަރު ކުރާލެއް މާ ބޮޑެވެ.

މިކަމުގެ ސަބަބުން ރާއްޖޭގައި ހިތާމަވެރި ހާދިސާއެއް އަދި ނުހިނގާ ނަމަވެސް، ޑައިތަލީން ގްލައިކޯލާއި އިތަލީން ގްލައިކޯލް ހިމެނޭ ބޭސް ބޭނުންކުރެވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަ ކުދިން ދުނިޔެ ދުކޮށްފައި އެބަ ހުއްޓެވެ.

ގިނަ ފަހަރަށް ބޭހުގައި މި ދެ މާއްދާ ބޭނުން ކުރަނީ، ބޭސްތަކުގައި ބޭނުންކުރާ ގްލައިސެރިންގެ ބަދަލުގައި ބޭނުން ކުރާ އަގުހެޔޮ މާއްދާއެއްގެ ގޮތުގައެވެ. ނުވަތަ ބޭސް ދިޔާ ކުރުމަށާއި ގިނަ ދުވަހަށް ރައްކާކުރެވޭނެ ގޮތް ހެދުމަށް ވެސް ބައެއް ފެކްޓްރީތަކުން މި ދެ މާއްދާ ބޭނުންކުރެއެވެ.

ބޭހުގެ ސަބަބުން ކުރިމަތިވާ ކަންކަން

ރާއްޖޭގައި ބޭނުންކުރުން މި ފަހުން މަނާކުރި ގިނަ އަދަދެއްގެ ބޭސްތަކުގައި ހިމެނޭ ވިހަ މާއްދާއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޑައިތަލީން ގްލައިކޯލް އަދި އިތެލީން ގްލައިކޯލެވެ. މި ދެ މާއްދާގެ ސަބަބުން އެކި ކުދިންނަށް އެކި އަސަރު ކުރެއެވެ.

މި ކަމާ ގުޅިގެން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މި ވިހަ މާއްދާގެ އަސަރުކުރާނީ ވަކި މިންވަރަކަށް ބޭސް ބޭނުންކުރުމުންނޭ ސާފުކޮށް ދަންނަވަން ނޭނގޭ ކަމަށެވެ.

"ހަމަ ބޭސް ބޭނުން ކުރަން ފަށައިތާ ވަރަށް އަވަހަށް ކުއްލިއަކަށް ވެސް އޭގެ އަސަރުތައް ފެނިދާނެ،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ވިހަ މާއްދާގެ ސަބަބުން ކުދިންގެ ލިވާ ފެއިލްވެ، ފުއްޕާމެޔަށް އަސަރުކޮށް، ކިޑްނީ ހަލާކުވުމުގެ އިތުރުން ފިޓު ޖެހުމާއި ނާރުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ބޮޑުކޮށްދޭކަމަށެވެ. އަދި މި ވިހައިގެ އަސަރުކޮށް ކުދިން މަރުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މާއްދާތައް ހިމެނޭ ބޭސް ރާއްޖެ އެތެރެވަނީ ކިހިނެތް؟

މިކަމާ ގުޅިގެން މެޑިކަލް ޑައިރެކްޓަރު ޑރ. އުސާމާ އަލީ އުމަރު ވިދާޅުވީ، އެހެން ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ބޭސް ޓެސްޓު ކުރެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިފައި ނުވުންކަމަށެވެ.

އޭނާ ވިދާޅުވީ ބޭހެއް އެތެރެ ކުރުމަށްފަހު އެ ބޭހުގެ އެފެކްޓިވް އިންގްރިޑިއަންޓް ޓެސްޓުކުރަން ޖެހޭނެ ކަމަށެވެ. އަދި ބޭހުގައި އެކުލެވޭ މާއްދާތައް ހުރީ ހުންނަންވާ މިންގަނޑުގައިތޯ ވެސް ޓެސްޓު ކުރެވެން ޖެހޭނެކަމަށް އުސާމާ ވިދާޅުވިއެވެ.

"އެފަދަ ފެސިލިޓީތައް، ލެބޯޓަރީތައް ގާއިމްކުރެވިފައި ނުވާތީ މި ކަހަލަ ކަންތައްތައް މި ގޮތަށް ދިމާވަނީ،" އުސާމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެފްޑީއޭގައި އެ ފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަނަމަ، ރާއްޖެ އެތެރެކުރާ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ރެންޑަމް ސާމްޕަލް ނަގައި އެ ބޭސް ޓެސްޓު ކުރެވޭނެ ކަމަށެވެ.

އޭރުން ގިނަ އަދަދެއްގެ މީހުން ބޭސް ބޭނުން ކުރުމުގެ ކުރިން އެއީ ވިހަ މާއްދާއެއް އެކުލެވޭ ބޭހެއް ކަން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުސާމާ ވިދާޅުވީ، މި ފަދަ ނިޒާމެއް ގާއިމްވެފައި ނެތުމުން އެމްއެފްޑީއޭއިން މިހާރު ބޭސްތަކަށް އެޕްރޫވަލްދެނީ ދެ ކަމަކަށް ބަލައިފައިކަމަށެވެ.

"އެއް ކަމަކީ ބޭރު އެހެން ގައުމުތަކުގައި މިސާލަކަށް އެ ގައުމުގައި ސެޓިފިކޭޝަނެއް ހުރިއްޔާ ނޫނީ އެ ގައުމުގައި ބޭސް ވިކިފައި ހުރީ ވެއްޖެއްޔާ މި ތަނުގައި އެ ބޭސް ދޫކުރުން،" އުސާމާ ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް އުސާމާ ފާހަގަކުރެއްވީ ކޮރަޕްޝަންގެ އަތެއް މި ކަމުގައި ހިމެނުމެވެ. އެގޮތުން ބޭސް އެތެރެކުރާ މީހުންނަކީ ބޮޑު ހައިސިއްޔަތެއް އޮންނަ މީހެއްނަމަ ފަސޭހައިން އެ އެޕްރޫވަލް ލިބޭކަން އުސާމާ ފާހަގަކުރެއްވިއެވެ.

ޙައްލަކީ ކޮބާ؟

އުސާމާ ވިދާޅުވީ، މި ބޭސްތައް ރާއްޖެ އެތެރެކުރުން މަނާކޮށް ބޭސްތައް ނައްތައިލުމަކީ އިންސާނުންގެ ފުރާނައާ ގުޅުންހުރި މި ބޮޑު މައްސަލައަށް އޮތް ޙައްލު ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ޙައްލަކީ އެމްއެފްޑީގައި ބޭސް ޓެސްޓު ކުރެވޭނެ ނިޒާމެއް ގާއިމްކޮށް ހަރުދަނާ އުސޫލެއްގެ ދަށުން އެކަން ކުރަން ފެށުންކަމަށެވެ. ނަމަވެސް އުސާމާވަނީ މިކަން އެއްވެސް އިދާރާއަކުން "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ނުނަގާކަމަށް ފާހަގަކުރައްވައިފައެވެ.

މި ކަމާ ގުޅިގެން ޑރ. ފައިސަލް ވެސް ވިދާޅުވީ، މި ފަދަ ވިހަ މާއްދާތައް އެކުލެވޭ ބޭސް ރާއްޖެ އެތެރެ ވިޔަ ނުދިނުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުން ކަމަށެވެ.

މިއީ ސަރުކާރުން އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކޮންމެހެން އަމަލީ ސިފަ ގެންނަންޖެހޭ ސީރިއަސް މައްސަލައެކެވެ.

comment ކޮމެންޓް