ނުރައްކާތެރި ކެމިކަލްތަކެއް ހުރުމުން އަނެއްކާ ވެސް ބޭސްތަކެއް ބޭނުންނުކުރަން އަންގައިފި

ބޭނުންކުރުން މަނާކުރަން އެންގި ބޭސް --

ރާއްޖެ، އެތެރެކޮށް ބޭނުންކުރާ، ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދައި ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްތަކެއް ހުރުމުން އެ ބޭސްތައް ބޭނުން ކުރުން ހުއްޓައިލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

މިއަދު އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ޕާކިސްތާނުގައި އުފައްދާ ދިޔާ ބޭސްތަކެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައެވެ. އަދި އެ ކަން އެމްއެފްޑީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވެސް ބުނެފައެވެ.

ކެމިކަލްތައް އެކުލެވޭ ދިޔާ ބޭސްތަކަކީ:

  • އެލާގޯ ސިރަޕް
  • އެލައިޑް ސިރަޕް
  • އެފެލައިޑް ސިރަޕް
  • އެމިޑޯން ސިރަޕް
  • އައިރޯޕަލް ސިރަޕް
  • އެންޓިފެން ސިރަޕް

އެއާއެކު މިހާރުން ފެށިގެން އެ ބޭހުގެ، ބްރޭންޑުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

ހަމައެއާއެކު މިހާރު ފާމަސީތަކުގައި ހުރި އޭގެ ބޭސްތައް ނަގައި، ނައްތައިލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އަދި އެ ކަމަށް ބޭސް ގަނެ، ވިއްކާ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ.

މި ފަހުން ވެސް ވަނީ ހޮޑުލުން މަނާކުރުމަށް ބޭނުންކުރާ ބޭހަކާއި ސިޓްރިޒަން ވެސް އޭގައި ކެމިކަލް ހުންނަކަން ފާހަގަވެ ބޭނުންކުރުން ހުއްޓައިލުމަށް އަންގައިފައެވެ.

comment ކޮމެންޓް