އެޕަލްގެ ޑިވައިސްތަކުގައި ބޭނުންކުރާ ޗިޕްގެ އަގަކީ އެންމެ 30 ސެންޓް

އެޕަލްގެ ސީއީއޯ ޓިމް ކުކް: އަގު ކުޑަކޮށް ޗިޕް ވިއްކުމަށް އާމްއިން އެޕަލްއާ އެކު ހަދާފައިވާ އެއްބަސްވުން ބަދަލުކުރުމުގެ ފުރުސަތު ކުޑަ --

އެޕަލްގެ ތަފާތު ޕްރޮޑަކްޓް ލައިންއަޕްތަކުގައި ބޭނުންކުރާ ކޮންމެ ޗިޕެއް އެ ކުންފުނިން ގަންނަނީ އެންމެ 30 ސެންޓްގެ ރޭޓަކުން ކަން ދާދިފަހުން ނެރުނު ޓެކް ރިޕޯޓަކުން ހާމަވެއްޖެއެވެ.

އިންސައިޑާ މަސްދަރުތަކާ ހަވާލާދީ ދަ އިންފޮމޭޝަން އިން ޢާއްމު ކުރި ރިޕޯޓެއްގައި ވާގޮތުން ޗިޕް އުފެއްދުމުގައި މަޝްހޫރު ކުންފުނި 'އާމް'ގެ ސްމާޓްފޯން ޗިޕް ޑިޒައިންތައް ބޭނުންކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުޑަ އަގަކަށް ޗިޕް ގަންނަ ކުންފުންޏަކީ އެޕަލް ކުންފުންޏެވެ. އެ ރޭޓަކީ އާމްގެ ޖުމްލަ ވިޔަފާރީގެ ފަސް އިންސައްތައަށްވުރެ ވެސް ކުޑަ މިންވަރެކެވެ.

އެޕަލްގެ ލެޕްޓޮޕް، ފޯނު، ޓެބްލެޓް، ގަޑި، ސްމާޓް ސްޕީކަރު އަދި އެހެނިހެން ޑިވައިސްތަކުގައި ޕްރޮސެސަރަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި އެންމެ އިސް ބައިވެރިއެއް ކަމަށްވާ އާމްއާ އެކު އެޕަލްއިން ކުރާ މުއާމަލާތްތައް ފުޅާވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ރޭޓަކީ އާމްގެ މައި ދެ ކަސްޓަމަރުން ކަމަށްވާ 'ކުއަލްކޮމް' އާއި 'މީޑިއާޓެކް' އިން ދައްކާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

އާމް އާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ސޮފްޓްބޭންކުން ވެސް މި އެއްބަސްވުމާ މެދު ނުރުހުން ފާޅުކުރާ ކަމަށް ބެލެވެއެވެ. ސޮފްޓްބޭންކުން 2016 ވަނަ އަހަރު އާމް ގަތްއިރު، އެ އެއްބަސްވުން ރީސްޓްރަކްޗާކޮށް ރޯޔަލްޓީ ރޭޓް ބޮޑުކުރަން ސީއީއޯ މަސާޔޯޝީ ސޮން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތްތައް ނާކާމިޔާބުވި ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އަދި މިހާ ދަށް ރޭޓަކަށް ޗިޕްތައް އެޕަލްއިން ނަގާއިރު، އެޕަލް ފަދަ ކުންފުނިތަކަށް އާމް ލައިސަންސް ދޭއިރު، ޗިޕް ޑިޒައިންތައް އަމިއްލައަށް ޑިޒައިން ކުރުމުގެ ފުރުސަތުވެސް ދެއެވެ.

އެޕަލް އާއި އާމްއާ ދެމެދު ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދާފައިވާއިރު، މިހާރު ހަދާފައިވާ އެ އެއްބަސްވުން 2040 ވަނަ އަހަރަށް ދިގުދެމިގެން ދާނެއެވެ.

އެޕަލް އާއި އާމްއާ ދެމެދު އުފެދުނު ޕާޓްނާޝިޕަކީ އެޕަލްއިން ގެންގުޅޭ ހަރަދު ކުޑަކުރުމުގެ ސްޓްރެޓެޖީތަކުގެ ދަށުން އުފައްދާފައިވާ ޕާޓްނާޝިޕެއް ކަމަށް ބެލެވެއެވެ.

އެޕަލްއާ އެކު މަސައްކަތް ކުރުމުން އާމްއަށް ބާޒާރުގައި އޮންނަ އިތުބާރު ބޮޑުވެ، އިތުރު ކަސްޓަމަރުން އާމްއަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ މި އެއްބަސްވުމަށް ބަދަލެއް ގެނައުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް އެރިޕޯޓްގައި ބުނެފައި ވެއެވެ.

comment ކޮމެންޓް