ބެންޓަކޫރްއަށް އަނިޔާވެ، ތިން މަސް ދުވަހަށް ކުޅުމާ ދުރަށް

ޓޮޓެންހަމް ހޮޓްސްޕާގެ އުރުގުއާއީ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަކޫރް -- ފޮޓޯ/ ގެޓީ

ޓޮޓެންހަމް ހޮޓްސްޕާގެ އުރުގުއާއީ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަކޫރްއަށް އަނިޔާވެ، ތިން މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު އެސްޓަން ވިލާ އަތުން 2-1ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިވި މެޗުގައި އުމުރުން 26 އަހަރުގެ ބެންޓަކޫރްގެ ފަޔަށް އަނިޔާވީ އެސްޓަން ވިލާގެ ޕޮލެންޑް ޑިފެންޑަރު މެޓީ ކޭޝްގެ ޓަކުލްއަކާ ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބެންޓަކޫރްގެ ފައިގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން އޭނާ ރިކަވަރީއަށް މަސައްކަތްކުރުމަށް ތިން މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.

މި ސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ޓޮޓެންހަމްގެ އަނިޔާގެ ލިސްޓުގައި ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޖޭމްސް މެޑިސަން، މިކީ ވެން ޑެ ވެން، ރިޗާލިސަން، މަނޯ ސޮލޮމަން، އިވާން ޕެރިސިޗް އަދި ކްރިސްޓިއަން ރޮމޭރޯ ހިމެނެއެވެ.

އޭގެ އިތުރުން، އެފްރިކަން ނޭޝަންސް ކަޕްގައި ގައުމީ ޓީމަށް ކުޅުމަށް ޔެވޭސް ބިސޫމާ އާއި ޕަޕޭ މަޓާ ސާ ދޫކޮށްލަން ޖެހޭ އިރު، ދެކުނު ކޮރެއާއާއެކު އޭޝިއަން ކަޕްގައި ވާދަކުރުމަށް ޓޮޓެންހަމްގެ ކެޕްޓަން ސޮން ހިއުން މިން ވެސް ދޫކޮށްލަން ޖެހޭނެއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ލީގުގައި އަންނަ އާދީއްތަ ދުވަހު ޓޮޓެންހަމް ނުކުންނަން ޖެހޭނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

comment ކޮމެންޓް