ގިނަ ކުށްތަކުގެ ރެކޯޑް އޮތް މީހަކު، ކަލާފާނު ސްކޫލަށް ހުއްދަނެތި ވަދެފައިވާ މައްސަލައެއްގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އެ މައްސަލައިގައި ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމްގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާކޮށްފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން އެ ދައުވާކޮށްފައި ވަނީ އަސްލަމް މިދިޔަ އޮގަސްޓު މަހުގެ ނުވައެއްގައި، 04:42ހާއިރު ކަލާފާނު ސްކޫލްގެ ލީޑިން ޓީޗާސް ރޫމަށް ހުއްދަނެތި ވަދެފައިވާތީއެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަލުން ކަމަށާއި އޭނާ ކުށަށް އިއުތިރާފުވެއްޖެ ނަމަށް އަދަބު ކުޑަ ކުރެވޭނެ ކަމަށް ބުނެފައެވެ.
އެ އަޑުއެހުމުގައި އަސްލަމް ކުށަށް އިއުތިރާފުވިއެވެ. އެހެންވެ، މައްސަލަ ދެން ކުރިއަށްގެންގޮސްފައި ވަނީ އަވަސްނިޔާގެ އަޑުއެހުމެއްގެ ގޮތުގައެވެ.
ހުކުމުގައިވާ ގޮތުން، އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް މިދިޔަ ޖެނުއަރީ މަހުގެ 10ގައިވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އޭނާގެ މައްޗަށް ކަނޑައަޅަން ޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ މަތިކުރަން ޖެހޭނެއެވެ.
ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައި ވުމުން އަދަބު ލުއިވެއެވެ. އަދި އޭނާ ޝަރީއަތަށް ދިން އެއްބާރުލުމަށް ބަލައި، ކޯޓާއި ދައުލަތުގެ ވަގުތުތަކެއް ސަލާމަތްވެފައިވާތީ ފަނޑިޔާރުންނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްކުރުމަށް މައްސަލަ ބެއްލެވި ގާޒީ ޢާއިޝަތު ނުޒުހާ ނިންމެވީއެވެ.
އަސްލަމްގެ މައްޗަށް ޖެނުއަރީ މަހު ސާބިތުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ނެގި މައްސަލައިގައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒުކުރަން ހަމަޖެހުނީ, ތިން މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މަހު ވައްކަމުގެ އިތުރު މައްސަލައެއްގައި އޭނާ ބަންދުގެ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ވަނީ ކުށްކުރެވޭ މައިގަނޑު ސަބަބަކީ ޑުރަގް ބޭނުންކުރުން ކަމަށާއި އެހެންވެ ޖަލުގައި ބަންދުކޮށްދޭން އެދޭ ކަމަށް ބުނެފައެވެ. އޭނާ މީގެ ކުރިން 39 ފަހަރު ހައްޔަރުކޮށް، 19 ފަހަރު ބަންދުކޮށްފައިވާ އޭރު ބަންދު އަމުރުގައިވެއެވެ.
މީގެ އިތުރުން މިދިޔަ އޮކްޓޯބަރު މަހު އޭނާ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ވަދެ 500 ރުފިޔާއާއި ފޯނެއް ނެގި މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެ މައްސަލައިގެ ވެސް އިބްތިދާއީ އަޑުއެހުމުގައި އޭނާ ވައްކަމުގެ ދައުވާއަށް އިއުތިރާފުވިއެވެ.
އެ މައްސަލައިގައި މިދިޔަ އޭޕްރިލް މަހުގެ އޭނާގެ މައްޗަށްވަނީ 640 ގަޑިއިރު މުޖުތަމައަށް ޚިދުމަތް ކުރުމަށް އަންގައި، 24 ދުވަހުގެ ޖަލު ހުކުމެއްކޮށްފައެވެ.