ނައީމާގެ މަރުގެ މައްސަލައިގައި ތިން މީހަކަށް ދައުވާކުރަން ޕީޖީގައި އެދެފި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ-- ފޮޓޯ/ ކިޔުންތެރިއެއް

ނ. މަނަދޫގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖި) އޮފީހުގައި އެދިފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

މި ކަމާ ގުޅީގެން ފުލުހުން "ސަން"އަށް ބުނީ ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކުރަން އެދި ޕީޖީ އޮފީހަށް ހުށަހެޅީ މީގެ ފަސް ދުވަސް ކުރިން މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.

އެއާއެކު ޕީޖީ އޮފީހުގެ ޕަބަލިކް ޕްރޮސެކިއުޓަރު އިސްމާއީލް ޝަފީއު "ސަން"އަށް ވިދާޅުވީ މި ހަފުތާ ނިމުމުގެ ކުރިން އެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ހުށަހެޅުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރަން ފުލުހުން އެދިފައިވަނީ:

  • ހަސަން ފަވާޒު، 21 އަހަރު
  • އަބްދުލްވާހިދު ރިފާސް، 21 އަހަރު
  • އަހްޒަމް އަބްދުއްޝަކޫރު، 23 އަހަރު

މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވި އަހްޒަމް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ހަމައެއާއެކު ފަވާޒް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ނައީމާ ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނީ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.

comment ކޮމެންޓް