ސިޔާސީ މަސައްކަތް ނުކުރަން އަންގާފައިވަނިކޮށް އަލުން ޕާޓީގެ އޮފީހަށް ވަޑައިގެން ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވި މައްސަލަ އަދި ބަލައި ނުނިމޭ ކަމަށް ކަރެކްޝަންސްއިން މިއަދު ބުނެފިއެވެ.
ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ވަނީ ދީފައެވެ.
އެއާއެކު ޔާމީން ވަނީ ހުއްދަ ނެތި ސިޔާސީ ހަރަކާތްތައް ހިންގަވާފައެވެ. އެގޮތުން އެ މަނިކުފާނު މީގެ ކުރިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.
އެހެންވެ، ކަރެކްޝަންސްއިން ވަނީ އެއްބަސްވުމާ ޚިލާފަށް އަމަލުތައް ތަކުރާރުކުރައްވާނަމަ އިގުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އިންޒާރާ އެކު ސިޔާސީ މަސައްކަތްތަކުން ޔާމީން ފެނުން ހުއްޓުނެވެ.
ނަމަވެސް ހ. ހުރަފާގޭގައި ހުންނަ ޕާޓީ އޮފީހަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޔާމީން ވަޑައިގަތީ, އެ މަނިކުފާނުގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، އެ ގޭގެ ތިންވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ.
އެއާއެކު ކަރެކްޝަންސްއިން ބުނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކަރެކްޝަންސްއިން އަދި އެ މައްސަލަ ބަލައި ނުނިމެއެވެ. އެހެންވެ، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.
ސިޔާސީ ގޮތުން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު، ޔާމީން ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން އެ މަނިކުފާނު އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން އިސްވެ ހުންނަވައި މިހާރު އަންނަނީ ކުރައްވަމުންނެވެ.