ކައުންސިލަރުންގެ މުސާރަ 33 ޕަސެންޓް ބޮޑުކުރަން ކޮމިޓީގެ ލަފައެއް

ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް އިދާރާ

ކައުންސިލް މެންބަރުންގެ މުސާރައަށް 33 ޕަސެންޓްގެ ކުރިއެރުމެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ބަޖެޓު ކޮމެޓީއަށް ލަފާދޭން ލާމަރުކަޒީ ކޮމެޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓް ބޮޑުކުރުމުން ލޯކަލް ކައުންސިލަރުންނާ އެއް ހަމަ ނުވަތަ އެއަށްވުރެ ބޮޑުވެފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

އެ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ކައުންސިލުތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް އައިސްފައިވާ ބަދަލާ ގުޅިގެން ރަށު ކައުންސިލުތަކުގެ މެންބަރުންނަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ އެ އޮނިގަނޑާ އެއްހަމަ ކުރެވިފައިވާ މުސާރަތަކެއް ނޫން ކަމަށެވެ. އަދި އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ކޮމިޓީން ވަނީ ލަފާ ދީފައެވެ.

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒު-- ފޮޓޯ/ މަޖިލިސް އިދާރާ

އެ ކަންބޮޑުވުމަށް ރިއާޔަތްކޮށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކައުންސިލްގެ ރައީސާއި، ނައިބު ރައީސް އަދި ކައުންސިލް މެންބަރުންގެ މުސާރައަށް 33 ޕަސެންޓުގެ ކުރިއެރުމެއް ގެނައުމަށެވެ. އެގޮތުން:

  • ކައުންސިލް ރައީސަށް: 25،000 ރުފިޔާ
  • ކައުންސިލް ނައިބު ރައީސަށް: 20،000 ރުފިޔާ
  • ކައުންސިލް މެންބަރުންނަށް: 18،000 ރުފިޔާ

މީގެ ތެރޭގައި އަސާސީ މުސާރައިގެ އިތުރުން ލިވިން އެލަވެންސްގެ އިތުރުން ފޯނު އެލަވެންސް ހިމެނެއެވެ.

އެއާއެކު މިއަދުގެ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މާލިއްޔަތު ކޮމިޓީއަށާއި ބަޖެޓު ކޮމިޓީއަށް ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުރަން ލަފާ ދިނުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް