މެންބަރުންގެ އަދަދު ލިމިޓުކުރާ އިސްލާހު ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފަހައްޓަން ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލަން މިއަދު ނިންމައިފިއެވެ.

ޑިމޮކްރެޓުންގެ ފަރާތުން ހުށަހެޅީ 76 ގައި މަޖިލީސް މެންބަރުންގެ އަދަދު ހިފަހައްޓާށެވެ.

އެ އިސްލާހަށް މިއަދު ވޯޓަށް އެހުމުން، ވޯޓުގެ ބައިވެރިވި 50 މެންބަރުންގެ ތެރެއިން 38 މެންބަރުން ނިންމީ އެ އިސްލާހު ބަލައިނުގަންނާށެވެ. އިސްލާހު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

އިލްޔާސް ލަބީބު ހުށަހެޅުއްވީ މެންބަރުންގެ އަދަދު 76 ގައި ހިފަހައްޓާށެވެ. އެއީ، އިދާރީ ދާއިރާތަކަށް ހާއްސަ ކުރާ 55 މެންބަރުން ތިއްބެވުމަށާއި އިދާރީ ދާއިރާތައް ތަމުސީލުވާ ގޮތަށް އަށް އަންހެން މެންބަރުން ތިބުމަށެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމުސީލު ކުރާ ދެ މެންބަރުންނާއި ވޯޓު ލިބޭ ގޮތަކަށް ބެލުމަށް ފަހު ޕާޓީތަކުން އައްޔަންކުރާ 11 މެންބަރުންނެވެ.

ކުރީގެ 18 ވަނަ މަޖިލީހުގައި 83 މެންބަރުން ތިބިއިރު މި ހިނގާ 19 ވަނަ މަޖިލީހުގައި އެ އަދަދު ވަނީ 87 އަށް އިތުރުވެފައެވެ. އަންނަ މަޖިލީހުގައި އެ އަދަދު 93 އަށް އަރައެވެ.

ގާނޫނު އަސާސީ އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއް ހުންނަން ޖެހެއެވެ. އެހެންވެ، އާބާދީ ބޮޑުވާ ނިސްބަތުން ކޮންމެ އިންތިޚާބެއްގައި ވެސް އިތުރު ދާއިރާތައް އުފައްދަން ޖެހެއެވެ.

މެންބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރާއިރު، ހިފެހެއްޓުމެއް ނެތި މެންބަރުންގެ އަދަދު އިތުރުވުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް