ގަނާޗޯގެ މޮޅު ލަނޑާއެކު ޔުނައިޓެޑުން އެވަޓަން ބަލިކޮށްފި

ގަނާޗޯ އެވަޓަން ކޮޅަށް ގޯލް ޖެހުމަށް ބޯޅައަށް ހަރަކާތް ކުރަނީ / ފޮޓޯ: ދި ޓެލެގްރާފް

އަލެހަންޑްރޯ ގަނާޗޯގެ މޮޅު ލަނޑާއެކު އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އެވަޓަން ބަލިކޮށްފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ތިން ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަންއިންނެވެ. ނަމަވެސް އެޓީމަށް މިމެޗުގައި ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

އެ މެޗު ޔުނައިޓެޑުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. އަދި މިފޯރި އިތުރަށް ގަދަވީ މެޗުގެ ތިންވަނަ މިނެޓްގައި ގަނާޗޯ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. ގޯލަށް ފުރަގަސް ދީގެން ކަހަލަ ގޮތަކަށް ހުރެ އަރިމަތިން ޑިއޮގޯ ޑާލޮޓް ނަގައިދިން ހުރަސް ބޯމަތިން ޖަހައި ގޯލަށް ފޮނުވާލި ބޯޅަ ވަދެފައިވަނީ ވާތް ފަރާތު މަތީ ކަނަށެވެ.

މިލަނޑަށް ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. މިމެޗުގެ ފުރަތަމަ ހާފްގައި މިލަނޑުގެ އިތުރުން ޔުނައިޓެޑަށް އެވަޓަންގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވި ނަމަވެސް އެވަޓަންއަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މިމެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފަޑްއެވެ. އަދި ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ އެންތަނީ މާޝަލްއެވެ.

މި ކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު ވަނީ ކުޅުނު 13 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. މިއީ އެވަޓަންއިން ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ހިލާފު ވެފައިވަކަމަށް ބުނެ 10 ޕޮއިންޓް އުނިކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗު ފެށުމުގެ ކުރިން އެވަޓަންގެ ސަޕޯޓަރުންވަނީ ޕްރިމިއާ ލީގާމެދު އެފަރާތްތަކުގެ އޮތް ހިތްހަމަ ނުޖެހުން ވަރަށް ގަދަޔަށް ފާޅުކޮށްފައެވެ. އަދި ޕްރިމިއާ ލީގަކީ ކޮރަޕްޓް ތަނެއްގެ ގޮތުގައި ސަޕޯޓަރުން ސިފަ ކުރަމުންދިޔަތަން ފެނުނެވެ.

ދިހަ ޕޮއިންޓް ކަނޑާލުމާއެކު އެވަޓަން މިހާރު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އެވަޓަންއިން މިހާރު ދައްކަމުންދާ ކުޅުމާއެކު އެޓީމަށް މިކަމުން އަރައިގަނެ ރެލިގޭޓް ނުވެ ސަލާމަތް ވެވޭވަރު ވާނެއެވެ.

comment ކޮމެންޓް