އާ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް: އާމިރު

އިއްޔެގެ މަޖިލިސް ޖަލްސާގައި އާމިރް ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އާ ސަރުކާރަށް ދަތިވާނެ ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އާމިރު ވިދާޅުވީ ގައުމު މިވަގުތު އޮތް ހާލަތަށް ވިސްނައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ހިންގަން އެންމެން ވެސް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

އެ ވާހަކަފުޅާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން އާމިރު "ސަން"އަށް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި މި އިގުތިސާދީ އަނދަވަޅުން އަރައިގަތުމަށް ޓަކައި ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެގޮތަށް ފައިސާ ލިބިގެން ނޫނީ ގައުމުގެ އިގުތިސާދު އާރާސްތު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީން ވެސް ބަޖެޓު ކޮމިޓީގައި ވިދާޅުވެފައި ވަނީ ބޭރުގެ ފައިނޭންސް ލިބިގެން ނޫނީ ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގޭކަށް ނެތޭ، އޮޑިޓް އޮފީހުން ވެސް ހަމަ އެ ވިދާޅުވަނީ އެކައްޗެއް، އެމްއެމްއޭ ގަވަރުނަރު ވެސް ހަމަ އެ ވިދާޅުވަނީ އެކައްޗެއް،" އާމިރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތް މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާ ނަމަވެސް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމާ ބެހޭ ގޮތުން ބައެއް މެންބަރުން ވާހަކަދައްކަވާތީ، އެއީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެގޮތުން އެއީ ސިޔާސީ ހަލަބޮލިކަން އުފެއްދުން ކަމަށާއި، އެފަދަ ކަންކަން ހިނގާނަމަ ބޭރު ގައުމުތަކުން އެހީ ހޯދަން ދަތިވާނެ ކަމަށް، ބަޖެޓު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގައި 15 އަހަރު މަސައްކަތް ކުރައްވާފައިވާ އާމިރު ވިދާޅުވިއެވެ.

"ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަށް، އެންމެ ފުރަތަމަ ފޮނުވާ ނަންތަކަށް ރުހުން ދިނުމަކީ އެއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި މުޅިން ވެސް ކޮށްފައި ހުރި ކަންތައް. އެހެންވީމަ، އެކަން ނުކޮށްފި ނަމަ އޭގެ ސަބަބުން ދެން ނުކުންނާނެ ހަގީގީ ނަތީޖާއަކީ ރައްޔިތުންނަށް އޭގެ ނިކަމެތިކަން ލިބުން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ޒިންމާދާރުކުރުވުމުގެ ޒިންމާ ރައްޔިތުން މަޖިލީހާ ހަވާލުކޮށްފައި އޮތުމުން، އޭގެ މާނައަކީ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމުގައި އާމިރު ފާހަގަކުރެއްވިއެވެ.

"އެ ޖެއްސުން ކުރުމަކީ ހަމަ ދިވެހި ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް ކަމަށް ވާނީ. އަޅުގަނޑު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިގެން އައިސް މިހާތަނަަށް އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ އޭރެއްގައި އޮންނަ ސަރުކާރަކަށް ދޭން ޖެހޭ އެއްބާރުލުން ދީގެން އެ ދައުރުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރެވޭތޯ. އެހެންވީމަ ރައްޔިތުންގެ މަޖިލިސް ވެގެނެއް ނުވާނެ ސަރުކާރަށް ޖެއްސުން ކުރާ ބަޔަކަށް،" އޭނާ ވިދާޅުވިއެވެ.

އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މަޖިލީހެކޭ އެއްގޮތަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް ސަރުކާރަށް ޖެއްސުން ކޮށްގެން ނުވާނެ ކަމަށާއި ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރެވޭނެކަން އާމިރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގައި ބޭއްވި ބަހުސްގައި އޭނާ ވިދާޅުވީ، ދައުލަތުގެ އިސްރާފާއި ޚަރަދުތައް ކުޑަކޮށް، ރާއްޖެއިން ބޭރަށް ދާ ފައިސާ މަދުކޮށް، އާމްދަނީ ހޯދޭނެ ގޮތްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުން ނުވަތަ ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވާނެ ގާނޫނީ ހަމައެއް މަޖިލީހުން އެކުލަވާލަން ވެސް އޭނާ ގޮވައިލެއްވިއެވެ.

"އަޅުގަނޑު ވެސް ހަމަ އަޅުގަނޑުގެ ދާއިރާގެ ތައްގީއާއި ކުރިއެރުން ބޭނުންވޭ. އިންތިހާއަށް ބޭނުންވޭ. އެކަމަކު ދައުލަތަށް ލިބޭ އާމްދަނީ ހެޔޮ ގޮތުގައި ބޭނުން ކުރެވުނީމާ އެކަން ކުރެވޭނީ،" މަޖިލީހުގައި އާމިރް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީން، އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ދުރުކުރަން މަސައްކަތް ކުރަމުން ދިޔުމުން މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރާފައި އޮންނަތާ ދުވަސްތަކެއް ފަހުންނެވެ. އެމްޑީޕީން ބުނަމުން ދިޔައީ ނަޝީދު މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ނަމަ އާ ރައީސްގެ ހުވާ ގަބޫލުނުކުރާނެ ކަމަށާއި ކެބިނެޓް ފާސްކުރުމަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

ނަޝީދު ވަނީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން މާގިނަ ދުވަސްތަކެއް ނުވެ، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި ޔާމީނަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ޑރ. މުއިއްޒުގެ ކެބިނެޓަށް ނަންގަވާފައިވާ ބައެއް މިނިސްޓަރުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މަޖިލިސް މެންބަރުންވަނީ ދާދި ފަހުން ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމައިފައިހުރި، އަދި މިހާރު ދީފައިހުރި ބައެއް ގޯތިތައް އެހެން ސަަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވުމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އޭނާއަށް ރުހުން ނުދޭނެ ކަމަށް މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ.

ސެޕްޓެމްބަރު ނުވައެއްގައި އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭއިން ތާއިދުކުރީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށެވެ. ނަމަވެސް ދެވަނަ ބުރަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމީ ޑރ. މުއިއްޒަށް ތާއިދު ކުރުމަށެވެ.

އެމްޑީއޭގެ އެ ނިންމުމަށް ރައީސް މުއިއްޒު މަރުހަބާ ވެސް ދެންނެވިއެވެ.

comment ކޮމެންޓް