ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކަށް އިންޑިއާގެ އިންޒާރެއް

ގެއްލުންހުރި ކޮންޓެންޓް ފެތުރުން ހުއްޓުވުމަށް އަންގައި، ސޯޝަލް މީޑިއާގެ ބޮޑެތި ކުންފުނިތަކަށް އިންޑިއާއިން އިންޒާރެއް ދީފިއެވެ.

ފޭސްބުކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޑީޕްފޭކް އަދި ދޮގު މައުލޫމާތު ހިމެނޭ ކޮންޓެންޓްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށް އިންޑިއާގެ ސަރުކާރުން ގޮވާލައި ދިން އިންޒާރުގައި ބުނެފައިވަނީ އެފަދަ ކުންފުނިތަކުން އެގޮތަށް އަމަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުކުރު ދުވަހު ބައެއް ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމެއްގައި އިންޑިއާ ސަރުކާރުގެ އައިޓީ މިނިސްޓަރުގެ ނައިބު ރަޖީވް ޗަންދްރަޝޭކަރު ކުންފުނިތަކަށް ވިދާޅުވީ ލޮގިންވާ ކޮންމެ ފަހަރަކު ނުރައްކާތެރި ކޮންޓެންޓް ޕޯސްޓް ކުރުމާ ދެކޮޅަށް އަމަލުކުރާ އުސޫލްތައް ހަނދާން ކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން ޕޮޕްއަޕް މެސެޖްތައް ދެއްކުމާއި ގަވާއިދުން އީމެއިލް އިންޒާރު ދިނުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޗަންދްރަޝޭކަރު ސިފަކުރެއްވި ގޮތުގައި ސަރުކާރުން އަޅަން އަންގާ މި ފިޔަވަޅުތަކަކީ، އިންޑިއާގެ ގާނޫނުތަކާއި ސިޔާސަތުތަކާ ޚިލާފަށް އޮންލައިން ޕްލެޓްފޯމްތަކުގައި ދައުރުކުރާ ޕޯސްޓްތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކޮންމެހެންވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައި އަންގާ އެންގުމެކެވެ.

އޮފިޝަލް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެލާޓްތައް ތަންފީޒު ނުކުރެވޭނަމަ ކުންފުނިތަކަށް ފިޔަވަޅު އަޅަން މަޖުބޫރުވެދާނެ ކަމަށެވެ. މި އިންޒާރުތައް އައިސްފައި މިވަނީ، އޮޅުވާލައިގެން ދޮގު މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ޑީޕްފޭކް ވީޑިއޯ އާއި އޯޑިއޯ ފައިލްތަކާ ގުޅޭގޮތުން ވަކި ގަވާއިދުތަކެއް ހެދުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް ޕްލެޓްފޯމްތަކުގައި ޑީޕްފޭކްތަކާއި އެހެނިހެން ނުރައްކާތެރި ކޮންޓެންޓްތައް ފެތުރެމުންދާތީ އިންޑިއާ ނޫނަސް އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ ކަންބޮޑުވުންތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޑީޕްފޭކް އުފައްދަން ބޭނުންކުރާ ފަދަ އާޓިފިޝަލް އިންޓެލިޖެންސް ރަނގަޅަށް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

މުޅި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޓަނެޓް މާކެޓެއްގެ ހައިސިއްޔަތުން އިންޑިއާއިން ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ދައުރުކުރާ ޕޯސްޓްތަކުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދެފުށް ފެންނަ ގޮތްތައް ހަރުދަނާ ކުރުމަށް، އެމެރިކާގެ ޓެކް ކުންފުނިތަކަށް ޕްރެޝަރު ކޮށްފައެވެ.

comment ކޮމެންޓް