އެ ބޭފުޅުން ހަމަ އެހައި ބާރު ގަދައީތަ؟

ދުނިޔެ ބަދަލުކުރުމަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ ތަޢުލީމުކަމަށް ބުނެވޭ -- ފޮޓޯ / ހޮޓްކޯ.އިންފޯ

ތަޢުލީމަކީ ދުނިޔެ ބަދަލުކުރުމަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމަށް ބުނެވެއެވެ. މިވަރުގަދަ ހަތިޔާރާއެކު ދުނިޔެ ބަދަލުކުރުމުގެ ބުރަ މަސައްކަތް ކުރާ ބަޔަކީ މުދައްރިސުންނެވެ. އެއީ ދިރިއުޅުމުގެ މަޤްޞަދު ދަރިވަރުންނަށް ބުނެދީ ކާމިޔާބު ހޯދާނެގޮތް އެކުދީންނަށް ދަސްކޮށްދޭ މީހުންނެވެ. މާދަމާގެ ލީޑަރުންކަމަށްވާން ތިބި ތުއްތުކުދީންނަށް ހެޔޮނުބައި ވަކިކޮށްދިނުމުގެ ޒިންމާ ކޮނޑުއަޅައިގެން ތިބޭ މީހުންނެވެ. އެއްވެސް ކަންބޮޑުވުމެއްނެތި މައިންބަފައިން އެމީހުންގެ ލޯބިވާ ދަރީން މުދައްރިސުންނާ ޙަވާލުކުރަނީ އެމީހުންނަށް ފުރިހަމައަށް އިތުބާރުކޮށްފައެވެ. މި ބޮޑު އިތުބާރު ލިބިފައިވާ މުދައްރިސުންނަކީ ވަރަށް ބާރުގަދަ ބައެއްކަން ބަޔާންކޮށްދޭ ބުނުންތައް ގިނައެވެ. އެގޮތުން ޖޭ.ޑީ. ސެއިލިންގާ ބުނާގޮތުގައި، މުދައްރިސަކު ކަމެއް ކުރަން ބޭނުންވެއްޖެނަމަ އެކަމެއް ނުހުއްޓުވޭނެއެވެ. އެކަމެއް އެމީހުން ކުރާނެއެވެ. ހެންރީ ބީ. އެޑަމްސް ބުނެފައިވާގޮތުގައި، މުދައްރިސުންނަކީ ދަރިވަރުގެ މުޅި ޙަޔާތަށް އަސަރު ފޯރުވާ ބައެކެވެ. އެ މީހުންގެ ނުފޫޒު ހުއްޓެނީ ކިހައި ހިސާބަކަށްކަން ބުނެއެއްނުދެވޭނެއެވެ.

ޅަ އުމުރުގައި ކިޔަވައިދޭ އެއްޗެއް މުޅި އުމުރު ދުވަހު އެކުދީން ގެންގުޅެއެވެ. އެމީހުން ދަސްކުރި އެއްޗެއްގެ އަސަރުތައް މުޖުތަމަޢުން ފެންނާނެއެވެ. އެކުދީންނަށް އުނގަންނައިދިނުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބެނީ، ކަންކަމާއި ތަކެތި ސިކުނޑީގައި އެންމެ ފަސޭހައިން ބިންވަޅުނެގިގެންދާ އަހަރުތަކުގައެވެ. މި މުއްދަތުގައި، ހެޔޮ ތަރުބިޔަތާއި ރަނގަޅު އަޚުލާޤާއެކު މުޖުތަމަޢަށް މަންފާކުރަނިވި ދަރީންތަކެއް ނެރެ ކުރިއަށް އޮތް ޖީލުތައް ބިނާކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބިގެންވެއެވެ. މި ސަބަބަށްޓަކައި، މުދައްރިސުންނަކީ މުޖުތަމަޢުގައި އެންމެ މުހިއްމު މީހުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ދަރިވަރުންގެ ދިރިއުޅުން ރަނގަޅު ދިރިއުޅުމަކަށް މަގުފަހިވާނެހެން ތަރުބިޔަތު ކުރުމުގެ ޤާބިލުކަން މުދައްރިސުންގެ ކިބައިގައި ހުންނާނެއެވެ. ދަރިވަރުގެ މުސްތަޤުބަލަށްޓަކައި ތަފާތު މަގުތައް ދައްކައިދީ ކުރިއަށްދާން ހިތްވަރުދޭ ބަޔަކީ މުދައްރިސުންނެވެ. އެހެން ތަންތަނުން - އެއީ ގޭތެރެއިން ކަމަށް ވިޔަސް - ދަރިވަރަށް ނުލިބޭ ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން ފޯރުކޮށްދޭ ބަޔަކީ މުދައްރިސުންނެވެ. ދަރިވަރުގެ ޤާބިލިއްޔަތާއި އޭނާގެ ކިބައިގައި ހުރިނަމަ ހުރި ނުކުޅެދުންތެރިކަން ދެނެގަނެ އެއާ އެއްގޮތަށް ދަރިވަރުގެ ހުނަރުތައް ތަރައްޤީކޮށްދީ އުފެއްދުންތެރި ކުއްޖަކަށް ހަދައިދެނީ މުދައްރިސުންނެވެ. ދަރިވަރާއި މުދައްރިސުންގެ މި ވަރުގަދަ ގުޅުމުގެ އަސަރުވެސް އެހައިމެ ވަރުގަދައެވެ. އެހެންކަމުން ދަރިވަރުންތަކަކަށް އުނގަންނައިދިނުމުގެ ފުރުޞަތު ލިބުމަކީ މުޖުތަޢު ބަދަލުކޮށްލުމުގެ ފުރުޞަތު ލިބުމެވެ.

ދަރިވަރުންނާ މުދައްރިސުންނާ އޮންނަ ގުޅުން އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދެވޭނީ މުދައްރިސްގެ ކިބައިގައި ޚާއްޞަ ސިފަތަކެއް ހުރެގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ސިފައަކީ އޯގާތެރިކަމެވެ. މި އޯގާތެރިކަން މުހިއްމުވަނީ ހަމައެކަނި ދަރިވަރުންނާ މުޢާމާލާތުކުރުމަކަށް ނޫނެވެ. އެހެން މުދައްރިސުންނާއި މުވައްޒަފުންނާއި ބެލެނިވެރިންނާ މުޢާމަލާތުކުރުމުގައިވެސް އޯގާތެރިކަން ހުންނަންވާނެއެވެ. ދެވަނަ ސިފައަކީ ޝައުޤުވެރިކަމެވެ. އުނގަންނައިދިނުމުގެ ވަޒީފާއަކީ ސްޓްރެސް ބޮޑު، ބުރަ އުނދަގޫ ކަމެއްކަން ދަނެގެން އެކަމާ ކުރިމަތިލާންވާނީ ވަރުގަދަ ޝައުޤުވެރިކަމެއް ހުރެގެންނެވެ. ދިމާވެދާނެ ގޮންޖެހުންތަކާ ކުރިމަތިލައި ދަތި ޙާލަތްތައް އެއްފަރާތްކޮށް ކުރިއަށް ދިއުމުގެ ވަރުގަދަ ޢަޒުމާ އެކުގައެވެ. ވިސްނައި ފިކުރުކުރުމުގެ ސިފަވެސް ވަރަށް މުހިއްމެވެ. ދަރިވަރުން އަންނަނީ ކޮންތަނަކުންކަމާއި، އެ ކުދީންގެ ފަހަތުގައިވާ ކަންކަމާއި، އެ ކުދީންގެ ހުރި އުނދަގޫތަކާއި، އެކުދީންގެ ޤާބިލުކަންފަދަ ކަންކަން މުދައްރިސުން ފުންކޮށް ދެނެގަންނާންޖެހޭނެއެވެ.

ކެތްތެރިކަމުގެ ސިފަ ނެތްނަމަ މުދައްރިސްކަމުގެ ވަޒީފާއާ ޙަވާލުނުވާށެވެ. ހަމައެކަނި ދަރިވަރުންނަކަށްނޫނެވެ. އެއާއެކު މަދަރުސާގެ މުޅި ނިޒާމުގައި ހިނގާ ކަންކަމާއި ބެލެނިވެރިންނާމެދުގައި ހިނގާ މުޢާމަލާތްތަކުގައިވެސް ކެތްތެރިކަން އިސްކުރަންވާނެއެވެ. މުދައްރިސަކު ކުރަންޖެހޭ އެންމެ މުހިއްމު އަނެއްކަމަކީ ރަނގަޅަށް ތައްޔާރުވުމެވެ. ޙަޤީޤަތަށް ބަލާއިރު، އިޚްލާޞްތެރި މޮޅު މުދައްރިސުން ނިދާނީވެސް ކާނީވެސް ހިނގާނީވެސް ދަރިވަރުންގެ ކަންކަން ބޮލުގައި ބައިންދައިގެންނެވެ.

މުދައްރިސުންގެ ފަރާތުން ލިބޭ ފިލާވަޅުތަކާ އެކު، އެ މީހުންގެ ފުށުން ދަރިވަރުން ލިބިގަންނަ އެންމެ ނުފޫޒުގަދަ އެއްޗަކީ "ނަމޫނާ" އެވެ. ދަރިވަރުން އެންމެ ފަސޭހައިން ނަމޫނާކަމުގައި ބަލައިގަންނަނީ މުދައްރިސުންނެވެ. އެކި މުދައްރިސުންގެ އެކި ސިފަތައް ދަރިވަރުން ނަކަލުކޮށް އެގޮތަށް އުޅެއެވެ. ވަރަށް ނާދިރު ޙާލަތެއްގައި ނޫނީ، މުދައްރިސަކު ބުނެދީފި އެއްޗެއްގެ ތެދުކަމާމެދު ސުވާލެއްވެސް ކުރުމެއް ނޯންނާނެއެވެ. މަންމަ ނުވަތަ ބައްޕަ ބުނެދޭ އެއްޗަކަށްވުރެ، މުދައްރިސަކު ބުނެދީފައިވާ އެއްޗެއްގެ ޞައްޙަކަން ދަރިވަރަށް މާ ބޮޑުވާނެއެވެ.

އިސްވެ ދިޔަ ވާހަކަތަކަށް ބަލައިލުމުން، މުދައްރިސުންނަކީ ދަރިވަރުންގެ ޙަޔާތުގައި ކިހައި ނުފޫޒުގަދަ ބައެއްކަން ކޮންމެވެސް ވަރަކަށް އެނގޭނެއެވެ. ނަމަވެސް އަހުރެމެންގެ މުޖުތަމަޢަށް ބަލާއިރު، މި ވަރުގަދަ ނުފޫޒާއި ބާރު ލިބިފައިވާ މުދައްރިސުންގެތެރެއިން ވަރަށް ގިނަ ބަޔަކު އަހުރެމެންގެ މާދަރީ ބަހާމެދު ކަންކުރަނީ ހާދަހައި ދެރަކޮށެވެ. ޚިޔާލެއް ފިކުރެއްނެތި ދިވެހި ބަސް ހަލާކުކޮށްލަނީއެވެ. އެންމެ ތުއްތު ކުދިންނާވެސް ވާހަކަ ދައްކަނީ ދިވެއްސާއި އިނގިރޭސި ބަސް މަސްހުނިކޮށްގެންނެވެ. އަވަހަށް ސިޓްކޮށްލާށެވެ. ޓީޗަރު އަންނަންދެން ކުދިން ވެއިޓްކޮށްލާށެވެ. ވޯކް ހަދާ ނިމިގެން ހޭންޑް ރެއިޒް ކޮށްލާ ކުދިންނަށް ސްޓާއެއް ލިބޭނެއެވެ. އަދި މިވަރަކުން ނުނިމެއެވެ. ބެލެނިވެރިންނާ ވެސް ވާހަކަދައްކަނީ ހަމަ މިގޮތަށެވެ. 'ޕޭރަންޓްސް ކުދިންނާއެކީ ޓައިމް ސްޕެންޑް ކޮށްލައްޗެވެ'. 'ވޯކް' ހަދުވާއިރު 'ކަލާކޮށްލާނީ' ދަރިވަރު ލައްވައެވެ. 'ސަޓަޑޭގައި އޮންނަ އިވެންޓުގައި ހުރިހާ ޕޭރަންޓްސް ޕާޓިސިޕޭޓްކޮށްލަންވާނެއެވެ.' މަދަރުސާގެ އަންނަނީ އަހަރީ ދުވަހެއްނޫނެވެ. 'ސްކޫލް އެނިވާސަރީ'އެވެ. "މާދަރީ ބަހުގެ ދުވަހުގައި" ވަޑައިގަންނަވަނީ 'ޗީފް ގެސްޓް'އެވެ. ވަޑައިގަންނަވާއިރު 'ވެލްކަމް' ކިޔާނީ ސްކޫލް 'ޕޯސްޓުން'ނެވެ. ހުރިހާ 'ސްޓޫޑެންޓްސް' ތިބޭނީ 'ލައިން'ގައެވެ.

އަންނާން އޮތް ޖީލުތައް ބަދަލުކޮށްލުމުގެ ބާރު ލިބިފައިވާ މުދައްރިސުންގެ ފަރާތުން ނަކަލުކޮށްގެން، ހުރިހާ ދަރިވަރުންހެން މިހާރު ވާހަކަ ދައްކަނީ އިސްވެ ބުނި ގޮތަށެވެ. ބަހާއި އަދަބިއްޔާތާއި ޤައުމިއްޔަތަށް ސަމާލުކަމެއްނުދޭ މީހުންނަށް ކަމަކަށްނުވިޔަސް މިއީ އިންތިހާއަށް ދެރަ ކަމެކެވެ. ބަސް ދިރުވައި ތަރައްޤީކުރަން މަދު ބަޔަކު މަސައްކަތްކުރާއިރު، މަދަރުސާތަކުން އެއާ އިދިކޮޅަށް މަސައްކަތްކުރުމުން ހެޔޮ ނަތީޖާއެއް ފެނިދާނެކަމަށް އުއްމީދުކުރެވޭހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް