އިހުގެ ޚުޠުބާތައް ނިންމައިލާއިރު ހަނދާންކޮށްދޭ ވަރަށް މުހިއްމު ކަމެއް އޮވެއެވެ. އެއީ ((إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ...))(ނިސާ: 58) "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުންކުރާނަމަ، ޢަދުލަށް ހުކުންކުރުމަށްވެސް، އަމުރު ކުރައްވަތެވެ." މިއީ އިސްލާމްދީނުގެ މައިގަނޑު ދެބައިގެތެރެއިން ދުނިޔެވީ ބައި އެންމެ ފުރިހަމައަށް ބަޔާންކޮށްދޭ އާޔަތެވެ. މިއާޔަތާއި އަދި މިނޫންވެސް ވަރަށް ގިނަ ދަލީލުތަކުން އެނގޭގޮތުގައި އަމާނާތަށް ރައްކާތެރިވުމަކީ، އަމާނާތެއް ހަވާލުވެއްޖެ ކޮންމެމީހަކަށްމެ ވާޖިބުވެގެންވާ ކަމެކެވެ. މިކަމުގައި ވަކި މީހަކު އިސްތިސްނާވެގެން ނުވެއެވެ.
އަމާނާތްތަކުގެތެރެއިންވެސް އެންމެ ބޮޑުވެގެންވާ އަމާނާތަކީ ގައުމެއްގެ ވެރިކަމާ ހަވާލުވުންކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ އެއީ ވަކި ފަރުދެއްގެ ބަދަލުގައި، ގައުމުގެ އެންމެން ހިމެނޭހެން އެތައްހާސް ރައްޔިތެއްގެ ހައްގުތައް ބަލަހައްޓައި އެބައިމީހުންގެ ކަންތައްތައް ކޮށްދޭނެކަމަށް ޒިންމާވާ ޚުޠޫރަތްތެރި ވަޒީފާއެވެ. މިޒަމާނަށް ބަލާއިރު، ވެރިކަމަށް ވާދަކުރާ ފަރާތްތަކުން ރައްޔިތުންގެ ގާތަށް އަންނަނީ ވަރަށް ގިނަ ވައުދުތަކަކާ އެކުގައެވެ. ވެރިކަން ލިބިއްޖެނަމަ ކުރާނެ އަދި ނުކުރާނެ އެތައްކަމެއް ހިމެނޭ 'މެނިފެސްޓޯ' އަކާއިގެންނެވެ.
އަމާނާތަށް ރައްކާތެރިވާ ވެރިޔަކުނަމަ އޭނާގެ ވެރިކަމެއްގައި ކުރާނެ އަދި ނުކުރާނެކަމަށް ބުނެފައިވާ ހުރިހައި ކަމަކާމެދު ހުޝިޔާރުވާންޖެހޭނެއެވެ. ވާދަވެރީން ބަލިކޮށް ވެރިކަމަށް އާދެވުނީ އެތައް ބައެއްގެ ވޯޓުންކަމާއި، ވޯޓު ދިން މީހުންގެ އުއްމީދުތަކެއް ހުންނާނެކަމާއި، އެ އުއްމީދުތައް ފުރިހަމަކޮށްދިނުމަކީ ކޮންމެހެން ކުރާންޖެހޭނެކަމެއްކަން ހަނދާނުގައި ބަހައްޓައި، ޢަމަލީގޮތުން އެކަންކަން ދައްކާންޖެހޭނެއެވެ. މިއާ ޚިލާފަށް ޢަމަލުކުރާނަމަ އޭގައި ވަރަށް ގިނަ ނުބައި ކަންތައްތަކެއް އެކުލެވޭނެއެވެ. ދޮގު ހެދުމެވެ. ވައުދާ ޚިލާފުވުމެވެ. އަމާނާތަށް ޚިޔާނާތްތެރިވުމެވެ. އަދި މިތިން ސިފަ ހުރެއްޖެނަމަ އެއީ ވަރަށް ނުރައްކާތެރި ހާލަތެއްގައިވާ މީހެއްކަން ޙަދީޘުން އެނގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. آيةُ المُنافِقِ ثلاثٌ: إذا حدَّثَ كذَبَ، وإذا وعَدَ أخلَفَ، وإذا ائْتُمِنَ خان (متفق عليه) 'މުނާފިޤުންގެ ޢަލާމާތް ތިނެކެވެ. (އެއީ) ވާހަކަދައްކާނަމަ ދޮގުހެދުމާއި، ވަޢުދެއް ކޮށްފިނަމަ އެއާ ޚިލާފުވުމާއި އަދި އަމާނާތެއް ހަވާލުވެއްޖެނަމަ އެއަށް ޚިޔާނާތްތެރިވުމެވެ.'
އާއްމުގޮތެއްގައި، ވެރިކަމަށް އަރާ ފަރާތްތަކުން ވެފައި ހުންނަ ވައުދުތަކާ ޚިލާފުވާ ގޮތުގެ ބައެއް މިސާލަށް ބަލައިލަމާ ހިނގާށެވެ. ސަރުކާރުގެ އިސްފަރާތްތަކުގެ ޢާއިލާއާއި ގާތްމީހުންނާއި ވެރިކަން ހިންގާ ޕާޓީގެ ނަގާކިޔާމީހުންނަށް އެއްވެސް އިންސާފެއްނެތި މަގާމުތަކާއި ޕްރޮމޯޝަންތައްދީ ހެދުމަކީ ކުރީގެ ސަރުކާރުތަކުން ކުރަމުންދާ ވިޔާނުދާ ކަންކަމޭ، ތިމަންނާމެން އެގޮތަކަށް ނުހަދާނަމޭ ބުނުމަށްފަހު، ހަމަ އެކަންކަން ތަކުރާރު ކުރާނަމަ އެއީ ވައުދާ ޚިލާފުވުމެވެ.
ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ މަތީ ފަންތީގެ މަގާމުތައް ގިނަ ނުކުރާނެކަމަށް ވައުދުވެފައި އެއާ އިދިކޮޅަށް ކަންތައް ކުރާނަމަ އެއީ ވައުދާ ޚިލާފުވުމެވެ. މަޤާމުތަކަށް އައްޔަނުކުރާނީ ކަމަށް އެކަށީގެންވާ ފެންވަރު ރަނގަޅު މީހުންކަމަށް ވައުދުވިޔަސް އެކަން އެގޮތަށް ދާ މަންޒަރު ރައްޔިތުންނަށް ނުފެންނަނަމަ އެއީ ވައުދާ ޚިލާފުވުމެވެ.
ގައުމުގެ އިގުތިސާދީ ހާލަތު ދަށަށްދާ ދަނޑިވަޅުތަކުގައި، ވެރިން އާދައިގެ ދިރިއުޅުމަކަށް ތިރިނުވެ، އާއްމު ރައްޔިތުން އެކަނި އޭގެ ދަތިކަން ތަޙަންމަލުކުރަން ޖެއްސުމަކީ ވައުދާ ޚިލާފުވުމެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާތަން ނުދައްކައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ، އެކަންކަން އެހެން ވިޔަނުދޭނެކަމަށް ވައުދުވެފައިވާ ވެރީން އެ ވައުދާ ޚިލާފުވުމެވެ.
މިތަނުގައި ފާހަގަކޮށްލާންޖެހޭ އެހެން ނުކުތާއެއްވެސް އެބަ އޮތެވެ. އިގުތިސާދީ ކާރިސާއެއްގެތެރެއަށް ގައުމު ވެއްޓިގެންދިއުންފަދަ ސީރިޔަސްކަން ބޮޑު މައްސަލަތަކާ ބެހޭގޮތުން، ރައްޔިތުންނަށް ދޭންޖެހޭ މުހިއްމު މެސެޖުތައް އިއްވުން އެންމެ އައުލާވެގެންވަނީ ސީދާ ވަލިއްޔުލްއަމްރެވެ. އެއީ އެއްވެސް ހަރުދަނާކަމެއްނެތި އެކިފަހަރު އެކި މީހުން ލައްވައި އެކިގޮތަށް ދައްކާންޖެހޭ ވާހަކަތަކެއްނޫނެވެ. މިފަދަ މައްސަލަތަކާމެދު ސިޔާސީ ހަރުގެތަކުގައި ތިބެގެން، ސިޔާސީ ޖަޒުބާތުގައި ހިތަށް އެރިހައި އެއްޗެއް ކިޔާނަމަ ރައްޔިތުންނަށް ވާނުވާ އޮޅި ބޮޑު ހާސްކަމެއްގެތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެއެވެ.
ދައުލަތުގެ ޚަޒާނާއަކީ ވެރިކަމަށް އަރާ މީހުން ބޭނުންހައި ގޮތަކަށް ބަހައި ހުސްކުރަން ލިބޭ އަމިއްލަ މުދަލެއްނޫނެވެ. އެއީ އެބައިމީހުންނާ ހަވާލުވެވިފައިވާ ބޮޑުވެގެންވާ އަމާނާތެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ (އަންފާލު: 27) 'އޭ އީމާވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުންޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގި ތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!'
ދައުލަތުގެ ޚަޒާނާ ނިސްބަތްވަނީ އެ ދައުލަތެއްގެ އެންމެހައި ރައްޔިތުންނަށެވެ. އެއީ ގައުމުގެ އެންމެންގެ ހިއްސާ އެކުލެވިގެންވާ އެތައް ބައެއްގެ މުދަލާއި ފައިސާއެވެ. މީސްތަކުންގެ މުދާތައް ބާޠިލު ގޮތުގައި ކެއުމަކީ ހަރާން ކަމެކެވެ.(ބަޤަރާ: 188)
ޝަރުޢީ ޤާޢިދާގައިވެއެވެ. التَّصَرُّفُ عَلَى الرَّعِيَّةِ مَنُوْطٌ بِالْمَصْلَحَةِ "ރައްޔިތުންނާބެހޭގޮތުން (ވެރިޔަކުކުރާ) ކޮންމެ ތަޞައްރުފެއްވެސް އޮންނާންޖެހޭނީ (ރައްޔިތުންގެ) މަޞްލަޙަތާ އެއްގޮތަށެވެ." ގައުމެއްގެ ނިސްބަތުގައިނަމަ ރައްޔިތުންނަކީ އެ ގައުމުގެ އެންމެންނެވެ. އެއީ ވަލިއްޔުލްއަމްރާއި ސަރުކާރުގެ އިސްވެރީންނަށް އެކަނި ނިސްބަތްކުރެވޭ ޚާއްސަ ނަމެއްނޫނެވެ. ވުމާއެކު، މި ބުނި ފަރާތްތަކަށް ދައުލަތުން ލިބޭ މަންފާތައް ބަރާބަރަށް ލިބިދިނުމާއެކު ރައްޔިތުން ބަނޑަށްޖެހޭން ދޫކޮށްލުމީ ބޮޑުވެގެންވާ އަނިޔާއެކެވެ. އަނިޔާވެރިވުމަކީ ﷲ ތަޢާލާ އެކަލާނގެ އަމިއްލަ ޒާތުފުޅަށްވެސް ހަރާންކުރައްވާފައިވާ ކަމެކެވެ.(މުސްލިމު: 2577)
ކޮންމެކަހަލަ މަސްއޫލުވެރިއަކަށްވިޔަސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި އިންޒާރުގެ ބަސްފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً، يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ، إِلَّا حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ (متفق عليه) 'މާތް ﷲ އަޅަކަށް ބެލެހެއްޓުމެއް ހަވާލުކުރައްވާފައިވަނިކޮށް، އެ ބެލެހެއްޓުމާމެދު ޚިޔާނާތްތެރިވެފައިވާ ހާލުގައި އޭނާ މަރުވެއްޖެނަމަ، އެ މީހެއްގެ މައްޗަށް ސުވަރުގެ ހަރާން ނުކުރައްވާ ނުދެއެވެ.'