އިންސްޓަގްރާމްގެ ރީލްސް މިހާރު ގެލެރީއަށް ޑައުންލޯޑް ކުރެވޭނެ

އިންސްޓަގްރާމުން ވަނީ މި އަހަރުގެ ކުރީކޮޅު، އެމެރިކާގައި ޕަބްލިކް އެކައުންޓްތަކުން ޕޯސްޓްކުރާ ރީލްސް ޑައުންލޯޑް ކުރުމުގެ ފުރުސަތު ތައާރަފުކޮށްފައެވެ. އެ ކުންފުނިން މިހާރު ވަނީ މި ފީޗާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސްޓާގްރާމް ޔޫޒަރުންނަށް ތައާރަފުކުރަން ފަށައިފައެވެ.

މީގެ ކުރިން އިންސްޓަގްރާމްގެ ޕަބްލިކް ޕްރޮފައިލްތަކުގައިވާ ރީލްތައް ހިއްސާ ކުރެވޭނީ ނުވަތަ ސޭވް ކުރެވޭނީ ސީދާ އެ މީހުންގެ ސްޓޯރީސް ނުވަތަ ޑީއެމްއަށް އެކަންޏެވެ. ނަމަވެސް އާ ފީޗާގެ އެހީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އިންސްޓާގްރާމް ޔޫޒަރުންނަށް މިހާރު ޑައުންލޯޑް ކޮށްފައިވާ ރީލްސް އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ހިއްސާ ކުރެވޭނެއެވެ.

އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ އޭނާގެ ބްރޯޑްކާސްޓް ޗެނަލް މެދުވެރިކޮށް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕަބްލިކް އެކައުންޓްތަކުން ޝެއާކުރާ ރީލްސް މިހާރު ޑައުންލޯޑްކޮށް ސީދާ ކެމެރާ ރޯލަށް ސޭވް ކުރެވޭނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ނެޓިވްކޮށް ޑައުންލޯޑް ކުރާ ކޮންމެ ރީލެއްގައި ވެސް ވޯޓާމާކްގެ ގޮތުގައި އެ ރީލް އުފެއްދި ފަރާތުގެ އިންސްޓަގްރާމް ހޭންޑްލް އިންނާނެއެވެ.

މި ފީޗާ އަދި ހުރިހާ ޔޫޒަރުންނަށް ރޯލްއައުޓްކޮށް ނުނިމޭތީ ފަހަރެއްގައި ބައެއް މީހުންނަށް މި ވަގުތު މި ފީޗާ ނުފެނުން އެކަށީގެންވެއެވެ.

ރީލްސް ޑައުންލޯޑް ކުރެވޭ ފީޗާއެއް ތަޢާރަފު ކުރިކަމުގައި ވިޔަސް ޕަބްލިކް އެކައުންޓްތަކުގައި ވެސް ރީލްސް ޑައުންލޯޑް ނުކުރެވޭ ގޮތް ހެދޭނެއެވެ. ރީލްސް އެހެން މީހުން ޑައުންލޯޑް ކުރަން ބޭނުން ނުވާނަމަ އެ ފީޗާ އޮފް ކޮށްލެވޭނެއެވެ.

އިންސްޓަގްރާމް ޔޫޒަރުންނަށް އަލަށް ތަޢާރަފުކުރި މި ފީޗާ މެދުވެރިކޮށް އަމިއްލަ އެކައުންޓްގައި ހުންނަ ސޭވްޑް ޑްރާފްޓްތަކުން ވޯޓާމާކެއް ނެތި އަމިއްލަ ރީލްސް ޑައުންލޯޑްކޮށް، ސްޓޯރީސް ނުވަތަ އިންސްޓަގްރާމް ޑީއެމް މެދުވެރިކޮށް ވެސް ހިއްސާ ކުރެވޭނެއެވެ.

ވަޓްސްއެޕް، ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ އެހެނިހެން އެޕްލިކޭޝަންތައް މެދުވެރިކޮށް ޕަބްލިކް ޕްރޮފައިލްތަކުން ޕޯސްޓްކުރާ ރީލްސް ޝެއާ ކުރުމަށް މީގެ ކުރިން ޖެހޭނީ ލިންކްތައް ކޮޕީކޮށް ޕޭސްޓް ކުރާށެވެ. ނަމަވެސް މިހާރު އާ އަޕްޑޭޓާ އެކު ކެމެރާ ރޯލްތަކަށް ސޭވްކުރާ އިންސްޓަގްރާމް ރީލްތައް ޔޫއާރްއެލް ކޮޕީނުކޮށް ސީދާ ވީޑިއޯ ފައިލެއްގެ ގޮތުގައި އެހެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މެދުވެރިކޮށް ޝެއާ ކުރެވޭނެއެވެ.

comment ކޮމެންޓް