ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއިން ބްރެޒިލް ބަލިކޮށްފި

މިމެޗްގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އޮޓަމެންޑީ / ފޮޓޯ: ދި އާންސްވާ އޯލަންޑޯ

ދެހާސް ސައްބީސްވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުން އަންނަ ކޮލިފައިން މެޗުތަކުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރި މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ.

ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 0-1ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ކޮންޓްރޯލުކުރީ އާޖެންޓީނާއިންނެވެ. ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަކޮށެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއެވެ.

މި މެޗުގައި ބްރެޒިލްއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބުވެފައެއް ނުވެއެވެ. އެ ޓީމުން ކުރަމުންއައި މަސައްކަތަށް އިތުރު ހުރަހަކަށްވީ މެޗުގެ 81 ވަނަ މިނެޓުގައި ބްރެޒިލްގެ ޖޯލިންޓަންއަށް ރަތް ކާޑު ދެއްކުމުންނެވެ. އެއާއެކު ބްރެޒިލަށް މެޗުގެ ބާކީބައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެެވެ.

ބްރެޒިލް ބަލިވެފައި މިވަނީ މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ތިންވަނަ މެޗުންނެވެ.

އާޖެންޓީނާގެ އެ މޮޅާއެކު އެ ޓީމު މިހާރުވަނީ މިހާތަނަށް ކޮލިފައިންގައި ކުޅުނު 6 މެޗުން 15 ޕޮއިންޓް ހޯދައި ތާވަލުގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

ބްރެޒިލް އުޅެނީ ހަތް ޕޮއިންޓާއެކު 10 ޓީމް ހިމެނޭ ދެކުނު އެމެރިކާ ސަރަހައްދުގެ ތާވަލްގެ ހަވަނައިގައެވެ.

މިއީ ދެކުނު އެމެރިކާ ސަރަހައްދުން ސީދާ ވޯލްޑް ކަޕަށް ކޮލިފައިވާ ޓީމުތަކުގެ ތެރެއިން ފަހު ޖާގައެވެ.

comment ކޮމެންޓް