ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސައުދީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ނިންމުން ނިންމައިފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގެ މައުލޫމާތު ހާމަކުރަމުން އެ ގައުމުގެ ގައުމީ ނޫސް އޭޖެންސީކަމަށްވާ "ވާސް"އިން ބުނީ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ..

އެގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވަނީ ރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއި ސައުދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަނެވެ.

ރާއްޖެއާއެކު ވިޔަފާރި އެއްބަސްވުމުގައި ސޮއިކުރަން ނިންމެވި ނިންމެވުމުގެ އިތުރުން، ސައުދީ ވަޒީރުންގެ މަޖިލީހުގެ އެ ބައްދަލުވުމުގައި މުހިންމު 15 ނިންމެވުމެއް ނިންމަވައިފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހުވައިކުރެއްވުމުގެ ގޮތުން އޮތް ޖަލްސާއަށް ވެސް ސައުދީގެ ފަރާތުން ޚާއްސަ މަންދޫބެއްވަނީ ވަޑައިގެންފައެވެ. ސައުދީގެ ފަރާތުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެ ގައުމުގެ އިކޮނޮމީ އެންޑް ޕްލޭނިން މިނިސްޓަރު ފައިސަލް ބިން ފާދިލް އަލް އިބްރާހީމެވެ.

އެއަަށްފަހު ފައިސަލްވަނީ ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވައި ވިޔަފާރިއާ އިގްތިޞާދުގެ ދާއިރާ އާއި އެ ނޫން ގިނަ ދާއިރާތަކަކުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާ ކުރައްވައިފައެވެ.

comment ކޮމެންޓް