އެމްޑީޕީގެ ރައީސާއި ނައިބު ހޮވާނެ ދުވަހެއް ނޭނގޭ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އެމްޑީޕީގެ ހުސްވެފައިވާ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރާނެ ދުވަހެއް އަދިވެސް ނުނިންމާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ ޕާޓީން އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. ކުރީ ސަރުކާރުގެ ފަހުކޮޅު އެމްޑީޕީ ތެރޭ އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ނަޝީދާއި ޝިފާޒު ވެސް ޕާޓީ ދޫކޮށްލީއެވެ.

އޭގެ ފަހުން، އެމްޑީޕީގެ އެންމެ އިސް ދެ މަގާމު އޮތީ ހުހަށެވެ.

ފައްޔާޒު މިއަދު "ސަން"އަށް ވިދާޅުވީ، ޕާޓީއަށް ރައީސަކާއި ނައިބެއް އިންތިޚާބު ކުރާނެ ދުވަހެއް އަދިވެސް ނިންމާފައިނުވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހަށް ރިޔާސީ ދައުރު ހަމަވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަކީ މިހާރު އެމްޑީޕީގެ އާންމު މެންބަރެކެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކުރީގެ ރައީސަކަށް ވަކި ހައިސިއްޔަތެއް ޕާޓީގައި ނޯވެއެވެ. އެހެންވެ، ޕާޓީ ހިންގުމުގައި މިހާރު ޞާލިޙްގެ ދައުރެއް ނެތެވެ.

"އެ ކަންކަން ކުރިއަށް ދާނެ ވަރަށް އަވަހަށް،" މި ވަގުތު އެމްޑީޕީގައި އެންމެ އިސްކޮށް ހުންނެވި ފައްޔާޒު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ

ކުރިން އެމްޑީޕީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ޞާލިޙް ހުންނެވީ، ވެރިކަމުގައި ހުންނެވުމުންނެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ މެންބަރަކު ރައީސްކަމުގައި ހުރެއްޖެ ނަމަ، އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ އެ ބޭފުޅެކެވެ. އެކަމަކު، ދައުރު ހަމަވުމާ އެކު އެ ހައިސިއްޔަތު ގެއްލޭނެއެވެ.

ކުރިން އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދާ އެކު ގުޅުން ގޯސްވީ ވެސް ޕާޓީގެ އެންމެ އިސް ލީޑަރަކަށް ޞާލިޙް ވެވަޑައިގަތުމުންނެވެ. ވެރިކަމުގައި ނިޒާމާ ގުޅޭ ގޮތުން ފުރަތަމަ އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، މި އަހަރުގެ ޖެނުއަރީގައި ބޭއްވި ރިޔާސީ ޕްރައިމަރީއަށް ފަޅައިގެން ދިޔައީއެވެ.

ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވީ، އެ މަނިކުފާނަށް ވަފާތެރި ބޭފުޅުންނާ އެކު ޕާޓީ ތެރޭ ވަކި ގޮތްޕެއް ހައްދަވައިގެން އުޅުއްވުމަށް ފަހު، އެ ބޭފުޅުން މެދުވެރިކޮށް ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި، ރަޖިސްޓްރީ ކުރުމަށް ފަހުގައެވެ.

comment ކޮމެންޓް