ޔާމީންގެ އެދުމަށް އެސްކުރޯ އެއްބަސްވުމުގެ މައްސަލަ ކޯޓުން ބާތިލުކޮށްފި

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދެމެދު ވެފައިވާ އެސްކުރޯ އެއްބަސްވުމާއި ޚިލާފަށް، ރައީސް ޔާމީންގެ ފައިސާ ބޭންކުން ހިފެހެއްޓުމުގެ މައްސަލަ ސިވިލް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ރައީސް ޔާމީން ވަނީ މިމަހުގެ 15 ވަނަ ދުވަހު ދައުވާ އަނބުރާ ގެންދިޔުމަށް ކޯޓަށް ހުށަހަޅައިފައެވެ.

ރައީސް ޔާމީނާއި އޭސީސީއާ ދެމެދު ވެފައިވާ އެސްކުރޯ އެއްބަސްވުމެއްގެ ބޭނުމަށް ބޭންކް އޮފް މޯލްޑިވްސްގައި އެސްކުރޯ އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކޮށްފައި ވަނީ 10 ޖޫން 2018 ގައެވެ.

ނަމަވެސް އެއްބަސްވުމުގަ ބަޔާންކޮށްފައިވާ 12 މަސް ދުވަހުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުމުގެ ޝަރުތުތަކާއި އެއްގޮތަށް ބޭންކަށް ޖަމާކޮށްފައިވާ ފައިސާ އަނބުރާ ދީފައެއް ނުވެއެވެ.

އެހެންވެ، އެ ފައިސާ ބޭންކުން ހިފަހައްޓައިފައި ވަނީ އެސްކުރޯ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައިިދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް، ރައީސް ޔާމީން ވަނީ ސިވިލް ކޯޓުގައި މިދިޔަ އަހަރުގެ ތެރޭ އެދިވަޑައިގެންފައެވެ.

ހަމައެއާއެކު އެއްބަސްވުމާ ޚިލާފަށް އެ ފައިސާ ބޭންކުން ހިފެހެއްޓުމުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުން އެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރިނަމަ ލިބޭނެ ފައިސާ ހިސާބުކޮށް ދައުވާކުރުމުގެ ހައްގު ކަނޑައެޅުމަށް ވެސް ވަނީ ސިވިލް ކޯޓުގައި އެދިވަޑައިގެންފައެވެ.

ގާނޫނު ބުނާގޮތުން ނަމަ ދައުވާ ލިބޭ ފަރާތަށް ދައުވާ ރައްދުކުރުމުގެ ކުރިން އެ ދައުވާއެއް އަނބުރާ ގެންދިޔުމަށް ހުށަހަޅައިފިނަމަ، އެ މައްސަލަ އަނބުރާ ގެންދެވޭނެއެވެ.

އެއާއެކު މި މައްސަލާގައި ސިވިލް ކޯޓުން ވަނީ ދައުވާ ލިބޭ ފަރާތުގެ އެއްވެސް ބަހެއް ހޯދުމުގެ އެއްވެސް މަގުސަދެއް އޮތް ކަމަށް ނުދެކޭ ކަމަށް ނިންމާފައެވެ.

އަދި މުޅި ދައުވާ އެއްކޮށް އަނބުރާ ގެންދިޔުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ސިވިލް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް