މި ސަރުކާރުން އެހެން ސަރުކާރަކަށް ވުރެ މަސްވެރިންނަށް އަޅާލާނެ ކަމަށް ވިދާޅުވި ނަމަވެސް، މަސްވެރިންގެ ޝަކުވާތައް އަޑު އަހާލަން ސަރުކާރަށް ނުކުރެނު ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ދެއްވީ އަނިޔާވެރި ހަދިޔާއެއް ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ، ސަރުކާރުން މަސްވެރީންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރި އިހުތިޖާޖު ރޫޅާލައި، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އިތުރު ދެ މީހަކު ހައްޔަރުކޮށް، ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.
ސިލްސިލާކޮށް އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މަސްވެރިންގެ ދުވަސް މަސްވެރިންނާ ބައްދަލުކުރީ ވަރަށް "އަނިޔާވެރި" ގޮތަކަށް ކަމަށެވެ.
ޔާމީން ވަނީ، މި ސަރުކާރުން ބޮޑު ކަންނެލި ގަންނަ އަގު 80 ރުފިޔާއާއި 100 ރުފިޔާއަށް ބޮޑުކުރަން ވައުދުވިކަން ފާހަގަކުރައްވައިފައެވެ.
ބޮޑު ކަންނެލި ބާނާ މަސްވެރިންގެ އިހުތިޖާޖަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާލަން މި ސަރުކާރަށް ނުކެރުނު ކަމަށެވެ. މަސްވެރިން މާލެ އައީ އެ މީހުންނަށް އަޑުއުފުލަން ކަމަށާއި، އެ ނޫން ގޮތަކަށް ރައީސް މުޢިއްޒުގެ ސަރުކާރަށް މަސްވެރިންގެ ކަންބޮޑުވުންތައް ނޭނގޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ފުލުހުން ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖު ރޫޅާލީ މުދަލަށް ގެއްލުން ދިނުމާއި ދަތުރުފަތުރަށް ހުރަސްއެޅުން ފަދަ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އެ އިހުތިޖާޖުގެ ތެރެއިން ނުކުރަނީސް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ދަންނަވަން މި އުޅެނީ ބިރުގަތީމަ، ނޫނީ ހިސާބަށް ވުރެ ރަހުމްކުޑަ ވީމަ މަސްވެރިންނަށް މަސްވެރިންގެ ދުވަހު ދިން ހަދިޔާއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
މަޢުރޫފް ހައްޔަރުކުރި ކުރުމަށް އިޝާރާތްކުރައްވައި ޔާމީން ވަނީ، ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަކީ ހައްޔަރުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، މަސްވެރިންނަށް ދަތިވާ ކަންކަން ސަރުކާރުން އަޑުއެހުމަށް ގޮވާލައްވައިފައެވެ.
މަސްވެރިންގެ ދުވަސް މީގެ ކުރިން ފާހަގަކުރާއިރު ސަރުކާރުތަކުން އޭރު ދެނީ އުފާވެރި ޚަބަރުތައް ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ، މަސް ކިރުމުގައި ދިމާވާ ދަތިތަކާއި ތެޔޮ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުތަކުން އޭރު ބުނާ ކަމަށެވެ. އެކަމަކު މި ސަރުކާރުން ކަންކުރީ ދިމާ އިދިކޮޅަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ ހައްޔަރުކުރި މަސްވެރިންގެ ހައްގުގައި ޝިޔާމް އެއްވެސް ވާހަކައެއް އަދި ވިދާޅުނުވާ ކަމަށެވެ. ޔާމީން ވިދާޅުވީ، އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"މި ދާއިރާގަ ހުރި މައްސަލަތައް އަޑުއަހާލަން ކެރެންވާނެ، އެކަމަކު އޭގެ ބަދަލުގަ އެ މީހުން ހިފައި ހައްޔަރުކޮށް، ހުރަގެއަށް ލައި، މިހެންނޫން ދެއްތޯ ކަންކަން ކުރަންވާނީ،" ޔާމީން ވިދާޅުވިއެވެ.