ސްޓާލިންކް އިންޓަނެޓް ޓާމިނަލްގެ އާ ޑިޒައިނެއް

ސްޓާލިންކް ސްޓޭންޑާޑް ޓާމިނަލް ފޮޓޯ: ސްޕޭސްއެކްސް

ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޓާމިނަލްގެ ޕާފޯމަންސް އަދި ޔޫޒަބިލިޓީއަށް ގިނަ އަޕްގްރޭޑްތަކެއް ހިމެނޭ ގޮތަށް އަލުން ޑިޒައިންކޮށްފައިވާ މުޅިން އާ ވާޝަނެއް ދައްކާލައިފިއެވެ.

ސްޓާލިންކްގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، އަލަށް ތަޢާރަފުކުރި މި ޓާމިނަލްގައި ކުރީގެ ސެޓަޕްގައި ހުންނަ ކަހަލަ މޮޓޯރައިޒްޑް ޕޮޒިޝަން ސިސްޓަމެއް ނުހުންނާނެއެވެ. އޭގެ ބަދަލުގައި މި ޑިވައިސްގައި ހުންނާނީ ކިކްސްޓޭންޑެއް ކަމަށްވާއިރު، ސެޓިލައިޓަށް ޕޮޒިޝަން ކުރަންޖެހޭނީ މެނުއަލް ކޮށްކަމަށް ސްޓާލިންކުން ބުނެއެވެ.

ސްޕޭސް އެކްސްގެ ސްޓާލިންކުން ބުނީ އަލަށް ތަޢާރަފްކުރި މި ސެޓަޕުން ސެޓެލައިޓް ސިގްނަލްތައް ފަސޭހައިން ނެގޭނެ ކަމަށެވެ. އެގޮތުން ކުރީގެ ސެޓަޕަށްވުރެ 10 އިންސައްތަ ފުޅާ ރޭންޖަކުން ސިގްނަލްތައް ކަވަރުކުރާނެ ކަމަށް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން އިތުބާރު ކުރެވޭ އިންޓަނެޓް ކަނެކްޓިވިޓީއަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ސްޓާލިންކްގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

އަލަށް ތައާރަފުކުރި ސެޓަޕް އަދި ޢާއްމުންކޮށް ބާޒާރަށް ނުނެރުނު ނަމަވެސް އެ ކުންފުނިން މިހާރު އަންނަނީ އެ ސެޓަޕް ޓެސްޓް ކުރުމުގެ ގޮތުން އެމެރިކާގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ސެލެކްޓެޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ސްޕޭސްއެކްސްއިން އަލަށް ތަޢާރަފުކުރި މި ޓާމިނަލްގައި ހާޑްވެއާ ވަރުގަދަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ވެސް ވިސްނާފައިވާއިރު، އާ ޓާމިނަލްއަކީ މުޅިން ޑަސްޓް ޕްރޫފް އަދި ވޯޓާޕްރޫފް ޓާރމިނަލެކެވެ. އަދި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މައްސަލައެއް ދިމާވެދާނެ ކަމަށްޓަކައި 60 މޭލަށް ވައިގެ ބާރުމިން އެރިކަމުގައި ވިޔަސް ސެޓަޕަށް މައްސަލައެއް ދިމާނުވާނެ ކަމަށް ސްޓާލިންކް ވެބްސައިޓްގައި ބުނެފައިވެއެވެ.

އާ ސްޓާލިންކް ކިޓުން އެންމެ ފަހުގެ "ވައިފައި 6" ރައުޓާ ކަވަރޭޖް ހަލުވިކޮށް ލިބޭއިރު، މި ރައުޓަރުގައި ކުރީގެ ވާޝަންގައި ނެތް އީތަނެޓް ޕޯޓްތައް ވެސް ހިމެނެއެވެ.

ސްޓާލިންކްގެ އާ ޓާމިނަލްގެ އަގުތަކުގެ ތަފުސީލުތައް ހާމަކޮށްފައި ނުވާއިރު، ސްޓާލިންކުން ބުނީ އަޕްގްރޭޑް ކޮށްފައިވާ މި ޓާމިނަލްގެ އަމާޒަކީ ސްޕޭސް އެކްސްގެ ސެޓެލައިޓް އިންޓަނެޓް ނެޓްވޯކް، ޚާއްސަކޮށް ދުރު ސަރަޙައްދުތަކުގައި ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުން ކަމުގައެވެ.

comment ކޮމެންޓް