ސްޓާލިންކް މަގުބޫލުވުމުން، ހިއުސްނެޓަށް ދެ ލައްކައަށް ވުރެ ގިނަ ކަސްޓަމަރުން ގެއްލިއްޖެ

ހިއުސްނެޓް އަކީވެސް ސްޓާލިންކް ފަދަ ޚިދުމަތްތަކެއްދޭ އެމެރިކާގެ ކުންފުންޏެއް --

ފުޅާ ދާއިރާއެއްގައި ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދޭ ސްޕޭސް އެކްސްގެ ސްޓާލިންކްގެ މަގުބޫލުކަން އިތުރުވެ ހިއުސްނެޓަށް 2023 ވަނަ އަހަރު ގާތްގަނޑަކަށް 224،000 ސަބްސްކްރައިބަރުން ގެއްލުނު ކަމަށް ހިއުސްނެޓްގެ ބެލެނިވެރި ކުންފުނި އެކޯސްޓާއިން ބުނެފިއެވެ.

އިކޯސްޓާގެ ސީއޯއޯ ޕޯލް ގަސްކޭ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ހިއުސްނެޓްގެ ސެޓެލައިޓް ބްރޯޑްބޭންޑް ސަބްސްކްރައިބަރުންގެ އަދަދަކީ ގާތްގަނޑަކަށް އެއް މިލިއަނެވެ. އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 224،000 ޔޫޒަރުންގެ ދަށްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ ހިލާފަށް ސްޓާލިންކް ތައާރަފްކުރިތާ ދެ މަސް ފަހުންވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނީގައި 1.56 މިލިއަން ކަސްޓަމަރުން ތިބި ކަމަށް ގަސްކޭ ވިދާޅުވިއެވެ.

ސްޓާލިންކްގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 2.2 މިލިއަނަށް ވުރެ މައްޗަށް އަރާއިރު އޭގެ ތެރެއިން 1.3 މިލިއަން މީހުން ތިބީ އެމެރިކާގައެވެ.

އެ ބަޔާނުގައި ސްޓާލިންކްގެ ނަން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ގަސްކޭ ވަނީ ހިއުސްނެޓްގެ ސަބްސްކްރައިބަރުން ގެއްލުމުގެ ސަބަބުތަކަކީ މައިގަނޑު ގޮތެއްގައި އެކުންފުނީގެ ކެޕޭސިޓީގެ ގޮންޖެހުންތަކާއި ވާދަވެރިންގެ ޕްރެޝަރާއި ކަސްޓަމާ ސްކްރީނިން ކަމަށް ވިދާޅުވެފައެވެ.

ގަސްކޭ އިތުރަށް ވިދާޅުވީ ހިއުސްނެޓް މަޑުމަޑުން ކޮންސިއުމާ ސޭލްސްއަށް ފޯކަސް ކުރުމުގެ ބަދަލުގައި އެންޓަޕްރައިޒް ކަސްޓަމަރުންނަށް ބަދަލުކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޑެލްޓާ އެއާލައިންސްގެ ޕަވާ އިން ފްލައިޓް ވައިފައިއަށް ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ވިއްކުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ 2024 ވަނަ އަހަރު އަޅުގަނޑުމެންގެ އެންޓަޕްރައިޒް ރެވެނިއު ފުރަތަމަ ފަހަރަށް ކޮންސިއުމާ ރެވެނިއުއަށްވުރެ އިތުރުވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ސްޓާލިންކާ ވާދަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އާ ޖުޕިޓާ 3 ސެޓެލައިޓެއް ތައާރަފުކޮށްފައެވެ. މިއީ 100 އެމްބީޕީއެސް އާ ހަމައަށް ޑައުންލޯޑް ސްޕީޑް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެޓެލައިޓެކެވެ.

ގަސްކޭ ވިދާޅުވީ ހިއުސްނެޓުން ޑިސެމްބަރު މަހުގެ ތެރޭގައި ސަބްސްކްރައިބަރުންނަށް އަޕްގްރޭޑް ކޮށްފައިވާ ސްޕީޑްތައް ދޭން ފެށި ކަމަށާއި ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅު ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ސަބްސްކްރައިބަރު ގެއްލުމުގެ މައްސަލަ ހައްލު ކުރުމަށް އެކަމުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއުސްނެޓްގެ އަހަރީ މައުލޫމާތު --

ސެޓެލައިޓް އިންޓަނެޓްގެ ވާދަވެރިކަން އިތުރުވަމުންދާއިރު، ސްޕޭސް އެކްސް އިން މި އަހަރުގެ ފަހުކޮޅު ވަނީ ޕޯޓަބަލް މިނީ ސްޓާލިންކެއް ތައާރަފު ކުރަން ނިންމައިފައެވެ.

އަނެއްކޮޅުން އެމެޒޯން އިން ވެސް ވަނީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އަމިއްލަ ސެޓެލައިޓް އިންޓަނެޓް ސިސްޓަމެއް ކަމަށްވާ ޕްރޮޖެކްޓް ކުއިޕާ ބީޓާ ޓެސްޓު ކުރުމަށް ނިންމާފައެވެ.

ހިއުސްނެޓަކީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ރަށްފުށުގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުންޏެކެވެ.

ޑިޝް ނެޓްވޯކް ބްރޭންޑްގެ ދަށުން 1990ގެ އަހަރުތަކުން ފެށިގެން ސެޓެލައިޓް ޓީވީ އާއި އިންޓަނެޓްގެ ޚިދުމަތް ދެމުން އަންނަ އިކޯސްޓާ ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި އުފެއްދީ 2011 ވަނަ އަހަރެވެ.

comment ކޮމެންޓް