މޯލްޑިވްސް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުޙައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް އޭނާ އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ރަައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަގާމާ ހަވާލުވެލެއްވުމުގެ ގޮތުން އޭނާވަނީ ކަސްޓަމްސް އޮފިސަރުންގެ ހުވާ ކުރައްވައިފައެވެ. މާނިއު އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
މީގެ ކުރިން މާނިއުވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެެރިކަމުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަން ކުރައްވައިފައެވެ.
މި މަގާމުގެ އިތުރުން ވެސް ރައީސްވަނީ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައިފައެވެ.
އެގޮތުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްވަނީ މިނިސްޓަރ ފެންވަރުގައި އައްޔަންކުރައްވައިފައެވެ.

މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ، ސްޓޭޓް މިނިސްޓަރު ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނުކުރައްވާފައެވެ. އެއީ:
- ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް، މުޙައްމަދު ފަހުމީ ހަސަން
- ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރުކަމަށް އިބްރާހީމް އާމިރު
- ރައީސްގެ ރަސްމީ ގެކޮޅުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފާތިމަތު ޝަމްނާޒް އަލީ ސަލީމް
- ކޮމިޝަނާ އޮފް ޕްރިޒަންސް ގެ މަގާމަށް ހަސަން ޒަރީރު