ލުކާކޫގެ 4 ލަނޑާއެކު ބެލްޖިއަމް އިން އަޒަރުބައިޖާން ބަލިކޮށްފި

ރޮމެލޫ ލުކާކޫ ވަނީ ޔޫރޯ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެގެން ގޮސްފަ / ފޮޓޯ: ވީ އެއިންޓް ގޮޓް ނޯ ހިިސްޓްރީ

ޔޫރޯ 2024 ކޮލިފައިންގެ ގްރޫޕް އެފްގައި ބެލްޖިއަމާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ބެލްޖިއަމުން ކާމިޔާބުކޮށްފިއެވެ.

ބެލްޖިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު 5-0 އިންނެވެ.

ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި، މުޅިހެން މުޅި މެޗު ކޮންޓްރޯލުކުރީ ބެލްޖިއަމެވެ. މި މެޗުގައި ބެލްޖިއަމްގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެެއް ދައްކައިފައވަނީ އެ ޓީމުގެ ކެޕްޓަން، ތަޖުރިބާކާރު ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

މި މެޗުގައި އޭނާ ވަނީ ހަތަރު ލަނޑު ބެލްޖިއަމަށް ކާމިޔާބުކޮށްދީފައެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖަހައި އޭނާވަނީ ލީޑު ނަގައިދީފައެވެ.

އަދި މެޗުގެ 26ވަނަ މިނެޓުގައި ދެވަނަ ލަނޑު ވެސް ޖަހައިދިނީ އޭނާއެވެ. އެ ލަނޑު ޖަހައި، ހަތަރު މިނެޓުގެ ތެރޭ ލުކާކޫވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކެއް ހަދައިފައެވެ. މެޗުގައި ލުކާކޫގެ ހަތަރުވަނަ ލަނޑު ޖަހަފައިވަނީ މެޗްގެ 37 ވަނަ މިނެޓްގައެވެ.

މިހަތަރު ލަނޑާއެކު ލުކާކޫ މިހާރުވަނީ އޭނާ ގައުމީ ޓީމަށް ކުޅެދިން 113 މެޗުގައި 83 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ފިރިހެނުންގެ ބައިނަލްއަޤްވާމީ ލަނޑު ލިސްޓުގެ ހަތްވަނައަށް އޭނާ ވަނީ ކުރިއަށް ޖެހިލައިފައެވެ.

މީގެ އިތުރުން މިއީ ބެލްޖިއަމް ޖާޒީގައި އޭނާއަށް އެއް މެޗެއްގައި ހަތަރު ލަނޑު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މީގެކުރިން އޭނާއަށް ހަތަރު ލަނޑު އެއް މެޗެއްގައި ކަމިޔާބު ކުރެވިފައިވަނީ 2017 ވަނަ އަހަރު އިންގްލިޝް ޕްރިމިއާ ލީގުގައި އެވަޓަންއަށް ކުޅުނުއިރު ބޯންމޯތާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

މި ކާމިޔާބީއާއެކު މި ފަހަރުގެ ޔޫރޯ ކޮލިފައިން ބެލްޖިއަމް ނިންމައިލައިފައި ވަނީ ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މި ގްރޫޕުން ދެވަނައިގައި އުޅެނީ 19 ޕޮއިންޓާއެކު އޮސްޓްރިއާއެވެ. އަދި އަޒަރުބައިޖާން ކޮލިފައިން ނިންމާލީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައި އޮވެގެންނެވެ.

comment ކޮމެންޓް