ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވުމާ ގުޅިގެން އެ ދާއިރާގެ ހިންގުން ވަގުތީ ގޮތުން މެޖިސްޓްރޭޓް މުޙައްމަދު އިސްމާއިލާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަގާމަށް މީހަކު އައްޔަންކުރެވެންދެން އެ މަގާމަށް ހަމަޖައްސައިފައިވަނީ މުހައްމަދު އިސްމާއިލް ކަމަށެވެ.
އެއާއެކު އެ ކޮމިޝަނުން މިއަދު ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމު މެޖިސްޓްރޭޓެއްގެ މަގާމަށް ދަށްކޮށްފައެވެ.
އޭނާގެ މަގާމު ދަށްކުރީ ވަރިވާން ދިޔަ އަންހެނަކަށް ގުޅުމުގެ ތުހުމަތާއި އެނޫންވެސް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާތީއެވެ.
އެ މައްސަލައިގައި، ފަނޑިޔާރުކަމުން ވަކިކުރަން ވެސް ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ފަހަރެއްގެ މަތިން ހުށަހަޅައިފައެވެ.
މީގެ އިތުރުން އެ އެ މައްސަލައިގައި އަލީ އާދަމްވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ. އޭނާ ސަސްޕެންޑުކުރީ އެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށް ޖޭއެސްސީން އޭރު ބުނެފައިވެއެވެ.