"އަތޮޅު ކައުންސިލްތައް އުވާލުމާއެކު، ހިންގުން މި ދިޔައީ ބައިގަރުނު ފަހަތަށް"

މާލޭގެ މޭޔަރު އާދަމް ޢާޒިމް، ވ. ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ، ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާތިފް، އަދި ބ. ކިހާދޫ ކައުންސިލްގެ ރައީސް ޙުސައިން ޝާފިޢު ---

އަތޮޅު ކައުންސިލްތައް އުވާލުމާއެކު، އަތޮޅުތައް ހިންގުމުގެ ނިޒާމު މި ދަނީ ބައިގަރުނު ފަހަތަށް ކަމަށާއި، އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ރައްޔިތުން ރަށުގައި ބަންދުވުން ކަމަށް، ބައެއް ކައުންސިލް ރައީސުންނާއި މޭޔަރުން ސިފަކުރައްވައިފިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމާއި ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރުން ފަދަ ބަދަލުތައް ގާނޫނުތަކަށް ގެނައުމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅޭގޮތުން، މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި، މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފާއި ވ. ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީއާއި ބ. ކިހާދޫ ކައުންސިލްގެ ރައީސް ޙުސައިން ޝާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން ގާނޫނު ބަދަލުކުރީ މާ ބޮޑު ދިރާސާއެއް ކުރުމެއް ނެތި، ރައްޔިތުންނާއި ކައުންސިލްތަކުގެ ޚިޔާލު ނުހޯދާ ކަމަށެވެ.

އެގޮތުން ގައުމީ ޔުނިވާސިޓީން ކުރި ދިރާސާއަކަށް އަލިއަޅުވާލައްވައި ޝާފިޢު ވިދާޅުވީ، އަތޮޅު ކައުންސިލްތައް މިހާރަށް ވުރެ ބާރުވެރިކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް އެ ދިރާސާގައި ލަފާދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަތޮޅު ކައުންސިލްތަކާ ގުޅިގެން ރަށްރަށުން މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީ ކައުންސިލްތަކުގެ ހަތަރުވަނަ ދައުރުގައި ކަމަށެވެ. އަތޮޅު ކައުންސިލްތައް މެދުވެރިވެގެން ހިންގި ހަރަކާތްތަކުގެ ސަބަބުން ކުދި ރަށްރަށަށް އެތައް ގޮތަކުން ނަފާ ލިބިފައިވާ ކަން ޝާފިޢު ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އަތޮޅު ލެވެލްގެ މި ފަށަލަ ދުއްވާލީމަ އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމު މި ދަނީ [ކުރީގެ ރައީސް] މައުމޫންގެ އިރަށް ވުރެވެސް ފަހަތަށް، [ކުރީގެ ރައީސް] ނާސިރުގެ ދައުރުގެވެސް ފަހަތަށް އަޅުގަނޑުމެން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޢާތިފް ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކަކީ މާލީގޮތުން މާ ފުދުންތެރި އިދާރާތަކެއް ނޫން ކަމަށެވެ. އެހެންވެ، ސަރުކާރުން ގާނޫނު ބަދަލުކުރީ ކައުންސިލްތަކުން ވިޔަފާރިކުރުން ހުއްޓުވައި، މާލީ ބާރުވެރިކަން ހޯދުމަށް ހުރަސް އެޅުމަށްޓަކައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ޚާއްސަ ހުއްދައެއް ނަގައިގެން މެނުވީ ކައުންސިލްތަކުގެ އިދާރާތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް ގެނައި ބަދަލާ ގުޅޭގޮތުން ޢާތިފް ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ކުޅުދުއްފުށީ ކައުންސިލްގެ އޮނިގަނޑުގައި ހިމެނޭ ހަ މަގާމަކަށް ކޮންމެހެން މުވައްޒަފުން ނެގުމަށް ދަތިތައް ދިމާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަށީގެންވާ މުއްދަތެއް ދައުރުގައި ނެތް ކަމަށް ބުނެ، މުވައްޒަފުން ނަގަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހުއްދަ ނުދިނީ ކަމަށެވެ.

"އެހެންނަމަވެސް ކައުންސިލަކީ ނުވަތަ މުއައްސަސާތަކަކީ އަބަދުވެސް ހިނގަމުން ދާން ޖެހޭ ތަންތަން، އިންތިޚާބީ މީހުން ފަސް އަހަރުން އިންތިޚާބުކުރި ނަމަވެސް، އިދާރާތަކާއި މުއައްސަސާތަކަކީ އެ ދުވަހުން ދުވަހަށް ރައްޔިތުންނަށް ޚިދުމަތްދީ ހިނގަމުން ދާންޖެހޭ ތަންތަން ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.

"އެގޮތަށް ކަންކަން ކުރައްވާނަމަ [މުވައްޒަފުން ނުނެގޭ ގޮތް ކައުންސިލްތަކަށް ގާނޫނަކުން ހަދާނަމަ] ރައީސުލްޖުމްހޫރިއްޔާވެސް ފަހު އަހަރު އެއްވެސް މުވައްޒަފަކު ސަރުކާރަށް ނުނެގޭގޮތަށް ގާނޫނު އިސްލާހުކުރަން އަޅުގަނޑުމެން ހުށަހަޅަން،"

ރައީސާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު: އަތޮޅު ކައުންސިލްތައް އުވާލުމާއެކު، ހިންގުން ދިޔައީ ބައިގަރުނު ފަހަތަށް ކަމަށް ބައެއް ކައުންސިލަރުން ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ޢާތިފް ވިދާޅުވިގޮތުގައި ބައެއް ޚިދުމަތްތައް ދިނުމާއި ބިންތައް ދޫކުރުމަށް ހުއްދަތައް ނުލިބޭތީ ކުޅުދުއްފުށި ކައުންސިލަށް މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ވެއްޖެއެވެ.

މާލޭގެ މޭޔަރު ޢާޒިމް ވިދާޅުވީ، ކައުންސިލްތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެ ލިބޭ ފަސް ޕަސެންޓުން މާ ފުރިހަމައަށް ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތްތައް ދެމުން އަންނަ ކަމަށެވެ. ޢާޒިމް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސަރުކާރުން ކުރާ ޚަރަދުގެ ވާނުވާ ރައްޔިތުންނަށް ނޭނގޭ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ ބޭކާރު ގޮތުގައި ބަޖެޓުގެ ބާކީ އޮތް 95 ޕަސެންޓު ޚަރަދުކޮށް އެކަން ފޮރުވަން ކަމަށެވެ.

ސަރުކާރުން ބަޖެޓުން މިހާތަނަށް ހިންގީ ކޮން މަޝްރޫއެއްތޯ، އަދި ކޮށްދިނީ ކޮން ކަމެއްތޯ ޢާޒިމް ސުވާލު އުފެއްދެވިއެވެ.

މިސްކިތްތަކާއި މައިޒާންތައް އިތުރުވެ، އެ ތަންތަން ބަލަހައްޓަން ބޭނުންވާ މުވައްޒަފުން ނަގަންޖެހޭ ކަން ވެސް ފާހަގަކުރައްވައި ޢާޒިމް ވިދާޅުވިގޮތުގައި އެލްޖީއޭގެ ހުއްދަ ނުނަގައި އެ ތަންތަނަށް ކޮންމެހެން ހޯދަންޖެހޭ މުވައްޒަފުންނެއް ނުލިބެއެވެ.

ވެރިކަން ކުރާ ޕާޓީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަން ފާސްކުރީ މިދިޔަ މަހުގެ 25ގައި -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑަށް މި ފާހަގަކުރެވެނީ މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާ ބަރިއާއި މިސްކިތްތަކުގެ ވުޟޫކުރާ ތަންތަން ރީތިކޮށް ހަދައި ނިންމައި ހުރި ތަންތަން ފެނިގެން އެތަން ހަލާކުކޮށްލުމުގެ ވިސްނުމެއްގައި މުވައްޒަފުން ނުދީ ހިފަހައްޓަނީއޭ،" އޭނާ ވިދާޅުވިއެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ، އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމި ނިންމުން ސިފަކުރެއްވީ "ރާއްޖެ އުފެދިފަ އޮތް ގުދުރަތީ އުފެދުމާވެސް ބީރައްޓެހި ހިންގުމުގެ" ބަދަލެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން އަތޮޅުތަކުގެ ހިންގުން ބޮއްސުން ލައިގެން ގޮސް ވިއްސި ވިހާލިވެގެން ދާނެ ކަމަށެވެ.

"މި ބަދަލާއެކު ރަސްމީކޮށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވާގޮތަކީ ރައްޔިތުން ރަސްމީކޮށް ރަށު ބަންދުވީ، ދެން އަތޮޅޭ ކިޔައިގެން ރަށު ރައްޔިތުން ދައްކާނެ ވާހަކައެއް ނޯންނާނެ،" ޝުޖާޢު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ހަތްވަނަ އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެ ދުވަހު އެ ބިލު ފާސްކުރީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ 75 މެންބަރުންގެ ވޯޓާއެކުގައެވެ.

އެ އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މި މަހުގެ އެކެއްގައެވެ.

comment ކޮމެންޓް