ކުޑަކުދިންގެ ދުވަހު ޣައްޒާގެ ކުދިން މަރަށް ތެޅެނީ

އިސްރާއީލުގެ ހަމަލާއެއްގައި ޒަޚަމުވެފައިވާ ފަލަސްތީނު ކުދިންތަކެއް. ދިރިއުޅުމުގެ ހައްގު އެ ކުދިންނަށްވެސް ލިބެންޖެހޭ --- ފޮޓޯ/ދަ ޓެލްގްރާފް

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 12،000 ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 5000 ކުޑަކުދިން ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޣައްޒާގެ ގާތްގަނޑަކަށް 1.5 މިލިއަން މީހުން ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރެއިން ވެސް ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ. އެ ކުދިންނަށް ބޭނުންވާ ފެނާއި ކާނާއާއި ތެލާއި ބޭސް ހުސްވަމުން އެބަދެއެވެ. އެ ތުއްތު ކުދިންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. އާއިލާތަކުގެ ގިނަ މީހުން ހަމަލާތަކުގައި ޝަހިދުވެފައިވާއިރު، ބައެއް ކުދިން ބަލާނެ މީހަކު ނެތި ރެފިއުޖީ ކޭމްޕްތަކުގައި ގަނަ ތެޅެނީއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހު ފަލަސްތީނުގެ ކުޑަކުދިން މަރަށް ތެޅެނީއެވެ. އެއްވެސް އިންޒާރެއް ނުދީ މީހުން އެތެރޭގައި ތިއްބާ އެތައް އިމާރާތެއް ގޮއްވާލައިފިއެވެ. ދިރި ތިއްބާ މަރާލަނީއެވެ. މިއަދު ދުނިޔެއަށް އުފަންވާ ކުއްޖާގެ ފުރާނަ ވެސް އެއްވެސް ރަހުމެއްނެތި ދުއްވާލަނީއެވެ.

އިސްރާއީލުގެ ލާއިންސާނީކަން ހައްދު ފަހަނައަޅައި ގޮސްފައިވާއިރު، އެންމެ ފަހުން ވެސް އެ މީހުންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެތައް ކުޑަކުދިންނެއް ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލަކަށެވެ.

ޣައްޒާގެ އެންމެ ބޮޑު އަލް ޝިފާ ހޮސްޕިޓަލުން ތެޔޮ ހުސްވެ ކަރަންޓު ކެނޑިފައިވާއިރު، އެ ތަނުގައި އިންކިއުބޭޓަރަށް ލާފައި ތިބި 30 އަށް ވުރެ ގިނަ ކުދިން އަދިވެސް އަންނަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

ހަމަލާތަކުގައި ޒަޚަމުވެފައިވާ ފަލަސްތީނު ދެ ކުދިން ފަރުވާއަށް ގެންދަނީ --- ފޮޓޯ/ދަ ޓެލެގްރާފް

ބޯނެ ފެންފޮދެއް ނުލިބި ފެން މަދުވެގެން ނުވަތަ ޑީހައިޑްރޭޓް ވެގެން އެތައް ކުއްޖަކު މަރުވެއްޖެއެވެ. ކާނާ ނުލިބި އެކަށީގެންވާ ބޭސް ފަރުވާ ނުލިބި ހޮސްޕިޓަލްތަކުގައާއި ވަގުތީ ހިޔާތަކުގައި ތިބި ކުޑަކުދިން ގުނާ އަދަދު ނުކުރެވެއެވެ.

ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި މަރުވި ކުދިންނަށް ވުރެ ޣައްޒާގައި މިހާތަނަށް މަރުވި ކުދިންގެ އަދަދު އިތުރު ކަމަށް އެންޖީއޯއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަންސްއިން އިން ވަނީ ހާމަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުން ޣައްޒާގައި ކޮންމެ ގަޑިއިރަކުން ފަސް ކުދިން މަރައިލައެވެ.

އދ ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ (ޔުނިސެފް)އިން އިއްޔެ ނެރުނު ބަޔާނެއްގައި ވާގޮތުން ހަނގުރާމަތަކުގައި ވެސް ގަވާއިދުތަކެއް ހުރެއެވެ. އެއްވެސް ކުއްޖަކު ޒަރޫރީ ޚިދުމަތްތަކުން މަހުރޫމެއް ނުކުރެވޭނެ ކަމަށާއި ރަހީނުކޮށް ނުވަތަ ނުވަތަ ހަނގުރާމައާއި ހަމަނުޖެހުންތަކުގައި ވެސް އެއްވެސް ކުއްޖަކު ބޭނުންކޮށްގެން ނުވާނެ ކަމަށް ޔުނިސެފުން ބުނެއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ބޮމުގެ ހަމަލާތަކުން ރައްކާތެރިކޮށް، އަސްކަރީ ބޭނުމަކަށް ބޭނުން ކޮށްގެން ނުވާނެއެވެ. އިސްރާއީލުގެ މި އަނިޔާވެރިކަމުގެ ސަބަބުން ކުޑަކުދިންނާއި އެ މީހުންގެ މުޖުތަމައުތަކަށް ކުރާ އަސަރު ކުރިއަށް އޮތް ޖީލުތަކަށް އުފުލިގެންދާނެ ކަމަށް ވެސް ޔުނިސެފުން ވަނީ ބުނެފައެވެ.

އަދި، ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލައި ކުޑަކުދިން މެރުން ހުއްޓާލުމަށް ޔުނިސެފުން ވަނީ ތަކުރާރުކޮށް ގޮވައިލައިފައެވެ.

އިސްރާއީލުގެ ހަަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ކުއްޖަކު މަގުމަތީގައި ނިދާފައި. އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ބައިނައިލްއަޤުވާމީ ފަރާތްތަކުން އަންނީ ގޮވާލަމުން -- ފޮޓޯ/ދަ ޓެލެގްރާފް

ނަމަވެސް އެއްވެސް ރަހުމެއްނެތި ޣައްޒާގެ ކުޑަކުދިންނާ އާންމުން މަރަމުންދާ އިސްރާއީލުން މީގެ އެއްވެސް ގޮވައިލުމަކަށް އިޖާބައެއް ނުދެއެވެ. އެ މީހުން ތިބީ ބައިނަލްއަޤުވާމީ ގާނޫނުތައް ބޮލާލާ ޖަހައި، މުޅި ދުނިޔެއާ ދެކޮޅަށް ތެދުވެއެވެ.

ފަލަސްތީނުގެ ތުއްތު ކުދިންނަށް ރައްކާތެރިކަން ދޭނެ ބަޔަކު ނެތެވެ. އެ ކަންކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައު މިހާރު ވެސް އޮތީ ފެއިލްވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދައުވާކޮށް، އިންސާނީ ހައްގުތައް ދަމަހައްޓާ ކަމަށް އަޑުތައް އަރުވާ އެމެރިކާ އަކީ އިސްރާއީލުގެ މިތުރެވެ. އިސްރާއީލުން ހަނގުރާމަ ހިންގަނީ އެމެރިކާއިން ވާގިވެރިވެގެންނެވެ.

ދުނިޔޭގެ އެހެން ކުޑަކުދިންނެކޭ އެއްގޮތަށް އެ ކުދިންނަށް ވެސް އުފާވެރިކަން ބޭނުންވެއެވެ. ދިރިހުރުމުގެ ހައްގު ބޭނުންވެއެވެ. އެ މައުސޫމު މޫނުތަކުން ކުރަހާފައިވާ މަންޒަރެއް ފަދައިން އެކަން ފެނެއެވެ. އަހަރުމެންގެ އެހީއަށް އެކުދިން އެބަ ބޭނުންވެއެވެ. ސަލާމަތް ކުރުމަށް އެދި އެބަ ގޮވައެވެ.

މިއިން އެއްވެސް މަންޒަރަކުން ރަހުމު ކުޑަ އިސްރާއީލުންނަށް ނުފެނެއެވެ. ނުވަތަ ބަލަން ބޭނުން ނުވަނީއެވެ. ބަދަލުހިފުމުގެ ރޫހުގެ ވެސް އެންމެ މަތީ ލެވެލްގައި އޮތް އިސްރާއީލުން އަންނަނީ ހަނގުރާމަ ނުހުއްޓާނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުންނެވެ.

comment ކޮމެންޓް