މަތީ ތަޢުލީމު ޙާސިލްކުރުމަށް ޤައުމެއް އިޚްތިޔާރުކުރާއިރު ވިސްނަންވީ ކަންކަން

ޔުނިވަރސިޓީއެއްގެ ލައިބްރަރީއިން ދަރިވަރުން ޚިދުމަތްހޯދަނީ

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ދަރިވަރަކު ޚިޔާލުކުރާއިރު ވިސްނާލަން ޖެހޭ ބައެއް މުހިއްމު ކަންތައްތައް އެބަހުއްޓެވެ. ކޮންމެ ދަރިވަރަކުވެސް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ޚިޔާލު އުފެދޭ ހިސާބުންފެށިގެން އެ ތަޖުރިބާ ޙާސިލްކޮށްލުމަށްޓަކައި ވަރަށް ގިނަ ތައްޔާރީތަކެއް ވާންޖެހެއެވެ.

ތަފާތު މާޙައުލެއްގައި މަތީ ތަޢުލީމުގެ މުހިއްމު މަރުޙަލާއެއް ކަޑައްތުކޮށްލުމާ އެކު ދުނިޔެއަށް ލޯހުޅުމަށް ލިބޭ ފުރުސަތެއްގެ އިތުރުން މިއީ ދިރިއުޅުމަށްވެސް ވަރަށް ގިނަ ބަދަލުތަކެއް އަންނާނެ ހަރުފަތެކެވެ. މިހެންކަމުން ހަރުދަނާ ތަޢުލީމެއްގެ ހުވަފެން ހަޤީގަތަކަށް ހެދުމަށް ކުރާ މިދަތުރުގައި ވިސްނައިލަން މުހިއްމު ބައެއް ކަންކަން މި ލިޔުމުގައި ހިއްސާކޮށްލާނަމެވެ.

އުނގެނުމުގެ ފުރުސަތު

އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި، ބަލައިލަން ޖެހޭނީ އެ ޤައުމުގައި ކިޔެވުމަށް ހުރި ފުރުސަތުތަކަށެވެ. ތަޢުލީމު ޙާސިލްކުރުމަށް އިޚްތިޔާރުކުރާ ދާއިރާއިން އެންމެ އެކަށީގެންވާގޮތުގައި ކުރިޔަށްދެވޭނެ ޔުނިވާސިޓީއަކީ ކޮބައިތޯ ބަލަންވާނެއެވެ. އަދި މިގޮތަށް ބަލާއިރު އެ ޔުނިވާސިޓީގެ ރޭންކު ދެނެގަތުމާއި ކޯސްތަކުގައި ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ މޮޑިއުލް ތަކަކީ ދާއިރާއިން ކުރިޔަށް ދިއުމުގައްޔާއި އިތުރު ތަޖުރިބާ ޙާސިލްކުރުމަށް ކިހައި މުހިއްމު ދައުރެއް އަދާކޮށްދޭނެ މޮޑިއުލް ތަކެއްތޯ ވިސްނަންވާނެއެވެ.

ކޯސް އިޚްތިޔާރުކުރާއިރު ކިޔަވާހިތުން ކިޔެވޭނެ މޮޑިއުލްތައް އެކުލެވޭ ކޯހެއްތޯއާއި ޔުނިވާސިޓީގެ ތެރެއިން އިތުރަށް ލިބެންހުންނާނެ ޚިދުމަތްތަކަށާއި އަދި އިތުރުވަގުތު ތަކުގައި އަމިއްލައަށް ހުނަރު ތަރައްޤީކޮށްލުމަށް މަސައްކަތް ކޮށްލެވޭނެ ފަދަ މާހައުލެއް ޤާއިމްވެފައިވާ ޔުނިވާސިޓީއެއްތޯ އާއި ކިޔައިވައި ދެއްވާ މުދައްރިސުންގެ އެހީތެރިކަން ލިބޭ މިންވަރު ބަލައިލުމަކީ ވަރަށް މުހިއްމުކަމެކެވެ.

ވާހަކަ ދައްކާ ބަސް އަދި މުޢާމަލާތު ކުރުން

ޤައުމެއްގައި ވާހަކާ ދައްކާ މާދަރީ ބަހަކީ ވަރަށް ބޮޑަށް އުނގެނުމުގެ ތަރައްޤީއާ ގުޅިފައިވާ ކަމެކެވެ. އެ ގަޢުމެއްގެ މީހުން ވާހަކަދައްކާ ބަހަކީ ކޮބައިތޯ ބެލުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި މިއީ ތިމާއާ ކިހައި މިންވަރަކަށް ރައްޓެހި ބަހެއްތޯއާއި، އެ މާހަޢުލުގެ ތެރޭގައި ދިރިއުޅުމަށް ކޮންމެހެން އެނގެންޖެހޭނެ ބަހަކީ ނުވަތަ ބަހުރުވަޔަކީ ކޮބައިތޯ ބަލަންވާނެއެވެ.

އެއީ އިނގިރޭސި ބަސްކަމުގައި ވީނަމަވެސް ނުވަތަ އެ ޤައުމެއްގެ މާދަރީ ބަސްކަމުގައި ވީނަމަވެސް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ޢާއްމުކޮށް ބޭނުންކުރާ ބަސްތަކަށް ފަރިތަވެލުމަކީ އެތަނެއްގައި ދިރިއުޅުމަށް ފަސޭހަކަން ލިބިގެން ދާނެ ކަމެކެވެ. އަދި މިގޮތަށް ބަލާއިރު އެބަހަކަށް ތިމާ ފަރިތަ ނޫންނަމަ، އިޚްތިޔާރުކުރާ ކޯހުގެ ތެރޭގައި ބަސް ދަސްކޮށްދޭ މޮޑިއުލްއެއް އެކުލެވޭނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ތަޢުލީމީ މިފަދަ ހަރުފަތެއްގައި އިތުރަށް ތިމާގެ ސިކުނޑި ހުޅުވި ނަފްސު ތަރައްޤީކޮށްލުމަށް ލިބޭނެ ފުރުސަތެއް ވެސްމެއެވެ.

މަދުންނަމަވެސް ބައެއް ޔުނިވާސިޓީތަކުގައި، ކިޔަވައިދެއްވާ ފަރާތްތަކުން އެ ބަޔެއްގެ މާދަރީބަހުން ބައެއް ޙާލަތްތަކުގައި މުޚާތަބްކުރައްވައެވެ. އަދި ކްލާހުގެ ގިނަ ދަރިވަރުންނަކީ އެ ޤައުމެއްގެ ދަރިވަރުން ކަމުގައި ވާނަމަ މިޙާލަތު ވަރަށް ޢާއްމުކޮށް ދިމާވެއެވެ. ޔުނިވަރސިޓީގެ އިތުރުން ޢާއްމުކޮށް ޚިދުމަތް ހޯދުމަށް ގޮސްއުޅޭ ތަންތަނުގައި މިހާލަތު ދިމާވެއެވެ. އެހެންކަމުން ތިމާގެ އަމިއްލަ ފައިދާއަށްޓަކައި މިވެސް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ދިރިއުޅުމުގެ ޚަރަދުތަކާއި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތައް

ރާއްޖެއިން ބޭރުގައި ކިޔެވުމަކީ އެކަމަށް ވަރަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން އަމިއްލަ ޤައުމާއި އިޚްތިޔާރުކުރާ ޤައުމުގެ ޚަރަދުތަކުގެ ފަރަޤު ވަރަށް ސާފުކޮށް ދެނެގަންނަން ވާނެއެވެ.

ކޯހުގެ ފީގެ އިތުރުން، ދިރިއުޅޭނެ ތަނަށް ހިނގާނެ ކުއްޔާއި، ކެއުމުގެ ޚަރަދު، ދަތުރު ފަތުރާއި ޞިއްޙީ ފަރުވާތަކަށް ހިނގާނެ ޚަރަދުތަކަށް ކުރިއާލައި ދެނެގަންނަންވާނެއެވެ. މީގެ އިތުރުން، އިޚްތިޔާރުކުރާ ޔުނިވާސިޓީގައި ސްކޮލަޝިޕްގެ ފުރުސަތުތައް ހުރިތޯއާއި، ފައިސާގެ ގޮތުން އިތުރު އެހީއެއް ކިޔެވުމުގައި ފޯރޮކޮށްދޭ ޔުނިވާސިޓީއެއްތޯ ބަލައިލުން މުހިއްމެވެ. މިކަމުގެ ސަބަބުން ކުރަންޖެހޭ ޚަރަދުތަކަށް ލުއި ލިބިގެން ދާނެއެވެ.

ކިޔަވާކުދިންނަށް ހުސްވަގުތުގައި ޕާޓް-ޓައިމްކޮށް ސްޓޫޑެންޓް ވިސާގައި މަސައްކަތް ކުރެވޭ ޤައުމެއްނަމަ އެއީ ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މިކަމުގެ ސަބަބުން މާލީގޮތުން ކުއްލިއަކަށް ދިމާވާ ގޮންޖެހުންތަކުން ފަސޭހަކަމާއި އެކު ސަލާމަތްވުމުގެ އިތުރުން ބޭރުގެ ޤައުމެއްގައި މަސައްކަތުގެ ތަޖުރިބާ ޙާސިލްކޮށްލުމުގެ ފުރުސަތުވެސް ފަހިވާނެއެވެ.

ވިސާއާއި ގުޅޭ ގާނޫނުތަކާއި ގަވައިދުތަކަކީ އެކަންކަމަށް ކޮންމެ ޤައުމެއްގައިވެސް ބަދަލުތައް އަންނަމުންދާ މުހިއްމުކަމެއް ކަމަށް ވާތީ އިޚްތިޔާރުކުރާ ޤައުމުގެ އިމިގްރޭޝަން ވެބްސައިޓް މެދުވެރިކޮށް ނުވަތަ އެމްބަސީއެއް މެދުވެރިކޮށް މި މަޢުލޫމާތުތައް ދެނެގަތުމަކީ ވަރަށް މުހިއްމުކަމެވެ. ނޭގުމެއްގެ ތެރޭގައި ނަމަވެސް ޤައުމެއްގައި ގާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެއް ކުރެވުމުގެ ފުރުސަތު ހަނިވާނެ ކަމެކެވެ.

ސަލާމަތާއި ރައްކާތެރިކަން

ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެފަދަ ކަންކަން ވީހައިވެސް މަދު ޤައުމެއް އިޚްތިޔާރުކުރެވޭތޯ ބަލަންވާނެއެވެ. މިގޮތުން މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން މަދު ޤައުމެއް އިޚްތިޔާރު ކުރުމަށްޓަކައި އެ ޤައުމުގެ ޙާލަތަށް އަންނަ ބަލަލުތަކާއި މުޖުތަމަޢުގެ ތެރޭގައި ހިނގާ ހަރަކާތްތަކާއި، ޔުނިވާސިޓީތެރޭގައި ހުރި ރައްކާތެރިކަމާއި ގުޅެގޮތުން އަމިއްލައަށް ދިރާސާ ކުރުމަކީ ރައްކާތެރިކަމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

މިކަމަށް އެންމެ ފަސޭހަވާނެ އެއްގޮތަކީ، އިޚްތިޔާރުކުރާ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުން ނުވަތަ ތަޢުލީމީގޮތުން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް މެދުވެރިކޮށް ނުވަތަ ޔުނިވާ ސިޓީގެ ސްޓޫޑެންޓް ކައުންސިލް މެދުވެރިކޮށް މަޢުލޫމާތު ހޯދުމެވެ.

ޘަޤާފަތާއި އާދަކާދަ އަދި އިޖުތިމާޢީ މާހައުލު

ތަފާތު މާހަޢުލެއްގައި ތަޢުލީމީ އައު ހަރުފަތެއް ތަޖުރިބާކޮށްލުމަކީ ވަރަށް ގިނަ ކިޔަވާ ކުދިންގެ އުއްމީދެވެ. އެހެންނަމަވެސް ތަޢުލީމީ މި ދަތުރު ފެށުމުގެ ކުރިން، ޤައުމެއް އިޚްތިޔާރުކުރާއިރު، އެ ޤައުމެއްގެ އިޖުތިމާޢީ މާހައުލާއި، އާދަކާދަތަކަށް އަހުލުވެރިވުމަކީ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމަށްޓަކައި ކޮންމެހެންވެސް އަޅަންޖެހޭ މުހިއްމު ފިޔަވަޅެކެވެ.

އެ ޤައުމެއްގެ ޘަޤާފަތާއި އާދަކާދަތަކަށް އިޙްތިރާމްކުރުމާ އެކު އިޖުތިމާޢީ އިމުން ބޭރުނުވާނެ ގޮތަކަށް ތިމާގެ ޢަމަލުތައް ބައްޓަންކުރުމަކީ ސާދާ ރިވެތި ސިފައެކެވެ. މުޖުތަމަޢުގެ ތެރޭގައި ތިމާގެ އަގު ހިފެހެއްޓުމަކީ ކޮންމެ ދަރިވަރެއްވެސް ސަމާލުވާންޖެހޭނެ މުހިއްމު ކަމެއް ކަމުގައި ވާތީ، އެކި ކަންކަމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ޤާނޫނުތަކަށާއި ޤަވައިދުތަކަށް އަހުލުވެރިވުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ މުހިއްމު ކަމެކެވެ.

comment ކޮމެންޓް