އޭއައި ރެގިއުލޭޓް ކުރާނެ ގޮތަކާ މެދު ޔޫރަޕް އެއްގަލަކަށް

ބާލިން: ޔޫރަޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރަން ޖެހޭ ގޮތާ މެދު ޖަރުމަނާއި ފްރާންސް އަދި އިޓަލީގެ ސަރުކާރުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެ ތިން ގައުމުން ވަނީ އެ ގައުމުތަކުގެ ސްޓޭންޑް ބަޔާންކޮށް ޖޮއިންޓް ޕޮލިސީ ޕޭޕަރެއް ނެރެފައެވެ. މި އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކަކީ ޔޫރަޕްގައި އޭއައި ސިސްޓަމްތައް ތަރައްގީކޮށް ޑިޕްލޮއިކުރާ ކުންފުނިތަކަށް ވޮލަންޓަރީ ނަމަވެސް ބައިންޑިން ކޮމިޓްމަންޓްތަކެއް ކަނޑައެޅުމަށެވެ.

މި އުސޫލަށް އަމަލުކުރާނީ ބޮޑެތި އަދި ކުދި ހުރިހާ އޭއައި ޕްރޮވައިޑަރުންނަށް ކަމަށްވާއިރު، އީޔޫއިން މީގެ ކުރިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް، އެންމެ ފުރަތަމަ ކަވަރުކުރާނީ ބޮޑެތި ކުންފުނިތައް އެކަންޏެވެ. އަދި, މިކަމުގެ ސަބަބުން ޔޫރަޕްގެ ކުދި ކުންފުނިތަކަށް ގެއްލުންވެ އިތުބާރު ކުޑަވެދާނެ ކަމަށް ތިން ސަރުކާރުން ވަނީ ބުނެފައެވެ.

ޕޮލިސީ ކަރުދާހުގައި ބުނެފައިވަނީ އޭއައި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުން ފުރަތަމަ އެއްވެސް އަދަބެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ފާހަގަކުރެވުނު މައްސަލަތައް ދެމިއޮތް ނަމަ ޓްރާންސިޝަން ޕީރިއަޑަކަށް ފަހު ދަތިކުރުމުގެ ފިޔަވަޅުތައް އެޅިދާނެއެވެ. އަދި, ޔޫރަޕްގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ވެސް ކޮމްޕްލަޔަންސް މޮނިޓާ ކުރާނެއެވެ.

އެއްބަސްވި ސްޓޭންޑުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޓެކްނޮލޮޖީގެ ބަދަލުގައި އޭއައި އެޕްލިކޭޝަންތައް ރެގިއުލޭޓް ކުރުމަށެވެ. ސަރުކާރުތަކުން ގަބޫލުކުރާ ގޮތުގައި މި އެޕްރޯޗްގެ ސަބަބުން ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އޭއައި ދާއިރާގައި އިނޮވޭޝަން އަދި ރިސްކް މެނޭޖްމަންޓް ބެލެންސް ކުރެވޭނެއެވެ.

އީޔޫގައި ޖަރުމަނާއި ފްރާންސް އަދި އިޓަލީގެ ނުފޫޒު ވަރަށް ބޮޑެވެ. އެ ފަރާތްތަކުގެ ޔުނިފައިޑް ޕޮޒިޝަންގެ ސަބަބުން އޭއައި ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކަށް ވެސް ވޮލަންޓަރީ ބައިންޑިން އުސޫލެއްގެ މައްޗަށް ބިނާކޮށް ރެގިއުލޭޓަރީ ފްރޭމްވޯކެއްގެ ވަށައިގެން ބްލޮކް އެކުލެވިގެންވުމުގެ ފުރުސަތު ބޮޑެވެ.

ޔޫރަޕިއަން ކޮމިޝަނާއި ޕާލަމެންޓާއި ކައުންސިލާ ދެމެދު މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. ނަމަވެސް މި ޖޮއިންޓް އެގްރީމެންޓަކީ ޔޫރަޕުން ފުރަތަމަ ފަހަރަށް ފުޅާ ދާއިރާއެއްގައި އޭއައި ގަވައިދުތައް ގެންގުޅުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް