ވިލާތުގައި ހަލުއިކަމާ އެކު ހިމަބިހި ފެތުރެނީ

މިދިޔަ އަހަރުގެ ފުރަތަމަ ދިހަ މަސް ދުވަހުގެ ތެރޭގައި ވިލާތުގައި ހިމަބިހި ޖެހުނު މީހުން އަދަދު ވަނީ 42،200 އަށް އަރާފައި -- ފޮޓޯ/ބީބީސީ

ވިލާތުގެ ގައުމުތަކުގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު ހަލުއިކަމާ އެކު އިތުރުވަމުން އަންނަ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

މިދިޔަ އަހަރު ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ވިލާތުން ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 42،200 އަށް އަރައިފައެވެ. އެއީ، އޭގެ ކުރިން 2022 ވަނަ އަހަރު ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދަށްވުރެ 941 މީހުންގެ އިތުރުވުމެކެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފުރަތަމަ 10 މަސް ދުވަހު ހިމަބިހި ޖެހިގެން ގާތްގަޑަކަށް 21،000 މީހުން ހަސްފަތާލުގައި އެނދުމަތިކުރިއެވެ. އެ ބަލި ޖެހިގެން ފަސް މީހުން ވަނީ މަރުވެފައެވެ.

އެކަމާ ގުޅިގެން ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހިމަބިހި ޖެހުން އެހާ ބޮޑަށް އިތުރަވަނީ ކޮވިޑް 19 އާ ގުޅިގެން ހިމަބިހިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމުގެ އިންތިޒާމުތަކަށް ބުރޫއެރުމުންނެވެ. ކޮވިޑް 19 ގެ ދުވަސްވަރު ވިލާތުގެ 1.8 މިލިއަން ކުދިންނަށް ވެކްސިން ނުޖަހައެވެ.

އެހެންވެ، ވީހާ ވެސް އަވަހަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އަލުން ފެށުމަށް ޑަބްލިޔުއެޗްއޯގެ ރީޖަނަލަށް ޑިރެކްޓާ ޑރ.ހަންސް ކުލުގޭ ވަނީ ގޮވައިލައްވައިފައެވެ.

ނިމުނު އަހަރު ވިލާތުގެ ގައުމުތަކުގައި ހުރިހާ އުމުރުފުރާތަކަށް ވެސް ހިމަބިހި ވަނީ ޖެހިފައެވެ.

ހިމަބިއްސަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނަމަވެސް އެ ބަލި ޖެހުމުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި 30 އަހަރުން މަތީގެ މީހުންނަށް ކުރިމަތިވާ އުދަނގޫތައް ބޮޑެވެ. މާބަނޑު ދުވަސްވަރު މި ބަލި ޖެހިއްޖެނަމަ، ބަނޑުގައިވާ ތުއްތު ކުއްޖާ މަރުވުން، ބައިގެންދިއުން ނުވަތަ ދުވަސްނުފުރާ ވިހެއުން ވެސް އެކަށީގެންވެއެވެ.

މި ބަލީގެ އަލާމާތްތައް އާންމުކޮށް ފެށެނީ ވައިރަހަށް ހުށަހެޅޭތާ 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއްގައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމުން ފެންނަ އަލާމާތަތްތައް ކަމަށްވާ، ނޭފަތުން ފެން އައުމާއި، ކެއްސުމާއި، ލޯ ރަތްވެ ފެން އައުން ހިމެނެއެވެ. އޭގެ އިތުރުން މުޅި ހަށިގަނޑުގައި ބިހި ނަގާ ރަތްވެއެވެ.

comment ކޮމެންޓް