އާ ސަރުކާރުގެ ކެބިނެޓްގައި އަންހެނުން މަދުވުމުން ފާޑުވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ޖަވާބުދެއްވަނީ --- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި އަންހެން ބޭފުޅުން މަދުވުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް މުއިއްޒު އެކުލަވާލި ކެބިނެޓުގައި 22 ވަޒީރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ތިން ބޭފުޅުންނެވެ. އެއީ، އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާއި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި އަންހެން ބޭފުޅުން ކެބިނެޓްގައި މަދުކަން ފާހަގަ ކުރެއްވުމުގެ އިތުރުން ޖެންޑާ މިނިސްޓްރީއެއް އާ ސަރުކާގައި ނެތް ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

''މިއަދު ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް ތަޢުލީމީ، ތަޖުރިބާކާރު އަންހެން ލީޑަރުން ތިބިކަން ޔަޤީން'' އެ ޓްވީޓްގައި ޔުމްނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ ސަރުކާރުގެ ކެބިނެޓްގައި ޖުމްލަ ނަވާރަ ބޭފުޅުން ތިއްބެއްވި އިރު، އޭގެތެރެއިން ހަ ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ ޑިފެންސް މިނިސްޓަރު މާރިއާ ދީދީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ، އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ކެބިނެޓްގައި އަންހެން ބޭފުޅުން މަދުވިނަމަވެސް ސިޔާސީ އެހެން މަގާމުތަކުގައި އަންހެނުންގެ ދައުރު ކުޑަ ނުވާނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންނަށް އަންހެން ބޭފުޅުން އައްޔަން ކުރައްވަން ރައީސް ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް