އައިފޯނަށް ސެޓެލައިޓް ފީޗާ އިތުރު އަހަރަކަށް ހިލޭ

އައިފޯން 14 ބޭނުންކުރާ މީހުންނަށް ސެޓެލައިޓް ފީޗާ މެދުވެރިކޮށް ސެޓެލައިޓް ކަނެކްޓިވިޓީ ކެޕޭބިލިޓީ (އެސްއޯއެސް) އިތުރު އެއް އަހަރަށް ހިލޭ ދޫކުރާގޮތަށް އެޕަލްއިން ނިންމައިފިއެވެ.

އައިފޯން 14 ބޭނުންކުރާ އެންމެނަށް ސެޓެލައިޓް މެދުވެރިކޮށް އެޕަލްއިން އިމަޖެންސީ އެސްއޯއެސް ތައާރަފުކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އައިފޯން މޮޑެލްތަކުން ކަސްޓަމަރުން ސެލިއުލާ އަދި ވައިފައި ނެޓްވޯކްތަކުގެ ކަވަރޭޖް އޭރިއާ ނުލިބޭ ހިސާބެއްގައި ހުރިނަމަ ނުވަތަ އިމަޖެންސީ ހިދުމަތް ވެސް ނުލިބޭ ހާލަތެއްގައި ސެޓެލައިޓް ބޭސްޑް ކޮމިއުނިކޭޝަން މެދުވެރިކޮށް ބޭނުންވާ އެހީތެރިކަން ކަސްޓަމަރުންނަށް ލިބިދިނުމުގައި މި ޚިދުމަތް މުހިންމު ދައުރެއް އަދާކުރެއެވެ.

މި ފީޗާއަކީ ކުއްލި ޙާލަތްތަކުގައި ބޭނުންކޮށްލަން ވަރަށް މުހިންމު ފީޗައެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާއިރު، އެންމެ ފުރަތަމަ ދެ އަހަރަށް ހިލޭ ފޯރުކޮށްދިން އިމަޖެންސީ އެސްއޯއެސް ފީޗާ މިހާރު އައިފޯން 14 ބޭނުންކުރާ ފަރާތްތަކަށް އިތުރު އަގަކައިނުލައި ދިގު މުއްދަތަކަށް ލިބެން ހުންނާނެއެވެ.

އައިފޯން އުފައްދާ ކުންފުނި، އެޕަލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައިފޯން 14 ބޭނުންކުރާ މީހުންނަށް ސެޓެލައިޓް ފީޗާ މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސްގެ ދެ އަހަރު ދުވަހުގެ ހިލޭ ޓްރަޔަލްގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރަމުން އަންނަ ކަމަށެވެ.

އެޕަލްގެ ވޯލްޑްވައިޑް އައިފޯން ޕްރޮޑަކްޓް މާކެޓިންގެ ވައިސް ޕްރެޒިޑެންޓް ކައިއަން ޑްރާންސް ނެރުނު ބަޔާނެއްގައި ބުނީ އައިފޯން 14 އަދި އައިފޯން 15 ބޭނުންކުރާ މީހުންނަށް އިތުރު ދެ އަހަރު ހިލޭ މި ގްރައުންޑްބްރޭކިން ސާވިސްގެ ބޭނުން ހިފޭނެތީ ވަރަށް އުފާވާ ކަމަށެވެ.

އެޕަލްއިން ބުނީ ހިލޭ ޓްރަޔަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ސެޓެލައިޓް މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް ސަޕޯޓްކުރާ ގައުމެއްގައި އެ މީހުންގެ ޑިވައިސް އެކްޓިވޭޓްކޮށްފައިވާ އައިފޯން 14 ބޭނުންކުރާ ފަރާތްތަކަށް ކަމަށެވެ.

މިހާރު ސެޓެލައިޓް މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް އޮސްޓްރޭލިއާ، އޮސްޓްރިއާ، ބެލްޖިއަމް، ކެނެޑާ، ފްރާންސް، ޖަރުމަން، އަޔަލޭންޑް، އިޓަލީ، ލަގްޒެމްބާގް، ނެދަލެންޑްސް، ނިއުޒީލެންޑް، ޕޯޗުގަލް، ސްޕެއިން، ސްވިޒަލޭންޑް، އިނގިރޭސިވިލާތް އަދި އެމެރިކާގައި ލިބެން އެބަހުއްޓެވެ. ސެޓެލައިޓް މެދުވެރިކޮށް އިމަންޖެންސީ އެސްއޯއެސްގެ ޚިދުމަތް އޭޝިއާގެ އެއްވެސް ޤައުމެއްގައި އަދި ނުލިބެއެވެ. އެހެންވެ، ރާއްޖެއަށް ވެސް މި ޚިދުމަތް ތަޢާރަފު ކުރާނެ ދުވަހެއް އަދި ނޭނގެއެވެ.

އައިފޯން 14، އައިފޯން 14 ޕްލަސް، އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ހިމެނޭ ގޮތަށް އެޕަލްއިން އައިފޯން 14 ލައިންއަޕް ތައާރަފުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެ އަހަރުގެ ނޮވެމްބަރު މަހު ސެޓެލައިޓް ފީޗާ މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް ނެރުމަށް ފަހު، ފުރަތަމަ ހަމައެކަނި އެމެރިކާއާއި ކެނެޑާގައި، އަދި ފަހުން އިތުރު ގައުމުތަކަށް ފުޅާކުރިއެވެ.

ސެޓެލައިޓް ކަނެކްޓިވިޓީ ކެޕޭބިލިޓީ (އެސްއޯއެސް)އަށް ބަލައި، ސެލިއުލާ ނުވަތަ ވަޔަލެސް ކަނެކްޓިވިޓީ ނެތް ތަނެއް ކަމަށްވާ ގްރިޑުން ބޭރަށް ދަތުރުކުރާ އައިފޯން 14 ބޭނުންކުރާ މީހުންނަށް ވެސް ފައިންޑް މައި އެޕް ބޭނުންކޮށް، ސެޓެލައިޓް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާއާ އެ މީހުންގެ ލޮކޭޝަން މުއާމަލާތް ކުރެވޭނެއެވެ.

އެޕަލްއިން ވަނީ ސެޓެލައިޓް ފީޗާ މެދުވެރިކޮށް ރޯޑްސައިޑް އެސިސްޓެންސް އެމެރިކާގައި ތައާރަފުކޮށް، ސެލިއުލާ އަދި ވައިފައި ކަވަރޭޖެއް ނެތް ސަރަހައްދެއްގައި ކާރުގެ މައްސަލަ ދިމާވެއްޖެ ނަމަ ކާރުގެ އޯނަރުންނާއި އޭއޭއޭ ރޯޑްސައިޑް އެސިސްޓަންސް ގުޅާލައިފައެވެ.

އެޕަލްއިން ބުނީ އައިފޯން 15 ނުވަތަ 14 ސީރީޒްގެ އާ މޮޑެލެއް އެކްޓިވޭޓް ކުރާ ހިސާބުން ފެށިގެން ދެ އަހަރު ވަންދެން ހިލޭ މި ފީޗާ ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ކަމަށާއި މަސައްކަތް ކުރަން ޑިވައިސްގައި އައިއޯއެސް 17 ބޭނުންވާނެ ކަމަށެވެ.

ސެޓެލައިޓްގެ ހިދުމަތް މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް ވެސް 16 ގައުމަކާއި ސަރަހައްދެއްގައި އައިފޯން 15 ބޭނުންކުރާ ފަރާތްތަކަށް ފުޅާކޮށްފައިވާ ކަމަށް އެޕަލްއިން ބުންޏެވެ. އެ ކުންފުނިން ދާދި ފަހުން ވަނީ ސްޕެއިނާއި ސްވިޒަލޭންޑަށް މި ފީޗާ ފުޅާކޮށްފައެވެ.

އެޕަލްއިން އެ މީހުންގެ އެންމެ ފަހުގެ އައިފޯން 15 ގެ މޮޑެލްތައް ތައާރަފު ކުރީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި "ވޮންޑަލަސްޓް" އިވެންޓުގައެވެ.

comment ކޮމެންޓް