ވެލެންސިއާގެ ގިނަ ޝަކުވާތަކެއް، ލީގުން ދެން ނުފެންނާނެ

ދިވެހި ޕްރިމިއާ ލީގުގައި ގްރީންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާގެ އަޔާން ބޯޅައަށް މަސައްކަތްކުރަނީ -- ފޮޓޯ/ އެފްއޭއެމް

ގިނަ ޝަކުވާތަކަކާ އެކު, ދިވެހި ޕްރިމިއާ ލީގުގައި ބާކީ ހުރި މެޗުތައް ނުކުޅުމަށް ކްލަބު ވެލެންސިއާއިން ނިންމައިފިއެވެ.

ވެލެންސިއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލީގުގައި ބާކީ ހުރި މެޗުތައް ފުރިހަމަ ނުކުރެވޭނެ ވާހަކަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ ނިންމުން ނިންމަން ޖެހުނު އެންމެ މުހިންމު ސަބަބަކީ މާލީގޮތުން ކްލަބަށް ގިނަ ދަތިތަކެއް ދިމާވެފައިވުމުން ކަމަށެވެ. އަދި, އަވަސް އަވަހަށް ތާވަލު ބަދަލުވެ، ފުޓުބޯޅަ ސީޒަން ދިގު ދެމެމުންދާތީވެ މާލީގޮތުން ފުދުންތެރިކަން ނެތި، އިތުރަށް މެޗުތައް ކުޅެން ވެއްޖެ ނަމަ، އެކަމުގެ ސަބަބުން ކްލަބަށް ލިބިދާނެ ގެއްލުންތަކަށް ދުރާލައި ރައްކާތެރިވެ ތިބުމުގެ ގޮތުން ކަމަށް ވެލެންސިއާއިން ބުންޏެވެ.

ވެލެންސިއާއިން ވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން އެ ކްލަބަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަން ވެސް ފާހަގަކޮށްފައެވެ. އެ ފައިސާގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަން ނިންމެވި އެއް މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެލެންސިއާއިން ބުންޏެވެ.

"މި ފައިސާ ދިނުމަށް އުޒުރުވެރިވެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމަންޓުން މި ކްލަބަށް 3 އޮކްޓޯބަރު 2023ގައި ފޮނުވި ސިޓީގައި ވަނީ ބައެއް ކްލަބުތަކަށް މި ފައިސާ ޖަމާކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ބަޖެޓުގެ ތާށިކަން ހުރުމުން ވެލެންސިއާއަށް ޖަމާކޮށްދީފައިވާނީ 250،000 ރުފިޔާ ކަމުގައެވެ. މި ފައިސާ ހޯދުމަށް އިތުރަށް މި ކްލަބަށް ކުރި އެއްވެސް މަސައްކަތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވެއެވެ..،" ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ވެލެންސިއާއިން ބުނީ ފުޓުބޯޅަ ސީޒަން ފެށުމުގެ ކުރިން ތައްޔާރުވާން އެހީއެއްގެ ގޮތުން ދެމުންދާ ފައިސާ ވެސް މިނިސްޓްރީން ދީފައިނުވާ ކަމަށާއި އޭގެ އިތުރުން މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުން ފައިސާގެ އިނާމުގެ ގޮތުގައި ދޭން ޖެހޭ ފަސް ލައްކަ ރުފިޔާ ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި, އެކަމާ ގުޅިގެން އެ ކްލަބުން ފޮނުވި އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބުދީފައިނުވާކަން ވެސް ފާހަގަކުރިއެވެ.

"...ނަމަވެސް 2023ގެ ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ޗެމްޕިއަންކަން ހޯދި ޓީމަށް އިތުރު ފައިސާއާ އެކު އެއް މިލިއަން ރުފިޔާ މިނިސްޓްރީން ދީފައިވެއެވެ. މިހެންވެ ކްލަބުތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭ ކަމަށް މި ކްލަބަށް ވަނީ އެ މިނިސްޓްރީން ފޮނުވި ސިޓީން ވެސް ކަށަވަރުވެފައެވެ..،" ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ވެލެންސިއާއިން އިތުރަށް ބުނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކުޅުމަށް އެ ކްލަބަށް އެހީތެރިވެދިނުމުގައި ވެސް މިނިސްޓްރީން އަމަލުކޮށްފައިވަނީ ވަރަށް ފަރުވާކުޑަ އުސޫލަކުން ކަމަށާއި އެ ކްލަބަށް މިދިޔަ އަހަރާއި މި އަހަރު ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ހުރުމުން ކުޅުންތެރިންނަށް މުސާރަދިނުމާއި ކްލަބުގެ ހަރަދުތައް ހަމަޖައްސަން ވެލެންސިއާއަށް ގިނަ ދަތިތަކެއް ވެފައިވާ ކަމަށެވެ.

ފައިސާގެ ދަތިތަކާ ހުރެ ލީގުގެ މެޗުތައް ނުކުޅުމަށް ނިންމާފައިވާ ކަމަށް ވެލެންސިއާއިން ބުނި ނަމަވެސް، އެފްއޭއެމުން ބުނީ އެ ކްލަބުން މެޗުތައް ނުކުޅެވޭނެ ކަމަށް އަންގާފައިވަނީ ސްކޫލުތަކުގެ އިމްތިހާނުތަކާ ދިމާވާތީ، މަދު އަދަދެއްގެ ކުޅުންތެރިން ތިބުމުން ކަމަށެވެ.

ވެލެންސިއާއިން މި ސީޒަނަށް ކުރިމަތިލާފައިވަނީ ވަރަށް ޒުވާން ސްކޮޑަކާއެކުގައެވެ. އެގޮތުން އެ ކްލަބުގެ ސްކޮޑުގައި ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުން ހިމެނެއެވެ.

އެފްއޭއެމުން މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއާ ލީގު މާދަމާ ފެށުމަށް ވަނީ ނިންމައިފައެވެ. އެފްއޭއެމުން ލީގު މެދުކަނޑާލަން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެއީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން އެފްއޭއެމް ހައުސްއަށް ފުލުހުން ވަދެ، ބައެއް ތަކެތި ގެންދިއުމުން މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް