މުއިއްޒުގެ އެންގެވުމާ ހިލާފަށް ފުލުހުންނަށް ބޮޑެތި ޕްރޮމޯޝަންތަކެއް ދީފި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ފުލުހުންގެ ގިނަ އިސް ބޭފުޅުންތަކަކަށް ޕްރޮމޯޝަން ދީފިއެވެ.

ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ޕްރޮމޯޝަންތައް ނުދިނުމަށް މުއިއްޒު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ރައީސް ޞާލިޙްގެ ޅިޔަނު މުޙައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރައްވާއިރު ބޮޑެތި ޕްރޮމޯޝަންތަކެއް ދީފައިވަނީ ރޭގައެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި މުޅިން އަލަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަ ބޭފުޅަކު ވަނީ ޕްރޮމޯޓް ކޮށްދީފައެވެ. އެހާތަނަށް އެ މަގާމުގައި ފަސް ބޭފުޅުން ތިއްބަވައެވެ.

ޗީފް ސުޕްރިޑެންޓުންގެ މަގާމަށް ރޭ އަށް ބޭފުޅަކު ޕްރޮމޯޓް ކޮށްފައިވެއެވެ. އެނގިފައިވާގޮތުގައި އެހެން ރޭންކުތަކުގެ ގިނަ ޕްރޮމޯޝަންތަކެއް މިއަދު ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.

އެ މުއައްސަސާގެ އިސްވެރިއަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ދެން އެ މުއައްސަސާއާ ހަވާލުވެލައްވައި ވެރިއަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.

"މި ކަންކަން ކުރަނީ ގަސްތުގައި. މަދިފަޑިއަށް އެހާ މީހުން އެއްފަހަރާ ޕްރޮމޯޓް ކޮށްފައި ދިޔުމުން ދެން ވަޑައިގަންނަވާ ސީޕީއަކަށް ވަރަށް ދަތިވާނެ. އެކި ކަހަލަ ކަންކަން މަތި ފަޑިން ކުރާނެ،" އެ ބޭފުޅާ ވިދާޅުވިއެވެ.

މި ކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ހޯދާލުމަށް ގުޅުމުން އަދި ބަހެއް ލިބޭގޮތް ވެފައެއް ނުވެފައެވެ.

ރައީސް ޞާލިޙްގެ ވެރިކަން ނިމެން ދެތިން ދުވަހަށް ވެފައިވާއިރު އެ މަނިކުފާނު ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނިންމުންތަކެއް ނިންމަވާފައެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގެވިކަމަށް ޝަރީއަތުގައި އެއްބަސްވެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އަބްދުﷲ ޒިޔަތު މިނިވަން ކުރުން ހިމެނެއެވެ.

އޭގެ އިތުރުން، ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ވެސް ރައީސް ޞާލިޙް ވަނީ އަދަބު ލުއިކޮށްދެއްވައިފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގެ ފައިސާ ހޯދައިދީ އެ މައްސަލައަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ވައުދާ އެކު ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން އެ ވައުދު ނުފުއްދަވައި، އެންމެ ފަހު ވަގުތު އެ ހިޔާނާތުގައި އިސްކޮށް ހުންނެވި އަދީބާއި ޒިޔަތަށް މާފު ދިނުމުން އެތައް ބައެއްގެ ނުރުހުން ވަނީ ރައީސަށް އަމާޒުވެފައެވެ.

comment ކޮމެންޓް