ދައުރު ހަމަކުރި ނައިބަށް އޮތީ ހުސްއަތް!

ނައިބު ރައީސް ފައިސަލް ނަސީމް: އެ މަނިކުފާނަކީ ދައުރެއް ހަމަކުރެއްވި ހަމައެކަނި ނައިބު ރައީސް --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

ގުޑުވައިނުލެވޭނެ ކަމަށް އޭރު ހީވެފައި އޮތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، އޭރު އެ ވެރިކަމާ ދެކޮޅަށް ނުކުމެ ތިބި ފާޓުފުޅާ އިއްތިހާދުން 'ކޮމަން ކެންޑިޑޭޓެއް' ނެރެން އެއްބަސްވެ، ގައުމުން ބޭރަށް އަރުވައިލެވިގެން ތިއްބެވި ސިޔާސީ ވެރީން ނިންމީ އޭރު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ރައީސްކަން ދޭށެވެ. ނައިބަކު، ދެވަނައަށް ބޮޑު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

އެމްޑީޕީން ވަރަށް ސައްލާކޮށްފައި ނިންމީ އޭރު އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ޞާލިޙަށް ޓިކެޓު އަރުވައިށެވެ. ޖޭޕީން ރަނިންމޭޓެއް ހޮވަން ޕްރައިމަރީއެއް ބާއްވަން ނިންމުމުން ޝައުގުވެރިވީ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިނާއި އޭރު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމެވެ.

ޖޭޕީއަކީ އުފެދުނީއްސުރެ ގާސިމް އިބްރާހިމްގެ ކޮންޓްރޯލް އޮތް ޕާޓީއެކެވެ. ރަނިންމޭޓުކަމަށް ވަޑައިގަންނަވަން ފައިސަލަށް އެންމެ ބޮޑު ހުރަހަކަށްވީ ގާސިމް، އެ މަނިކުފާނާ ދެކޮޅަށް ނުކުންނެވުމުންނެވެ. ހިތަކަށް ގާސިމަށް ލިބިފައި އޮތް ޕާޓީން ރަނިންމޭޓަކު ހޮވަން ބޭއްވި ޕްރައިމަރީގައި އަލީ ހުސައިނަށް ތާއީދުކުރާކަން ގާސިމް ހާމަ ވެސް ކުރެއްވިއެވެ.

2 ފެބްރުއަރީ 2018: އޭރު މަޖިލީހުގެ މެންބަރުން ގޮތުގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެކަމަކު، ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓު، އެންމެ ވޯޓެއްގެ ފަރަގުން ކާމިޔާބު ކުރެއްވީ ފައިސަލެވެ. ފައިސަލް ނަައިބަކަށް ވެވަޑައިގަތީ ދަތި މަގަކުންވިޔަސް އެއީ އެ މަނިކުފާނަށް ހައްގު މަގާމެއްކަން މި ފަސް އަހަރުން ދައްކުވައިދީފިއެވެ. އެއީ، ރާއްޖޭގެ ތާރީހުގައި ދައުރެއް ހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސެވެ.

ދައުރު ނިމޭއިރު ހުސްއަތް

ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސް ޞާލިޙަށް ދޭން ޖެހުނު އެންމެހައި އެއްބާރުލުމެއް ފައިސަލް ދެއްވިއެވެ. އެއީ މީހަކު ބުނެ ނުދިނަސް ފެންނާން އޮތް ހަގީގަތެވެ.

އެކަމަކު، ގާނޫނު އަސާސީ އޮންނަ ގޮތުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސަށް އޮތީ ހުސް އަތެވެ. ދައުރު ހަމަވީމާ ނިމުނީއެވެ. ގައުމުގެ ނައިބު ރައީސްކަން ކުރިޔަކަސް ސެކިއުރިޓީއެއް ނޯވެއެވެ. އެލަވެންސެއް ވެސް ނޯވެއެވެ.

މައްސަލައަކީ ދައުލަތުން އިތުރު ބޭފުޅެއް ބަލަހައްޓަން ޚަރަދުތަކެއް ނުކުރާތީއެއް ނޫނެވެ.

https://sun.mv/179480

އެ ވަރުގެ މަގާމެއް އަދާ ކުރެއްވީމާ މަގާމުގެ ހައިސިއްޔަތުން ނަންގަވަން ޖެހިވަޑައިގެން ރިސްކުތަކެއް ވެސް ހުންނާނެއެވެ. އެ ކަންކަމުގެ ސަބަބުން ނަފުރަތު ކުރާ ބަޔަކު ވެސް ތިބޭނެއެވެ. އެއީ، ދައުލަތަށްޓަކައި ނައިބު ރައީސްގެ ހައިސިއްޔަތުން ކުރެއްވި ކަންކަމެވެ. އެހެންވީމާ، ދައުރު ހަމަކުރި ނައިބަށް ވެސް ސެކިއުރިޓީ ލިބެންވާނެއެވެ.

ރައީސް ވައުދުފުޅު ނުފުއްދެވި

ހައިޖާން ގިނަ ނައިބުންތަކަކަށް ފަހު، ވަފާތެރިކަމާ އެކު ދައުރެއް ހަމަކުރެއްވި ނައިބަކީ ފައިސަލެވެ. ސިޔާސީ ގޮތުން ކުރިމަތިވީ އޮއެވަރެއްގެ ތެރެއިން ފައިސަލަށް މި ފަހަރުގެ އިންތިޚާބުގައި ރަނިންމޭޓުކަން ނުދެވުމީ ރައީސް ޞާލިޙަށް ނަންގަވަން ވަރަށް ދަތިފުޅުވި ނިންމެވުމެކެވެ. އެހާ ބޮޑަށް ދިގުދައްމައިގެން، އެކިއެކި ގޮތްގޮތަށް ވިސްނެވީ ވެސް އެހެންވެއެވެ.

އެކަމަކު، ރައީސް ޞާލިޙް ނުފުއްދެވީ އެ ވައުދުފުޅެއް ނޫނެވެ. މި ފަހަރު ރަނިންމޭޓަކަށް ފައިސަލް ނުހެދުމަކީ އޭގެ ޒާތުގައި ގޯހެއް އޮތް ކަމެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމް --

ނުފުއްދެވި ވައުދުފުޅަކީ ދައުރު ނިމުމުގެ ކުރިން ނައިބު ރައީސުންނަށް އިނާޔަތް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ވެލެއްވި ވައުދުފުޅެވެ. ކުރިން ގާނޫނުގައި އެބައި ލިޔެފައި ނެތީ އެއީ ވަކި ބޭފުޅަކަށް އިނާޔަތް ދޭން ހެދި ގާނޫނަކަށް ވާތީ ކަމަށް ރައީސް ޞާލިޙް މީގެ ކުރިން ވިދާޅުވިއެވެ.

މި ސަރުކާރުގައި ކުރީގެ ނައިބު ރައީސުންނަށް 35،000 ރުފިޔާގެ އިނާޔަތެއް ދޭން ފާސް ވެސް ކުރިއެވެ. އެކަމަކު، ރައީސް އެ ބިލު ތަސްދީގު ނުކުރެއްވީ ގޯސްތަކެއް އޮތީމައެވެ. އޭރު އެ ބިލު އޮތީ ދެ މަހަށް ނައިބު ރައީސްކަން ކުރެއްވިޔަސް އެ އިނާޔަތް ލިބޭ ގޮތަށެވެ. އެ ގޯސް އިސްލާހު ކޮށްފައި، އަލުން އެ ބިލު ފާސްކޮށް ދައުރު ނިމުމުގެ ކުރިން ތަސްދީގު ކުރައްވާނެ ކަމަށް ރައީސް އޭރު ވައުދުވެލެއްވިއެވެ.

އެކަމަކު، ދައުރު ނިމެން މަދު ގަޑިއިރެއް ބާކީ އޮތް އިރު އެ ބިލުގެ ހިލަމެއް ވެސް ނެތެވެ.

ބޭކާރު އެތައް ޚަރަދެއް

ނައިބު ރައީސަކަށް ދޭންވާ ސެކިއުރިޓީ ދޭން ގާނޫނުގައި ލިޔެފައި ނެތަސް، ގާނޫނު ހަދަން ތިބި މެންބަރުން ފައިސާ ލިބިލިބި ހުންނާނެ މަގު އޮތީ އެ ގާނޫނު އަސާސީ ލިޔުނުއިރު ތައްޔާރު ކޮށްފައެވެ.

ބައެއް ޚަރަދުތައް ކުރަނީ ގާނޫނުގައި ލިޔެގެން، ކޮންމެހެން ވެސް ކުރަން ޖެހޭ ޚަރަދުތަކަކަށް ހަދައިގެންނެވެ. މިގޮތުން،

  • މަޖިލީހުގައި އެއް ދައުރު ހޭދަކުރި މެންބަރަކަށް، މެންބަރެއްގެ މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދެއެވެ.
  • ދެ ދައުރު ފުރިހަމަ ކުރި މެންބަރުންނަށް، މެންބަރެއްގެ މުސާރައިގެ 45 ޕަސެންޓް ދައުލަތުން ދެއެވެ.

އެކަމަކު، މި އިނާޔަތް ލިބެން ފަށާނީ އެ ބޭފުޅެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގައެވެ. އަދި، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރާނަމަ ވެސް މި އިނާޔަތެއް ނުލިބޭނެއެވެ.

https://sun.mv/171807

އެ މެންބަރުންނަށް ދޭންވާ ގޮތެއް ލިޔެފައި، އެ މެންބަރުންގެ މަސްލަހަތަށް ހައްދަވާ ޕާޓީތަކަށް ވެސް ދައުލަތުން ފައިސާ ލިބޭނެ ނިޒާމެއް އޮތީ ހަދައިފައެވެ. ގާނޫނު ބުނާ ގޮތުން، 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭން ޖެހެއެވެ.

މިދިޔަ އަހަރު އެކަނި ވެސް ދައުލަތުން ސިޔާސީ ޕާޓީތަކަށް 29 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ؛

  • އެމްޑީޕީއަށް - 15.02 މިލިއަން ރުފިޔާ
  • ޕީޕީއެމަށް - 9.4 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީއަށް - 5.5 މިލިއަން ރުފިޔާ

ގާނޫނުގައި ލިޔެގެން ސިޔާސީ ބޭފުޅުން ފައިދާ ނަންގަވައެވެ. އެއީ ޝައްކު ނެތް މިންވަރަށް ގާނޫނުގައި ލިޔެގެން ކުރާ އިސްރާފެކެވެ. މުހިއްމީ، އެ އިސްރާފަށް ނަމެއް އިތުރު ކުރުމެއް ނޫނެވެ. ދައުލަތަށް ވަފާތެރިކަމާ އެކު ހިދުމަތް ކުރައްވާފައި ގެޔަށް ވަޑައިގަންނަވާ ބޭބޭފުޅުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދެވެން ޖެހެއެވެ. ކޮންމެހެނަކުން 35،000 ރުފިޔާ ނުދިނަކަސް ވަރިހަމައެވެ.

މި ދައުރުގައި އެހެން ވެރިކަން ފަދައިން ރައީސާއި ނައިބުގެ ކޯޅުމެއް ނުހިނގައެވެ. ނަމަވެސް ވަފާތެރިކަމާ އެކު ދައުރެއް ހަމަ ކުރެއްވި ނައިބު ރައީސަށް އޮތީ ހަމައެކަނި ރީތި ނަމެވެ. ދެން އޮތީ ހަމަ ހުސް އަތެވެ.

comment ކޮމެންޓް