އެފްކޮންސްގެ 69 މިލިއަންގެ ޖޫރިމަނާ މާފުނުކުރަން ނިންމައިފި

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލައިގައި އެ ކުންފުނި 69 މިލިއަން ރުފިޔާއިން ކުރި، ޖޫރިމަނާ މާފުނުކުރަން އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އަހަރުގެ އޯގަސްޓް 16ވަނަ ދުވަހެވެ. އެ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވިލިމާލެ ފަރަށް ލިބިފައިވެއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ޖޫރިމަނާ ކުރުމުން އެފްކޮންސްއިން ވަނީ އެ އަދަދަށް ބަދަލު ގެނައުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު މިނިސްޓްރީން މިއަދު ނިންމީ ޖޫރިމަނާ އަދަދަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ އެ ހާދިސާ ހިނގުން ހުއްޓުވުމަށް ޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ ފުރުސަތު އެފްކޮންސްއަށް އޮތް ކަމަށް އެ މިނިސްޓްރީން ހޯދި ހޯދުންތަކުން އެނގެން އޮތުމުންކަމަށް މިިނިސްޓްރީން ބުންޏެވެ.

https://sun.mv/176513

މީގެ އިތުރުން އެ ފައިސާއަކީ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށް މަސައްކަތްކުރުމަށް ޓަކައި އީޕީއޭއަށް ލިބުން މުހިންމު އެއްޗެއްކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ އެ ޖޫރިމަނާ އަދަދުގެ ތެރެއިން 15 މިލިއަން ރުފިޔާ ޖަމާކުރާނީ އީޕީއޭގެ 'އެންވަޔަރަމަންޓް ރެސްޓޮރޭޝަން ފަންޑް'އަށް ކަމަށެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއް ވެސް ވަނީ ކޮށްފައެވެ. އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވެއެވެ.

އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށް ފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެ ތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

އެއާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ.

comment ކޮމެންޓް