މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެއްސާއި އެ ގަސްގަހާގެހީގައި ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ހުއްދަކަމެއް ކަމަށާއި، އެއީ ޘަވާބުވެސް ލިބޭ ކަމެއް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ވިލިމާލެ އާއި މައްޗަންގޯޅީގައި ހުރި ނިކަ ގަސްތަކެއް ކަނޑަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމުން, ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
'ފޭސްބުކް'ގައި ޝަހީމް ލިޔުއްވިގޮތުގައި އިސްލާމީ އާންމު އުސޫލުން ބަލާއިރު، މުޖުތަމައަށް ފައިދާވާގޮތަށް ހުންނަ ގަސްގަހާގެހި ކެނޑުމަކީ ހުއްދަ ކަމެއްނޫންނެވެ. ޝަހީމްގެ ޕޯސްޓުގައިވަނީ މީހުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އިސްލާމްދީން ބާރު އަޅާ ކަމަށެވެ.
"ހަނގުރާމައިގެ ހާލަތުގައި ގަސްގަހާގެހި ކެނޑުމަކީ ވެސް މަނާކުރައްވާފައިވާ ކަމެކެވެ. ނަމަވެސް މީސްތަކުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެހި، ނުވަތަ ގެއްލުންވާ ގޮތައް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަކަމެކެވެ. އަދި ކިއެއްތޯއެވެ. ސަވާބު ވެސް ހުރިކަމެކެވެ." ޝަހީމް ލިޔުއްވާފައިވެއެވެ.
ޝަހީމް ލިޔުއްވާފައިވާ ގޮތުގައި ތިމާވެށި ރައްކާތެރިކުރުމަށް ދީނުގައި ބާރުއަޅާފައި އޮތަސް، އާންމު އުނދަގުލަކަށްވާ ގޮތަށް، ނުވަތަ މީހުންގެ ގެދޮރަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެއްސާއި އެ ގަސްގަހުގެ ގޮފިތަކާއި މޫތައް، ގެއްލުމުގެ މިނަށް ބަލައި ކެނޑުން ލާޒިމެވެ.
"ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާ ހާދިސާއެއްގައިވާ ގޮތުން މީސްތަކުންނަށް ގެއްލުންވާގޮތަށް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ކަނޑާލުމުން، (އެހެން ރިވާޔަތެއްގައިވާ ގޮތުން) ގެއްލުންވާގޮތަށް ހުރި ގަހެއް ކަނޑާލުމުން، މާތް ﷲ އެކަން ކުރިމީހާއަށް ރަޙްމަތްލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވިއެވެ."
އެއް އިރެއްގައި ފައިދާ ލިބޭ ގަހެއް އެހެން މަސްލަހަތަކާ ގުޅިގެން ކަނޑާލަން ޖެހިދާނެކަން، ނުވަތަ އެ ގަސް އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނަންގަވައި ޝަހީމް ލިޔުއްވިގޮތުގައި، އެކަލޭގެފާނުގެ މިސްކިތް ބިނާކުރެއްވީ މިސްކިތް ބިނާކުރެއްވި ބިމުގައި ހުރި ގަސްތައް ކަނޑުއްވާލައްވައިފައެވެ. އަދި ޔަހޫދީންގެ ޤަބީލާއެެއް ކަމަށްވާ ބަނުއްނަޟީރު ވަންހައިގެ މީހުންގެ ގަސްތައް ކެނޑުއްވުމަށް ކީރިތި ރަސޫލާ އަމުރުކުރެއްވި ކަމާއި، އެއީ އެ މީހުންގެ އުނދަގުލުން ސަލާމަތްވުމަށާއި އެމީހުން މުސްލިމުންނަށް ގެއްލުންދޭތީ އެ މީހުން ބަލިކުރެއްވުމަށް ކަމަށް، ޝަހީމް ލިޔުއްވާފައިވެއެވެ.
"އާންމު އުނދަގުލަކަށްނުވާ ގޮތައް ހުންނަ ގަސްގަހާގެހި ބަލަހައްޓައި އެއަށް ރައްކާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެކެވެ. ގަސް އިންދުމާއި ގަސްތައް އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް މޭވާއާއި ހިޔާ ލިބޭ ގަސްގަހާގެހި ގިނަކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ވަރަށް މުހިންމުކަމެކެވެ." ޝަހީމްގެ ފޭސްބުކް ޕޯސްޓުގައިވެއެވެ.
މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ އަންގާރަ ދުވަހުގެރޭ ރައީސް ވިދާޅުވީ، ގަސް ކެނޑުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އާންމު ދިރިއުޅުމަށް ދަތިވާ ހާލަަތްތަކަށް ރިއާޔަތްކުރުމަށްފަހު، ގާނޫނީ ގޮތުން ލުއި ހޯދޭނެ ގޮތްތައް ހުންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ގަސް ކެނޑުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެކަމަކު ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނެއްގެ ދިރިއުޅުމަށް އުނދަގޫވާ ކަމަށް ވަންޏާ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން، ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ ގޮތަކަށް ގަހެއް އެތަނުން ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން،" ރައީސް ވިދާޅުވެފައިވެއެވެ.
އެއާއެކު، ރައީސް ވަނީ މާލެ ސިޓީ ކައުންސިލާ ލޯކަލް ގަވަނަންސް މިނިސްޓްރީން މައްޗަންގޮޅި ސަހަރާގައި ހުންނަ ނިކަގަސް ކެނޑުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސް ވަނީ ވިލިމާލޭގައި ދެ ނިކަގަސް ނަގައި، އޭގެ ބަދަލުގައި 300 ގަސް އިންދަން ނިންމާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.
އާދީއްތަ ދުވަހުގެރޭ ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މިގޮތަށް ވިދާޅުވީ އެރަށުގެ އާންމުންނަށް ނިކަ ގަހުގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގެ ކަންބޮޑުވުން ހިއްސާކުރުމުންނެވެ.
އެ ދެ އަވަށުން ނިކަގަސް ނަގަން ބައެއް މީހުން ދެކޮޅެވެ. އެގޮތުން ނިކަގަސް ނުނަގައިވެސް އާންމުންނަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް، ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ފަރާތްތަކުން ބުނެފައިވެއެވެ.