މީގެ ފަސް އަހަރު ފަހަތަށް ޖެހިލައި، މާޒީގެ ތެރެއަށް ކަޅިއެއް އެއްލާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. އެންމެންނަށް ވެސް އޭރު އެ ކުންފުނީގެ މުސްތަގުބަލު ފެނުނީ އަނދިރިކޮށެވެ. ނަމަވެސް އޭގެ ފަސް އަހަރު ފަހުން މިއަދު މި ވަނީ އެ ކުންފުންޏާ މެދު މީހުން ދެކޭގޮތް ބަދަލުވެފައެވެ. ފަސް އަހަރުތެރޭ އެތައް ކާމިޔާބީއެއް ހޯދާ އެ ކުންފުނިން މުޅި ދުނިޔޭގެ އިތުބާރު ހޯދައިފިއެވެ.
މިއަދު އެމްއެމްޕީއާރުސީގެ މުސްތަގްބަލު ފެންނަނީ ވަރަށް އުޖާލާކޮށެވެ. ވަރަށް އަލި ގަދަކޮށެވެ.
ފަސް އަހަރުތެރޭ މިވަރު ބޮޑު ބަދަލެއް ކުންފުންޏަކަށް ގެނައުމަކީ ހަމަ ގައިމު ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. 2018ވަނަ އަހަރު އެމްއެމްޕީއާރުސީގެ ހިންގުމާ ހަވާލުވެ ޠައްޔިބް މުހައްމަދު ނެންގެވި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު "ޗެލެންޖަކީ" އެއީއެވެ. ކުންފުނީގެ ނަމަށް ލިބިފައިވާ ކިލަނބުކަން ރީތިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރާއްޖޭގެ ހިތްގައިމުކަން ގެންގޮސް ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމެވެ.
ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު މިއަދު މަގަމާއި މަސްއޫލިއްޔަތުތަކާ ދުރުވާއިރު ޠައްޔިބްގެ ހިތުގައި ވަނީ އެކަންކަން ހާސިލް ކުރެވިއްޖެކަމުގެ އުފާވެރިކަމެވެ.
ޠައްޔިބް އެމްއެމްޕީއާރުސީއާ ގުޅިވަޑައިގަތުން
އެމްއެމްޕީއާރުސީގެ މެންޑޭޓުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް އެންމެ ފުރަތަމަ ޠައްޔިބް ވިސްނެވީ ކުންފުނީގެ ނަން ކިލަނބުވާން މެދުވެރިވި ސަބަބާ ދޭތެރޭގައެވެ. އަދި ވިސްނެވީ އޭނާގެ މާލިމީކަމުގައި މިކަންކަން ތަކުރާރު ނުކޮށް މަސައްކަތް ކުރާނެ ގޮތަކާ ދޭތެރޭގައެވެ.
"އެގޮތަށް ނުވާނީ ކިހިނެތް ހެދީމަތޯ ބެލި ބެލުމުން އަޅުގަނޑަށް ފާހަގަވީ އަސްލު ރަނގަޅު ސްޓްރަކްޗަރެއް އުފެދިފައި ނެތްކަން. އެޗްއޯޑީ ނުވަތަ ތަން ހިންގުމަށް ވެރިންތަކެއް ތަރުތީބު ކުރެވިފައެއް ނެތް. ޑިޕާޓްމަންޓްތަކެއް ހެދިފައެއް މާބޮޑަކަށް ނެތް. ހަމައެކަނި މާކެޓިންގެ ކަންކަން ކުރިއަށް ގެންދާއިރު ވަށައިގެން ކުރަންޖެހޭ ކަންކަން އެންމެން ވެގެން ކުރާ ގޮތަކަށް އޮތީ،" ޠައްޔިބް ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވިސްނީ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ކުރަންޖެހޭ ކަންކަމާ މެދުއެވެ. އެގޮތުގެ މަތިން ކަންކަން އެތުރުމަށް ރަނގަޅު ޕޮލިސީތަކެއް އެކުލަވާލަ އޮގަނައިޒޭޝަން ސްޓްރަކްޗާ ވަރުގަދަކޮށް އެސްއޯޕީތަކާއި ޕޮލިސީތައް އެކުލަވާލިއެވެ.

"އަޅުގަނޑަށް ވެސް މީހުން ރުޅިއަންނަ ކަހަލަ ކަންތައްތަކެއް ނުކުރެވޭ ކަހަލަ ގަވާއިދާ ގާނޫނާ ޚިލާފު ނުވެ އަޅުގަނޑަށް އެ ފުރުސަތު ނޯންނަ ގޮތަށް މިތަން ބައްޓަން ވާން ޖެހޭނީ،" އެމްއެމްޕީއާރުސީ ނަގާ ކޮޅަށް ޖެހުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ އެއީ ކަމުގައި ޠައްޔިބް ވިދާޅުވިއެވެ.
އެއަށް ފަހު ދެން މިސްރާބު ޖެހީ ހަގީގީ މަސައްކަތްކަމަށްވާ މާކެޓިންއާ ދިމާލަށެވެ.
ކުރެވުނު މަސައްކަތްތަކާ ކާމިޔާބީ
ރާއްޖޭގެ އިގްތިޞާދު އެ ސިނާއަތަކަށް ބިނާވެފައި އޮންނަ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަތުކުރި އޮޅާލާ ފެށުނު މަސައްކަތުން ފާއިތުވި ފަސް އަހަރު 1395 މާކެޓިން ހަރަކާތް އެމްއެމްޕީއަރުސީން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ފެއާތަކާ، ކޮންފަރެންސްތަކާ އެކިއެކި އިވެންޓުތައް ހިމެނެއެވެ. އެ ހަރަކާތްތަކުން އެތައް ބިލިއަން ބަޔަކާ ހަމައަށް އެ މަސައްކަތް ވާސިލްވިއެވެ. އެތައް ރޮނގަކުން ރާއްޖެއިން ރިކޯޑު ހެދިއެވެ. އެވޯޑު ހޯދިއެވެ.
ފެބްރުއަރީ 23، 2020: ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ފަސް އަހަރުތެރޭ 46 ޕަސަންޓުގެ ކުރިއެރުމެއް ކުރީ ފަސް އަހަރާ ބަލާފަ އެވޯޑުތަކުން ވެސް ލިބިއްޖެ. ހަގީގަތުގަ އެ އެވޯޑުތައް ލިބުނީ ހަމަ ތިއްބަކާ ނޫން. ދިވެހި ފަތުރުވެރިކަމުގެ އިންޑަސްޓްރީގަ އެންމެން ކުރި މަސައްކަތުގެ ވަރަށް ރަނގަޅު ހިތްވަރަކަށް ވީ ކަންކަމެއް މީ،" ކުންފުނީގެ މެންޑޭޓުގެ ދަށުން މި އެވޯޑުތައް ހޯދުމަށް ވެސް މަސައްކަތް ކުރަން ޖެހޭކަން ޠައްޔިބް ފާހަގަކުރިއެވެ.
ޠައްޔިބްގެ އިރުޝާދުގެ ދަށުން ރާއްޖެ އިޝްތިހާރުކުރަން ކުރެވުނީ ރަނގަޅު މަސައްކަތްތަކެއްކަން ދޭހަވާ އެންމެ ބޮޑު ހެއްކަކީ ވޭތުވެ ދިޔަ ތިން އަހަރު ޖެހިޖެހިގެން ލިބުނު ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑެވެ. މިއީ ބޭރު ދުނިޔޭގައި ރާއްޖޭގެ މަޝްހޫރުކަން އެތައް ގުނައެއް އިތުރުކޮށްދިން އަދި މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަމުން އެންމެ ބާރުގަދަ އެވޯޑެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު --
"އަޅުގަނޑު ދަންވާނީ ކުރެވުނު މަސައްކަތްތައް ބޭރުގެ އަދި ރާއްޖޭގެ މީހުން ވެސް ބަލައިގަން މިންވަރާ ރިވިއު ކުރެވުނު ވަރާ، އަޅުގަނޑުމެންގެ ވިޒިބިލިޓީއާ މަސައްކަތްތައް ހާއްސަކޮށް އަޅުގަނޑު ދަންނަވާނީ ކޮވިޑްގެ ދުވަސްވަރު ކުރެވުނު މަސައްކަތާ އެއިން ލިބުނު ނަތީޖާއަށް ބަލާފަ ލިބުނު އެވޯޑްތަކެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ. މިއީ އަޅުގަނޑުމެންނަށް ހިތްވަރެއް. ޓުއަރިޒަމް އިންޑަސްޓްރީއަށް ވެސް ހިތްވަރެއް އަދި ހަވާލުވެވަޑައިގަންނަވާ ސަރުކާރަށް ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް ރަނގަޅު މަސައްކަތްތަކަކާ ހަވާލުވެ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ،" ޠައްޔިބް ވިދާޅުވިއެވެ.
ދުނިޔެ ހުއްޓުނު ވަގުތު ވެސް އެމްއެމްޕީއާރުސީ މަސައްކަތުގައި
ފާއިތުވި ފަސް އަހަރު މުޅި ދުނިޔެއަށް ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑުގެ ވަބާގައި މުޅި ދުނިޔެ ހުއްޓުމެވެ. ހަމަ އެފަދައިން، ފާއިތުވި ފަސް އަހަރަށް ބަލާއިރު އެމްއެމްޕީއާރުސީއަށް ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑުގެ ވަބާގައި ފަތުރުވެރިކަމުގެ ބޯޑަރު ބަންދުކުރަން ޖެހުމެވެ. ދެން ވާންވީ ގޮތެއް ނުވަތަ ގައުމުތަކުން ދަތުރު ކުރަން ފަށާނެ ދުވަހެއް ނޭނގުމެވެ.
"ފުރަތަމަ ވެސް ބެލީ އަޅުގަނޑުމެން ކުރަން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރާނީ ކޮން ކަންތައްތަކެއްތޯ. އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ބޭފުޅުންނާއެކު ބައްދަލުކުރީ މާކެޓިއާސްއާ އެއްކޮށް، މާކެޓިއާސް ފޯރަމްއެއްގެ ގޮތުގައި. އެ ބައްދަލުކުރުމުން ވެސް ހަގީގަތުގައި ދެންނެވޭނީ މާ ބޮޑު ކަމެއް ކުރެއްވިކަމެއް އިނގިފައެއް ނެތޭ. އެހެން ނަމަވެސް އޭރު ވެސް ބުނަމުން ދިޔައީ މާކެޓް ކުރަން ޖެހޭނެއެއް ނޫންހޭ"
މި މަޝްވަރާތަކުން ވިސްނުނީ ކަންތައްތައް ހަމަ މަގަށް އެޅޭނެ ދުވަހެއް ބުނަން ނޭނގުނަސް އަތް އުރާލައިގެން ތިބެވެން ނެތް ކަމެވެ. އެމްއެމްޕީއާރުސީ، ކުންފުނީގެ ބާރު ދުވެލީގައި ދުވަން ޖެހޭ ކަމެވެ.
"އަޅުގަނޑުމެން ކުރަމުންއައި ގިނަ މަސައްކަތްތަކަކީ ވަރަށް ފިޒިކަލް މަސައްކަތްތަކެއް. އެ ހުރިހާ ހަރަކާތްތަކެއް ކުއްލިއަކަށް ބަދަލުކޮށްލަން ޖެހުނީ ވާޗުއަލް ކަންތައްތަކަށް،" ކުންފުނިން މާކެޓް ކުރަން ގެންގުނު އުކުޅުތައް އެ ހިސާބުން ބަދަލުކޮށް މަސައްކަތް ފެށީ އޮންލައިންކޮށް ރާއްޖެ އިޝްތިހާރު ކުރުމަށެވެ.
ކުއްލިއަކަށް މިފަދަ ބަދަލެއް ކުންފުންޏަށް ގެނައުން ވީ ގޮންޖެހުން ބޮޑު ކަމަކަށެވެ. މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރުން ވެސް ވީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް މިކަންކަން އެއް ފަރާތެއްގައި ބާއްވާ މުޅި ކުންފުނި އެއްބައި ވެގެން ފެށީ ބުރަ މަސައްކަތެކެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ގައުމުތަކުގެ ހާލަތާ ގުޅުވައިގެން އެ ގައުމުތަކުގެ މީހުންނަށް އަމާޒުކޮށް ވީޑިއޯތަކެއް ހެދުމެވެ. އަދި ރައްކާތެރިވެ ތިބުމަށް އިރުޝާދުދީ ކުރެވިދާނޭ ކަންކަން ކިޔައިދޭ ވީޑިއޯތަކެއް ހެދުމެވެ. އޭރުވެސް މީޓިންތައް ބާއްވާ ގައުމުތަކުގެ ހާލަތު ދިރާސާކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިޔައެވެ.
ދެން ފެށީ އޮންލައިންކޮށް ސެމިނާތައް ފަށާ މާކެޓިން ކެމްޕެއިންތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތެވެ. އެގޮތުން ބޯޑަރު ހުޅުވުމަށް ތައްޔާރުވުމަށް "މޯލްޑިވްސް ދަ ސަން ވިލް ޝައިން އަގެއިން" ކިޔާ ކެމްޕެއިނެއް ކުރިއަށް ގެންދިޔައެވެ.
"ގާތްގަނޑަކަށް 4 ގަޑިއިރުގެ ފޭސްބުކް ލައިވް އިވެންޓެއް އެއީ ސޯޝަލް މީޑިއާގަ. އެތައް ބައެއްގެ ކުދިކުދި އިންޓަވިއުތަކާ ކުރިން ރާއްޖެ އައި މީހުންގެ އިންޓަވިއުތަކާ ދިވެހި ފަންނާނުނާއި ޓުއާރ އޮޕަރޭޓަރުންނާ، ޓްރެވަލް އޭޖެންޓުންނާ، ބޭރުގެ މީހުންނާ މީހުންގެ ކްލިޕްސްތައް ލާފަ ހޯޕެއް ދިނުމުގެ ގޮތުން ބޭއްވި ހަރަކާތެއް،" ޠައްޔިބް ވިދާޅުވިއެވެ.
ކޮވިޑުގެ ދުވަސްވަރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންކަން އެމްއެމްޕީއާރުސީން އިޝްތިހާރު ކުރިއެވެ. އެގޮތުން ރާއްޖޭގެ ސަގާފަތާ ތިމާވެއްޓާ ތަފާތު ދިރުންތައް ފަތުރުވެރިންނަށް ދައްކުވައިދިނުމަށް އެކަންކަން އިޝްތިހާރު ކުރަންފެށިއެވެ.
މި ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކަށް ކުރެވުނީ، ވިޒިޓް މޯލްޑިވްސްގެ ވާޗުއަލް ހަރަކާތްތައް ކުރިއަށް ގެންދަން ތައްޔާރު ކުރި ޕްލެޓްފޯމެވެ. މި ޕްލެޓްފޯމްގެ ތެރެއިން ފެއާތަކާއި، ރޯޑް ޝޯތައް، ވެބިނާތައް އަދި ބޭރުގެ އެޖެންޓުން ޓްރެއިން ކުރުމަށް ސެޝަންތައް ވެސް ކުރިއަށް ގެންދިޔައެވެ.
ކުރެވުނު ބުރަ މަސައްކަތުން ހަމައެކަނި ކޮވިޑުގެ ދަތި ދުވަސްވަރު ވެސް 428 މާކެޓިން ހަރަކާތް އެ ކުންފުނިން ކުރިއަށް ގެންދިޔައެވެ. މި މަސައްކަތްތަކުގެ ނަތީޖާ ފޮންޏެވެ. ގައުމުތަކުގެ ބޯޑަރުތައް ހުޅުވުމުން އެތައް ފަތުރުވެރިންނެއް ރާއްޖެއަށް އަންނަން ފެށިއެވެ.
ދައުރު ފުރިހަމަކޮށް ނިމިގެންދާއިރު ފަސްބައި ސާފު
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ފުރިހަމަ ފަސް އަހަރުގެ ދައުރެއް ނިންމާ ހުންގާނުން އަތް ދޫކޮށްލާއިރު ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް މިހާތަނަށް ޠައްޔިބަށް އަމާޒުވެފައެއް ނުވެއެވެ. އޭނާ ބުނާގޮތުގައި އެފަދަ ގޯހެއް ނުފެންނާނެއެވެ. އޭނާގެ މަސައްކަތްތައް ބައްޓަންކުރީ މީހުންނަށް ތުހުމަތުގެ އިނގިލި ދިއްނުކުރެވޭނެ ފަދައިން ދެފުށްފެންނަ ހާމަކަން ބޮޑުގޮތެއްގައި، ވިސްނުން އިސްކޮށްގެންނެވެ.
"އެއީ ޕްރޮސެސްތަކާ އުސޫލުތައް ހަރުދަނާ ކުރެވުނީމައި ހުރިހާ ކަމެއް ވެސް ހުންނާނީ އެކަމަކަށް ހުންނަ ޕްރޮސެސްތައް ފޮލޯކޮށްގެން ކޮށްފައި." ދެފުށް ފެންނަ ގޮތަށް ގިނަ މަރުހަލާތަކެއްގެ ތެރެއިން ކަންކަން ކުރުން ވީ ޠައްޔިބަށް ވެސް ގޮންޖެހުން ކުރިމަތިކުރުވި ކަމަކަށެވެ.

ފަތުރުވެރިކަމަށް 50އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި "ޓޫރިޒަމް ގޯލްޑަން އިޔަރ ގާލާ އިވްނިންގ"ގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ޠައްޔިބް ވިދާޅުވި ގޮތުގައި ގޮންޖެހުންތަކާ އެކު ވެސް އެ ހުރިހާ މަސައްކަތެއް ކޮށްފައި ހުންނާނީ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހުއެވެ. ލިޔެކިޔުންތައް ރިކޯޑު ކުރުމަށް ފަހުއެވެ. އެހެންކަމުން މިއަދު އޭނާއަށް އިނގިލި ދިއްކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
މަގާމުން ދުރުވި ނަމަވެސް އެކުގައި ވާނެ ހަނދާންތައް
ފަސް އަހަރުތެރޭ އެތައް ބަޔަކާ ބައްދަލުވާނެއެވެ. އެތައް ކަމެއް ދަސްވާނެއެވެ. އެތައް ކަމެއް ބަދަލުވާނެއެވެ. އާ ތަޖުރިބާތައް ކުރެވޭނެއެވެ. އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ދުރުވި ނަމަވެސް ވޭތުވެދިޔަ ފަސް އަހަރު ކުރެވުނު ތަޖުރިބާއިން ޠައްޔިބަށް ވެސް ހަނދާނުން ނުފިލާނެ ކަންތައްތަކެއް ދިމާވެއްޖެއެވެ.

މަޓްކާގައި ރާއްޖެ އިޝްތިހާރުކުރުން -- ފޮޓޯ :އެމްއެމްޕީއާރުސީ
"އެންމެ ކަމެއް ނޫން އަސްލު އެންމެ ފުރަތަމަ ކަމަކީ ވަރަށް ގިނަ ކަންތައްތަކެއް ޓުއަރިޒަމް އިންޑަސްޓްރީއަށް ކޮށްދެވިއްޖެކަމުގެ ހިތްހަމަޖެހުން ވަރަށް ބޮޑަށް ލިބޭ. ދެވަނަ ކަމަކީ ވަރަށް ގިނަ އާކަންތައްތަކެއް ފެށިއްޖެ. އާ މާކެޓްތަކުގައި މަސައްކަތް ކުރަން ފެށިއްޖެ. އާ ގޮތްތަކަކަށް އަޅުގަނޑުމެންގެ އިޝްތިހާރު ކުރުމުގެ ކަންކަން ބައްޓަން ކުރެވިއްޖެ،" ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ ބުރަ ކަންކަން ފާހަގަކޮށް ޠައްޔިބް ވިދާޅުވިއެވެ.

އައިޓީބީ 2022
މިކަންކަމުގެ އިތުރަށް ވެސް މުހިންމު ކަންކަމެއް ޠައްޔިބް އިސްވެ ހުންނަވާ އިންޑަސްޓްރީއަށް ކޮށްދެއްވައިފިއެވެ. އެގޮތުން ޓުއަރިޒަމް މެމްބަޝިޕް ފީ 85 ޕަސަންޓު ވަރު ކަނޑާލުމަކީ ދާއިރާގައި މަސައްކަތް ކުރާ އެތައް ބަޔަކަށް ލިބުނު ހިތްހަމަޖެހުމެކެވެ.
މިއީ ހަމަ އެއާއެކު ޠައްޔިބަށް ވެސް ލިބުނު ހިތްހަމަޖެހުމެކެވެ.
ކުންފުންޏާ ވަކިވިޔަސް ކުރާ އުންމީދު ބޮޑު
ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، ޓީމަކީ ޠައްޔިބަށް ވަރަށް މުހިންމު އެއްޗެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ އޮފީހަކީ ވެސް ޓީމެއް، ކޮންމެ ޑިޕާޓްމަންޓަކީ ވެސް، ވަކިވަކި ސެކްޝަނަކީ ވެސް. މި މި މީހުން ނުގުޅި ކުރެވޭނެ އެއްވެސް މަސައްކަމެއް ނޯންނާނެ. އެކަނި އެކަކަށް ކުރެވޭނެ އެއްވެސް މަސައްކަތެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" އެގޮތުން މުޅި ދާއިރާގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުންނަކީ ވެސް ޠައްޔިބާ ވަރަށް ގާތް އޭނާގެ މަސައްކަތުގައި މުހިންމު ބައެކެވެ.
ޠައްޔިބް ވިދާޅުވީ އެ މީހުންގެ ފަރާތުން ލިބުނު އެއްބާރުލުން އަބަދު ވެސް ފާހަގަ ކުރާނެ ކަމަށެވެ. އަދި ނިމިގެންދާއިރު، ރަނގަޅު ޓީމެއް ބިނާ ކުރެވިއްޖެކަމުގެ އުފާ ވެސް އިހުސާސް ވާކަމަށެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޓުއަރިޒަމް މިއަދު މިވަނީ ރަނގަޅު ހިސާބެއްގައެވެ. މިކަމަށް ހާއްސަ ސަމާލުކަމެއް ދީފި ނަމަ، މިއަދަށް ވުރެ އުހުގައި ރާއްޖޭގެ ފަތުރުވެރިކަން ފިޔަޖަހާނެއެވެ.
"އަޅުގަނޑު އުންމީދުކުރަން މިކަމަށް ފަރުވާ ކުޑަ ނުކުރައްވާނެކަމަށް އަދި އަޅުގަނޑަށް ހަމަ ޔަގީންކަން އެބަ އޮތް އާސަރުކާރުން ވެސް ހަމަ ރަނގަޅު ގޮތުގައި ދިވެހި ރައްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންގޮސް ދިނުމަށް އެހީތެރި ވެދެއްވާނެކަމަށް،"
ޠައްޔިބްގެ މާލިމީކަމުގައި ކުންފުންޏެއް ނަގާ ކޮޅަށް ޖަހައިފިއެވެ. އެތައް މަސައްކަތެއް ކޮށް އެތައް ކާމިޔާބީއެއް ހޯދައިފިއެވެ. އެތައް އާ ކަމެއް ތަޖުރިބާކޮށް ކަންތައްތަކެއް ދަސް ވެސް ކޮށްފިއެވެ.
މިއަދު އެ ކުންފުންޏަށް ފުރަގަސްދީ ކުރިއަށް ހިނގައިގަންނަ އިރު އޭނާގެ އުންމީދުތައް އަދިވެސް ވަރަށް ބޮޑެވެ. ދެކެން ބޭނުންވަނީ އޭނާއާ ނުލައި ވެސް ކުންފުނީގެ ނަން މެދުއުޑުގައި ފިޔަޖަހާތަނެވެ. ޠައްޔިބަށް ކުރެވެނީ ކާމިޔާބު މަސައްކަތެއް ކުރެވުމުން ކުރެވޭނެ ފޮނި އިހުސާސްތަކެވެ. ތައްޔިބްގެ ފަސްއަހަރުހެ ޚިދުމަތް ނިންމާލުމަށްފަހު މިއަދު ގެއަށް ދިޔައީ ހިތްހަމަޖެހިގެންނެވެ. އުފަލުންނެވެ.