ގެއްލިއްޖެއެވެ. ދެރައެއްނުވޭހެއްޔެވެ؟

ގެއްލިއްޖެނަމަ އަނބުރާ ނުލިބޭ، އަގުބޮޑު މުހިއްމު އެއްޗެއް ގެއްލުމުން ދެރަނުވާނެ މީހަކު ހުރެދާނެހެއްޔެވެ؟ -- ފޮޓޯ / ޔޫއެން.އޯގް

ގެއްލޭ އެއްޗެތީގެ ތެރެއިން ބައެއް އެއްޗެތި އަނބުރާ ލިބޭއިރު އަނެއްބައި އެއްޗެތި އެއްގޮތަކަށްވެސް ނުލިބެއެވެ. އަދި ގެއްލޭ އެއްޗެތީގެ ތެރޭގައި މާބޮޑު އަގެއް ނެތް ވަރަށް އާދައިގެ އެއްޗެތި ހުންނަފަދައިން، ވަރަށް އަގު ބޮޑެތި އަދި އެހައިމެ މުހިއްމު އެއްޗެތިވެސް ހުރެއެވެ. މިހާރު އަހުރެމެންގެ ތެރެއިން ގެއްލިގެން މިއުޅެނީ އެ އަނބުރާ ލިބުން ދަތި އަދި އެހައިމެ އަގު ބޮޑު މުހިއްމު އެއްޗެކެވެ! މިއީ ދިވެހީންގެތެރޭގައި މިހާރު ގެއްލިފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށްޓަކައި، ދޭދޭ ފަރުދުންގެ މެދުގައި ދެކެވޭ ވާހަކަތައް އަހައިލުން ފުދެއެވެ. އަދި މީހުންނަށް ދިމާވާ ހާދިސާތަކާބެހޭގޮތުން އުފުލޭ އަޑުތަކާއި މީސްމީޑިއާގެ މަންސަތަކާއި ނޫސްތަކުން ލިބޭ މަޢުލޫމާތުތަކުން އެކަން އިތުރަށް ކަށަވަރުކޮށްދެއެވެ.

ތިބާ އެންމެ އިތުބާރު ކުރަނީ ކާކަށްތޯ ސުވާލުކޮށްލުމުން، (އަހަރެން) އިތުބާރުކުރާ އެކަކުވެސް ނެތޭ ބުނާމީހުން ބައިވަރެވެ. މިއީ ކިރިޔާ ފަސްލައްކަ ހަމަވާ ސައްތައިންސައްތަ މުސްލިމު އާބާދީއެއް އޮންނަ މި ދިވެހިރާއްޖޭގެ ގިނަބައެއްގެ ދުލުން ތަކުރާރުވަމުންދާ ޖަވާބަކަށްވާތީ، މީގެ ސަބަބުތައް ހޯދައިލުން މުހިއްމުކަމަށް ފެނެއެވެ.

ހަތްމީހުން ތިބި ޖަމާޢަތެއްގެ ތެރޭގައި، މީހުންނަށް އިތުބާރުކުރުމާބެހޭ ވާހަކަ ފެށުމުން އެތަނުގައި އިން ހަސަނު އިސްވެ ވާހަކަދެއްކިއެވެ. މީހުންނަށް އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ؟ މަސައްކަތް ކުރަން ބަޔަކާ ހަވާލުކުރުމުން އެޑްވާންސްކޮށް ފައިސާ ނަގާފައި ފިލަނީއެވެ. ވަރަށް ފަސޭހައިން ޑޮލަރު ލިބިދާނެކަމަށް ބުނުމުން "ރައްޓެއްސެއް" ގެ އަތަށް ޑޮލަރު ގަންނަން ފައިސާ ދިނުމުން އެ ހިފައިގެންދާމީހާ ވަންނަ ތަނެއް ނޭނގެއެވެ. ފަހަކުން ޚަބަރެއް ނުވެއެވެ.

އެއްނޭވާއިންކަހަލަ ގޮތަކަށް ހަސަނުގެ ވާހަކަ ކުރިއަށް ގެންދަނިކޮށް ކޮށިއަރައިގެން ހުއްޓައިލި ވަގުތު އެތަނުން އެހެން މީހަކު - މުނީރު ވާހަކަ ފެށިއެވެ. ހަސަނު ތިޔަ ދައްކަނީ ޑޮލަރުގެ ވާހަކަހެއްޔެވެ؟ ޢުމުރާއަށް ގެންގޮސްދޭނަމޭ ކިޔައިގެން އެތައް ހާސް ރުފިޔާއެއް އަތުލާފައި ލަނޑުދިނީ ކިތައްމީހުންނަށް ކިތައްފަހަރު ހެއްޔެވެ؟ އެއިން ބަޔަކާ ދެކޮޅަށް އެޅުނު ފިޔަވަޅެއް އެބައޮތްހެއްޔެވެ؟ ތަފާތު ނަންނަމުގައި ދޮގު ކޯލުތައް ކޮށްގެން މީހުން އަތުން ފޭރި ލަނޑުދިނުން ހައްދުން ނެއްޓިފައިވާކަން ހަސަނަކަށް ނޭނގޭހެއްޔެވެ؟ ރައްޔިތުން "ގަމާރީ" ކަމަށް ބުނެ ހޭލުންތެރިކުރުވަން އިޝްތިހާރުތައް ދައްކާއިރު، އެ ވަގުންވެސް އައު ގޮތްތައް ހޯދާނެކަން ދަނެގެން އެކަމާ ފިޔަވަޅެއް އަޅާނެ ބަޔަކު މި ޤައުމުގައި އެބަ ތިބިހެއްޔެވެ؟ ޖަލު ގޮޅިއޭ ސިމްކާޑޭ ޖޭމަރޭ ކިޔާލަކިޔާލަ ތިބުން ފިޔަވައި އެމީހުންނަށް ކުރެވުނު ކަމެއް ހަސަނު ނިކަން ދައްކަބަލާށެވެ. އެހެންވީމައި އިތުބާރުވާ ކުރެވޭނެނޫންހެއްޔެވެ؟

ވާހަކަ އެހިސާބަށް ދިޔަތަނުން، އެތާ އިން ވަރަށް ޒުވާން ކުއްޖަކު އެ ވާހަކައަށް އެއްޗެއް އިތުރުކޮށްލިއެވެ. ނިކަން ބަލައިބަލާށެވެ. ބާޒާރުގައި ވިއްކާ ދޮންކޭލަށް (ގެއްލުން ހުރި) ކެމިކަލް ޖަހައިގެން ދޮންކުރާކަމަށް ސީދާ އެތަންތަނުގައި އުޅޭ މީހުން އެބަބުނެއެވެ. އެތައް ފަހަރަކު ފިނިކަނޑުވާފައި އަލުން ފިނިކޮށްގެން "ތާޒާ" މަސް ވިއްކާތަން އެންމެންނަށް ފެނެއެވެ. އަދި ނުވިތާކަށް މުޅަވެފައިވާ މަހަށް ތާޒާ މަހުގެ ލޭ އިންޖެކްޓުކޮށްގެންވެސް ވިއްކަނީއެވެ. މި ކޮންމެ ކަމަކާމެދުވެސް އެމީހުން އެބުނަނީ ރައްޔިތުން ސަމާލުވުމަށެވެ. އެހެން ބުނާއިރު ކޮންމެ މީހަކު އަމިއްލައަށް އެ އެއްޗެތި ޓެސްޓުކޮށްގެން އޭގެ ހެޔޮނުބައި ދެނެގަނެވޭނެ ހެއްޔެވެ؟ އެލާޓު ނެރުންފިޔަވައި އެމީހުން ކުރަނީ ދެން ކޮންކަމެއްހެއްޔެވެ؟ އެނުބައި ކަންކަން ކުރާ މީހުންނާމެދު ފިޔަވަޅެއް އަޅާތަން އެބަ ފެނޭހެއްޔެވެ؟ މިވަރުވީމައި ދެން އިތުބާރުކުރާނީ ކާކަށް ކިހާވަރަކަށްކަން އެނގެއެއްނޫންހެއްޔެވެ؟

އެއީ އާދަޔާ ޚިލާފު ބައްދަލުވުމެކެވެ. ތަފާތު ސިޔާސީ ފިކުރުގެ މީހުން އެތަނުގައި ތިބި ނަމަވެސް، އިތުބާރާމެދު އެވަގުތު ދައްކަމުން ދިޔަ ވާހަކަތަކަށް އެ އެންމެންވެސް އެއްބަސްވެއެވެ. ޚިޔާލު ތަފާތުވުމެއްނެތެވެ. ދެން ދިމާވީ އަދި މާބޮޑު އިއްތިފާޤެކެވެ! ވާހަކަ އެންމެ ފޯރިގަދަވި ވަގުތު، އެކިޔާ "ކުރީގެ" މެންބަރަކު އެތަނަށް އަތުވެއްޖެއެވެ. އޭނާ އައިސް ހަމަ ހުއްޓުމާއެކު މުނީރު އަޑަށް ބާރުލާފައި ގޮވަން ފެށިއެވެ. ތިޔަ ބުނާ އެއްޗެއް ގެއްލުވައިލި މީހުން މިތިބަ އަންނަނީއެވެ. އެތަނަކަށް ވަންނަންވެގެން ވީ ވަޢުދުތަކާއި ކެނޑިހާ ފޮންޏާ ފަހުން ކަންތައް ކުރިގޮތް މީނާ ގާތު އަހާބަލާށެވެ. ހައްތަހާވެސް ތިބީ އޭގެ މީހުންނެވެ. އަނެއްކާވެސް މާހެޔޮ އެދޭ ތެދުވެރި ބަޔަކަށްވެގެން އާދޭސް ދަންނަވަން އަންނަ ދުވަސް ކައިރިވަނީއެވެ. ހަސަނުމެން ވޯޓުލާން ތިބޭށެވެ. އަހަރެމެން ތިޔައިން އެކަކަށްވެސް އިތުބާރެއް ނުކުރާނަމެވެ.

މީހުންގެ އުޅުމާއި ގުޅުންތަކާމެދު ދިރާސީ ނަޒަރުން ބަލާމީހުންނަށް އެނގޭނެފަދައިން، ދިވެހީންގެތެރޭގައި އެކަކު އަނެކަކަށް އިތުބާރުކުރުމުގެ ރޫޙު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. އެގޮތުން، ދޭދޭ ފަރުދުންގެ މެދުގައްޔާއި ފަރުދުންނާއި ސަރުކާރާއި އަދި އަމިއްލަ އިދާރާތަކާދެމެދުގައިވެސް މި އިތުބާރު ގެއްލުމުގެ މައްސަލަ އެބައޮތެވެ. އެހެންކަމުން ޚިދުމަތް ހޯދުމަށާއި، މައްސަލަތައް ޙައްލުކުރުމަށްޓަކައި ކަނޑައަޅާފައި އޮންނަ ނިޒާމުގެތެރެއިން ދާން ބޭނުންވާ މީހުން މަދުވަމުން އެބަ ދެއެވެ. އެންމެ ރަނގަޅު ގޮތަކީ މައްސަލަތަކާއެކުވެސް ނިޒާމުގެތެރޭގައި އުޅުންކަމަށްވީނަމަވެސް، ޙާލަތު ނިޔާކުރާގޮތުން އެ އުޞޫލާ ޚިލާފުވާން މަޖުބޫރުވަނީކަމަށް ބައެއްމީހުން ބުނެއެވެ. އުޞޫލުގެތެރެއިން ޝަކުވާ ހުށައެޅިޔަސް އެކަން ބަލާނެކަމުގެ އުއްމީދު ނެތުމެވެ. ޝަކުވާއާއި މައްސަލަ ތަޙުޤީޤު ކުރަނީކަމަށް ބުނިނަމަވެސް ދުވަހަކު އެކަމެއް ނިމޭތަން ނައުމެވެ. މައްސަލަ ބަލައިފިކަމަށް ބުނެ ދޭ ޖަވާބުން، ގެއްލުން ނުވަތަ އަނިޔާ ލިބުނު ފަރާތަށް އިތުރު ހިތްދަތިކަމާއި ނާއިންޞާފުނޫން އެއްޗެއް ނުލިބޭ ޙާލަތްތައް ގިނަވުމެވެ. ރައްޔިތުންގެ ކަންކަން ބަލަހައްޓަން މަތިކޮށްފައިވާ ބައެއްފަރާތްތަކުން އެކަށީގެންވާ ގޮތުގައި މަސްއޫލިއްޔަތު އަދާނުކުރުމެވެ. ކަރަޕްޝަން ޢާއްމުވުމާއި، ދޮގު ހެދުމަކީ އެއްވެސް ކަމެއްނޫނޭ ހީވާ ދަރަޖައަށް އެކަން ފެތުރިފައިވުމެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ނަމުގައި ނަގާ ޓެކްސް ފައިސާއިން ކަންކަން ކުރުމުގައި ޢަދުލުވެރިކަން ނެތުމެވެ. މިއީ ޚާއްޞަ ގޮތެއްގައި ރަސްމީ އިދާރާތަކާމެދު އިތުބާރު ގެއްލުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

އިތުބާރުގެ މުހިއްމުކަން ބަޔާންކޮށްދޭ ބުނުމެއްގައިވެއެވެ. ބަޔަކުމީހުންގެ ލޯބި ލިބުމަށްވުރެ، އެމީހުންގެ އިތުބާރު (ތިމާއަށް) ލިބުން މާހެޔޮކަން ބޮޑެވެ. އަދި ހަމަ މިއާއެކު، އެކަކު އަނެކަކަށް އިތުބާރުކުރެވޭ މާޙައުލެއްނުވާނަމަ، ދިރިއުޅުން ދަތިވެގެންދާނެކަމަށް ބުނެވެއެވެ. އިތުބާރު ގެއްލުމާ ބެހޭގޮތުން ޙިކުމަތްތެރިޔަކު ބުނެފައިވެއެވެ. "ތިބާ އަހަންނަށް ދޮގު ހެދީތީ އެކަމާ ދެރައެއްނުވެއެވެ. ނަމަވެސް ދެރަވަނީ ތިބާ ދައްކާ ވާހަކަ ދެން ދުވަހަކުވެސް އަހަންނަށް ޤަބޫލުނުކުރެވޭނެތީއެވެ."

ގުޅޭ ޓެގު
comment ކޮމެންޓް