ހިދުމަތް ނުދޭން ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލު ކޮށްފި

ވ ފެލިދޫ ކައުންސިލްގެ އިދާރާ--- ފޮޓޯ: ފޭސްބުކް

ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނަމަ އެ މީހަކަށާއި އާއިލާ މެމްބަރުންނަށް ކައުންސިލުން ދޭން ޖެހޭ އެއްވެސް ޚިދުމަތެއް ނުދޭން ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން މިއަދު ބާތިލު ކޮށްފިއެވެ.

ފެލިދޫ ކައުންސިލުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ނުދައްކާމީހުންގެ އަތުން ފައިސާ ހޯދުމަށް އެ ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކޮށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 29ވަނަ އާންމު ޖަލްސާގައި އެ ކައުންސިލުން ނިންމީ ފެލިދޫ ރައްޔިތުންގެ އާމުދަނީއަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެރަށު ކައުންސިލުން އެ މީހަކަށާއި އޭނާގެ އާއިލާއަށްދޭ ޚިދުމަތްތައް ކަނޑާލުމަށެވެ.

ފެލިދޫ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން އެލްޖީއޭއިން ވެސް ވަނީ އާންމުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން ނިންމުންތައް ނިންމުމަށް ގޮވައިލައިފައެވެ. އަދި މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެޗްއާރްސިއެމުން ވަނީ އެ ނިންމުން ބާތިލު ކުރުމަށް ވެސް އެރަށު ކައުންސިލަށް އަންގައިފައެވެ.

އެކަމާ ގުޅިގެން މިއަދު ނެރުނު އިއުލާނުގައި އެ ރަށު ކައުންސިލުން ބުނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަނބި/ ފިރި އަދި ދަރިންނަށް ޚިދުމަތް ނުދޭން ނިންމި ނިންމުން ބާތިލު ކޮށްފައިވާ ކަމަށެވެ.

އަދި ފައިސާ ނުދައްކާ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މީހުންގެ ނަންތައް އިއުލާނުކުރަމުން ގެންދިއުމަށް މިހާރު ނިންމައިފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް