ޑިޒްނީ ޕްލަސް އާއި ހުލޫ އެއް އެޕްލިކޭޝަނަކަށް ހަދަނީ

ދަ ވޯލްޓް ޑިޒްނީ ކުންފުނި ނުވަތަ ޑިޒްނީ ޕްލަސް އާއި ހުލޫ ސްޓްރީމިން ޚިދުމަތްތައް ވަރަށް އަވަހަށް އެއް އެޕްލިކޭޝަނަކަށް އެއްކޮށްލާނެ ކަމަށް ޑިޒްނީއިން މިއަދު ބުނެފިއެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އިގާ ވިދާޅުވީ ދެ ޚިދުމަތް އެއްކޮށްފައިވާ އެޕްލިކޭޝަންގެ ބީޓާ ވާޝަނެއް އަންނަ ޑިސެމްބަރު މަހު އެމެރިކާގައި ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއްކޮށްލާފައިވާ ޑިޒްނީ ޕްލަސް އާއި ހުލޫ އެޕް އެންމެ ފުރަތަމަ ލިބެން ހުންނާނީ ޑިޒްނީ ސްޓްރީމިން ބަންޑަލްގެ މިހާރުގެ ސަބްސްކްރައިބަރުންނަށެވެ. މި ޕެކޭޖުން މިހާރުވެސް މި ދެ ހިދުމަތަށް ވެސް އެކްސެސް ލިބޭ އިރު، ލިބޭނީ ވަކި ދެ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ޑިޒްނީ ޕްލަސް އާއި ހުލޫ ކޮންޓެންޓް އެއް ޔޫޒާ އިންޓަފޭސްއަކަށް އެއްކޮށްލުމުން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.

އައިގާ ބުނީ ކޮމްބައިންޑް އެޕް ރަސްމީކޮށް ތަޢާރަފު ކުރުން އޮންނާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކަމަށެވެ.

ޑިޒްނީ ޕްލަސް އާއި ހުލޫ އެއްކޮށްލަން ނިންމީ އެ ކުންފުނިން ސަބްސްކްރައިބަރުން އިތުރު ކުރުމަށާއި ނެޓްފްލިކްސް ފަދަ ވާދަވެރިންނާ ވާދަކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޑިޒްނީއިން ވަނީ މިދިޔަ މަހު ސްޓްރީމިން ދެ ހިދުމަތެއްގެ އަގު ބޮޑުކޮށް އާމްދަނީ އިތުރު ކުރުމުގެ އަމާޒެއްވެސް ހިފާފައެވެ.

އާ އެޕްލިކޭޝަންގެ އަގު އަދިވެސް އިއުލާނު ކޮށްފައި ނުވާއިރު، އިޝްތިހާރުތައް ފެންނަ ގޮތަށް ހުލޫ އާއި ޑިޒްނީ ޕްލަސް އާއެކު ޑިޒްނީގެ މިހާރުގެ ބަންޑަލް އަކީ މަހަކު 9.99 ޑޮލަރެވެ. ނޯ-އެޑްސް ނުވަތަ އިޝްތިހާރާ ނުލައި ލިބޭ ޕެކޭޖްގެ އަގަކީ 19.99 ޑޮލަރެވެ.

ޑިސެމްބަރު މަހު އާ އެޕްގެ ބީޓާ ދޫކުރަން ތައްޔާރުވަމުން އަންނައިރު، އެއްކޮށްލާފައިވާ އެޕްލިކޭޝަނާ ބެހޭ އިތުރު ތަފްސީލުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް