މި ފަސް އަހަރު އެންމެ ފުން ހިތާމައެއް ގެނުވީ އެކްސިޑެންޓުތަކުން: ނައިބު ރައީސް

85 އަދި 86ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ފާއިތުވެ ދިޔަ ފަސް އަހަރު އެންމެ ބޮޑަށް ކަންބޮޑުވެ، އެންމެ ފުން ހިތާމައެއް ގެނުވީ މަގުމައްޗާއި ކަނޑުމަތީގެ އެކްސިޑެންޓުތަކުގެ ޚަބަރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 85 އަދި 86ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ފާއިތުވި ފަސް އަހަރު ރާއްޖޭގެ މަގުތަކުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ އަދަދު 18،000 އަށްވުރެ ގިނަ ކަމަށެވެ. އަދި، ކަނޑުމަތީގެ އެކްސިޑެންޓުތައް ވެސް ގިނަކަމާއި މި އެކްސިޑެންޓުތަކުގައި ކަންބޮޑުވާ އަދި ހިތާމަކުރަން ޖެހޭ އަދަދަކަށް މީހުން ދުނިޔެ ދޫކޮށްފައިވާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

"ކޮންމެ ދުވަހަކު އެކްސިޑެންޓެއް ހިނގާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެކްސިޑެންޓުގެ ނުރައްކާ ބޮޑީ ހަމައެކަނި މާލޭގައާއި ބޮޑެތި ރައްރަށުގައި ނޫންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެކްސިޑެންޓުތަކުގެ ނުރައްކާ ކުދި ރަށްރަށުގައި ވެސް ބޮޑު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން މަގުމަތީގެ އަމާންކަން ކަށަވަރުކޮށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެެވެ.

"ސީދާސީދާ އަޅުގަނޑަށް ހަފުތާއެއް ފާއިތުވެގެން ނުދާނެ. އެސިސްޓެންޓް ކޮމިޝަނާ ނަވީނާއި ސަމީރު މި ބޭފުޅުން އަޅުގަނޑާ ގުޅައި ނުލެވި، މަގުމަތީގެ ކަންކަމާ ގުޅިގެން،" ފައިސަލް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުލުހުންގެ މަސައްކަތް ވަރަށް ގާތުން ފެނިއްޖެ ކަމަށެވެ. އަދި، މިއީ ނައިބު ރައީސްގެ މަގާމުގައި ހުރެ ފުލުހުންނަށް ޝުކުރު ދެންނެވޭނެ އެންމެ ފަހު ވަގުތު ކަމަށާއި އެހެންކަމުން ފުލުހުންނަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިރޭ ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކޮށް، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޢަމަލީގޮތުން ދަރިވަރުން ބައިވެރިކުރުމުގެ މަޤުސަދުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް 2735 ދަރިވަރުން ތަމުރީނުވެފައިވެއެވެ.

comment ކޮމެންޓް