ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލުކުރަން އެޗްއާރްސީއެމުން އަންގައިފި

ވ ފެލިދޫ ކައުންސިލްގެ އިދާރާ--- ފޮޓޯ: ފޭސްބުކް

ވ. ފެލިދޫ ރައްޔިތުންގެ އާމުދަނީއަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެރަށު ކައުންސިލުން އެ މީހަކަށާއި އޭނާގެ އާއިލާއަށްދޭ ޚިދުމަތްތައް ކަނޑާލަން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، އެ ނިންމުން ބާތިލު ކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެ ކައުންސިލަށް އަންގައިފިއެވެ.

އެޗްއާރްސީއެމުން އެހެން ބުނީ، ވ. ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ރައްޔިތުން، އެ ފައިސާ ނުދައްކަނީސް އެ މީހުންގެ އާއިލާ ހިމެނޭ ގޮތަށް، ޚިދުމަތް ނުދޭނެ ކަމަށް އެ ކައުންސިލުން އިއުލާންކުރި ފަހުންނެވެ.

އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެހެން އެއްވެސް ގާނޫނެއްގެ ދަށުން ވެސް ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ނުހިފެހެއްޓޭނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެކަންކަން ފާހަގަކޮށް އެއީ ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެއާއެކު އެ ކޮމިޝަނުން ވަނީ، ފެލިދޫ ކައުންސިލްގެ އެ ނިންމުން ބާތިލުކުރުމަށް އަންގާފައެވެ. އަދި އެ މައްސަލައަށް ގާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދުމަށް ވެސް ވަނީ ފެލިދޫ ކައުންސިލަށް ގޮވާލައިފައެވެ.

https://sun.mv/184206

މި މައްސަލައާ ގުޅިގެން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން އިއްޔެ ވަނީ ކައުންސިލްތަކުން ހަދާ ގަވާއިދުތައް ނިންމަންވާނީ، ގާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ ހައްގަަކަށް އެއްވެސް ކަހަލަ އުނިކަމެއް ލިބިގެން ނުދާނެހެން ކަމަށް ބުނެފައެވެ.

އަދި ކައުންސިލަކާއި ރައްޔިތަކާ ވެވޭ މުއާމަލާތެއްގެ ސަބަބުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އެ ފަރާތަކާމެދު ފިޔަވަޅު އަޅަން ވާނީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެފަދަ ކަމަކާ ގުޅިގެން އެ މުއާމަލާތުގައި ހިމެނިފައިނުވާ އަސާސީ ހައްގެއް ހިފެހެއްޓުމުގެ ބާރެއް ކައުންސިލްތަކަށް ލިބިގެންނުވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް