ޓެލްއަވީވު (05 ނޮވެންބަރު 2023): މިސައިލް އައްޑަނައިގެ ނިޒާމުގެ ގޮތުގައި އިސްރާއީލުގައި ބޭނުންކުރާ "އަޔަންޑޯމް" ނިޒާމަށް ކުރިމަތިވި ފަންނީ މައްސަލައަކާ ގުޅިގެން އެނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައި މިސައިލަށް ހުރަސްއެޅުމަށް އެނިޒާމުން ފޮނުވާ މިސައިލްތައް ހަމައެއް ލަމައެއްނެތި އިސްރާއީލުގެ އެތަންމިތަނަށް އަރަައި, ވެއްޓެމުންދާކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ.
އިސްރާއީލުގެ މީޑިއާ ބުނާގޮތުން "އަޔަންޑޯމް" ނިޒާމަށް ފަންނީ މައްސަލަތަކެއް ކުރިމަތިވިކަން އެނގުނީ ރޭ ޣައްޒާއިން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ފޮނުވާލި ރޮކެޓްތަކަށް ހުރަސްއެޅުމަށް "އަޔަންޑޯމް" ނިޒާމުން ފޮނުވާލި މިސައިލްތައް އިސްރާއީލުގެ އެކިތަންތަނަށް އަމާޒުވުމުންނެވެ.
ޣައްޒާއިން ފޮނުވާލި ރޮކެޓްތަކަށް ހުރަސްއެޅުމަށް "އަޔަންޑޯމް"ގެ އިންޓަސެޕްޓަރުތަކުން ފޮނުވާލި މިސައިލްތަކަށް ޣައްޒާއިން ފޮނުވާލި މިސައިލްތަކަށް ހުރަހެއް ނޭޅުނެވެ. އޭގެބަދަލުގައި އެތަކެތި އަމާޒުވީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ބައެއް އިމާރަތްތަކަކަށެވެ. މީގެތެރޭގައި ހޮސްޕިޓަލެއްވެސް ހިމެނޭކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.
ޣައްޒާއިން އިސްރާއީލަށް ކޮންމެ ދުވަހަކު އެތައް ރޮކެޓަކުން ހަމަލާތައް ދެއެވެ. މީގެތެރެއިން ބައެއް މިސައިލްތަކަށް ހުރަސްއެޅުނު ނަމަވެސް ގިނަ މިސައިލްތަކަށް ހުރަސްއެޅުމުގައި އިސްރާއީލުން އުފައްދާފައިވާ "އަޔަންޑޯމް" ނިޒާމު ކާމިޔާބެއް ނޫނެވެ. ރޭ "އަޔަންޑޯމް" ނިޒާމަށް ކުރިމަތިވި ފަންނީ މައްސަލައާ ގުޅިގެން ޣައްޒާއިން ފޮނުވާލި އައްޑިހަވަރަކަށް ރޮކެޓް އިސްރާއީލުގެ އެތަންމިތަނަށް އެއްވެސް ހުރަހަކާ ނުލައި އެރިކަމަށް ވެއެވެ.
ޣައްޒާއިން ފޮނުވާލި ރޮކެޓްތައް މައިތިރި ކުރުމަށް "އަޔަންޑޯމް"އިން ފޮނުވާލި މިސައިލްތައް ވެސް އެރިކަމަށްވަނީ އިސްރާއީލުގެ ތަންތަނަށެވެ. އޭގެތެރޭގައި ހޮސްޕިޓަލެއް ހިމެނޭކަމަށްވެއެވެ. މިކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އިސްރާއީލުން ހާމައެއް ނުކުރެއެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދަނީ ހަނގުރާމައަކަށް ވުރެ ބޮޑަށް ގަތުލުއާންމު ތަކެކެވެ. ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލައި ހަނގުރާމަ ކުރަން އިސްރާއީލު ސިފައިންނަށް ކެރެނީ މަދު ފަހަރެއްގައެވެ. ކުރިމަތިލުމަށްފަހުވެސް ދާދި އަވަހަށް އިސްރާއީލު ސިފައިން ފަހަަތަށް ޖެހެއެވެ.
އިސްރާއީލުން ހަމާސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި މައިގަނޑު ގޮތެއްގައި ބޮންއަޅަނީ ޣައްޒާގެ އާންމުންގެ ބޮލަށެވެ. ޚާއްސަކޮށް އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ރެފިއުޖީ ކޭންޕްތަކަށެވެ. އިސްރާއީލުން ޣައްޒާއަށް ބޮން އަޅަންކެރެނީ ފަލަސްތީނު އިސްރާއީލުގެ ޖެޓްތަކަށް ހަމަލާ ދެވޭފަދަ އެންޓި އެއާކްރާފްޓް ހަތިޔާރު މުޖާހިދުންނަށް ލިބޭނެ ގޮތެއް ނެތުމުންނެވެ.
އިސްރާއިލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދައި އިސްރާއީލު ކޮޅަށް ޖެހި ހުސްވެފައެވެ. ފަލަސްތީނު މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ފަރާތަކާ ދެކޮޅަށް ބިރުދައްކައި ބާރުގެ ބޭނުންކޮށް އެފަރާތެއްގެ ދުވަސް ދުއްވާލާނެކަމުގެ އިންޒާރުތައް އެމެރިކާ ދެމުން ގެންދެއެވެ.
އިސްރާއީލަށް ލިބޭގޮތަށް ފަލަސްތީނުގެ މުޖާހިދުންނަށް ޒަމާނީ ހަތިޔާރު ލިބޭނަމަ އިސްރާއީލު ބަލިކޮށް ފަލަސްތީނު މިނިވަންކުރުމަކީ ދާދި ފަސޭހަކަމަކަށް ވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.