ޑިމޮކްރެޓްސްއިން ތައްޔާރުވުމަށް އިތުރު ވަގުތަށް އެދުމުން، މިއަދުގެ އަޑުއެހުން ކުރުކޮށްލައިފި

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލީހުގައި ކުރިއަށްނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ތަދައްޚުލްވެފައިވާ ދަ ޑިމޮކްރެޓްސްއިން، އެ ޕާޓީގެ ހުށަހެޅުން އިތުރަށް ތަފުސީލު ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ބުނުމުން މިއަދު އަޑުއެހުން ކުރުކޮށްލައިފިއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވިއިރު، ދަ ޑިމޮކްރެޓްސްގެ ހުށަހެޅުމަށް ފުރުސަތު ދިނުމުން އެ ޕާޓީގެ ފަރާތުން ވަކީލު އަބްދުﷲ ޝާހިރު ވިދާޅުވީ، އެ ޕާޓީއަށް މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ ރޭގެ 10:30 ހާއިރު ކަމަށެވެ. އެ ލިޔުންތައް ދިރާސާކުރުމަށް ފަހު، ދަ ޑިމޮކްރެޓްސްއިން ކޯޓަށް ހުށަހަޅާ ކަންތައްތަކަށް ވަރަށް ގިނަ އިސްލާހުތައް ގެންނަން ޖެހޭ ކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އިޖުރާއީ ގޮތުން މި މައްސަލައަކީ ރާއްޖޭގެ ސުޕްރީމް ކޯޓު ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ މައްސަލައެއް ކަމަށް ދެކެން، އެއާ ގުޅޭ ގޮތުން އިތުރު ކަންކަން ހުށަހަޅަން އަޅުގަނޑުމެން ބޭނުންވޭ،" ވަކީލު ވިދާޅުވިއެވެ.

އެހެންވެ، އޭނާ އެދިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ހުށަހެޅުންތައް ހުށަހަޅަން މާދަމާ ފުރުސަތު ދެއްވުމަށެވެ.

"މާދަމާ ނުވައެއް ޖަހާއިރަށް އަޅުގަނޑުމެން ތައްޔާރުވެގެން ތަފުސީލުކޮށް ޖަވާބު ދެވޭނެ،" ވަކީލު ވިދާޅުވިއެވެ.

އެއާއެކު ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފާހަގަކުރެއްވީ، ޑިމޮކްރެޓްސްއިން އިއްޔެ ފޯމް ހުށަހެޅިއިރުވެސް އިޖުރީއީ މައްސަލަ ހިމަނާފައިވާ ކަމެވެ. ނަމަވެސް ވަކީލު ޝާހިރު ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ފުރަތަމަ ހުށަހަޅާފައި ވަނީ އެމްޑީޕީން މައްސަލަ ހުށަހެޅި ގޮތުގެ ތަފްސީލް ނުލިބެނީސް، މީޑިއާތަކުން ލިބުނު މައުލޫމާތަށް ބިނާކޮށް ކަމަށެވެ.

"ދެން އެއްގޮތް ކަންތައްތަކެއް އެބަހުރި އެހެންނަމަވެސް އަންދާާޒާއެއް ކޮށްލާފަ އަޅުގަނޑުމެން ހުށަހަޅާފަ މި އޮތީ،" ވަކީލު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ތަފުސީލީ ލިޔެކިޔުންތައް މިރޭ 12 ޖަހަންވާއިރަށް ފޮނުވޭނެ ކަމަށެވެ.

އެ ޕާޓީގެ އެދުމަށް އިޖާބަދެއްވައި ފަނޑިޔާރު މަހާޒު އެދިވަޑައިގަތީ މާދަމާ ނުވައެއް ޖަހާއިރު ބާއްވާ އަޑުއެހުމަށް، ދަ ޑިމޮކްރެޓްސްގެ ހުށަހެޅުން ތައްޔާރު ކުރުމަށެވެ.

"އެއާއެކީގައި ދަންނަވާލަން މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ފުރަތަމަ މަރުހަލާގައި މި ބަލާ މައްސަލައަކަށް ވާތީ އެއްވެސް ފަރާތަކުން އިތުރަށް ވަގުތު ބޭނުންވެ އެކަން އެނގިތިބެ، ވަގުތު ނުދެވޭ ކަހަލަ ގޮތަކަށް ދިޔުމަކީ ވެސް އަޅުގަނޑު އެދޭ ގޮތެއް ނޫން ހަމައެއާއެކީގަ ކުރިމަތީގައި އޮތް އިޝޫއަކީ ވެސް ހައްސާސް އިޝޫއެއް އެކަމަށް ވެސް އަޅުގަނޑުމެން އެޑްރެސް ކުރަން ޖެހޭނެ މި ދެ ގޮތުން ވެސް ބަލަން ޖެހޭނެ،" ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

އެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒު ވަނީ، މަސައްކަތްކުރައްވަނީ މި މައްސަލައިގެ އަޑުއެހުންތައް އެކުއެކީ ކުރިއަށްގެންގޮސް ވީހާވެސް އަވަހަކަށް ނިންމާލަން ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތައިގައެވެ. އެކަމަކު، އީވާ އެ ހަފުތާ އެއްކޮށް އާލާސްކަންފުޅާ ސަލާން ވިދާޅުވުމުން އެ ހަފުތާގައި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މި ހަފުތާގައި އެ ކަމަނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން އެ މައްސަލަ ވެއްދީމާ، އެހެންވެ ދެން ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ވަނީ ސުޕްރީމް ކޯޓުގައި އޮތް އެކަމާ ގުޅުންހުރި މައްސަލަ ނިމެންދެން ނަޝީދުގެ އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ނުކުރާނެ ބުނެފައެވެ.

comment ކޮމެންޓް