ޕޯޓަލްގެ މައްސަލަ ބޮޑުވެ، ވިނަރެސް ފުލެޓުތައް ވިއްކުން މެދުކަނޑާލައިފި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ވިނަރެސް ފުލެޓުތައް ވިއްކަން އާބަންކޯއިން ތައްޔާރުކުރި އޮންލައިން ޕޯޓަލްގެ މައްސަލަ ބޮޑުވެ، އެ މައްސަލަ ހައްލުވަންދެން އެ ފުލެޓުތައް ވިއްކުން މެދުކަނޑައިލަން އެ ކުންފުނިން ނިންމައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ވިނަރެސް ފުލެޓުތަކުން ނުވިކި ހުރި ފުލެޓުތައް ވިއްކަން މިއަދު ހެނދުނު ވަނީ ހުޅުވާލައިފައެވެ. އެކަމަކު، އެއް ފަހަރާ މާ ގިނަ މީހުން ވަނުމުން ޕޯޓަލްއަށް ވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައެވެ. އެހެންވެ، ގިނަ ބަޔަކު ވަނީ އެ ކަމުގެ ޝަކުވާ ކޮށްފައެވެ.

އާބަންކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނަށް ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

"ލިބިފައިވާ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް މި ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާތީ، އެޕާޓުމަންޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑު ޖައްސައިލުމަށް ވަނީ ނިންމާފައި،" އެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ފުލެޓު ގަންނަން ދެން ހުޅުވައިލާނީ ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ފަހުގައެވެ. ނަމަވެސް، ވަކި ތާރީޚެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

ފްލެޓު ގަންނަން އެޕްލިކޭޝަން ހުށަހަޅަން މިއަދު ހެނދުނު 10 ޖެހިއިރު ފުރުސަތު ހުޅުވާލުމުން އެ އެޕާޓްމަންޓްތައް ގަންނަން ފޯމްލާން މަސައްކަތް ކުރި ގިނަ ބަޔަކަށް ވަނީ ފޯމް ނުލެވިފައެވެ. ޖުމުލަ 1344 ޔުނިޓް ހިމެނޭ ވިނަރެސް ފްލެޓުތަކުގެ ތެރެއިން މިއަދު ވިއްކަން ހުޅުވާލީ ނުވިކި ހުރި 123 ޔުނިޓެވެ. ޕޯޓަލުން ދައްކާ ގޮތުގައި އެ ޔުނިޓުތައް ކުޑަ ވަގުތުކޮޅެއްތެރޭ މިއަދު ހެނދުނު ވަނީ އެއްކޮށް ވިކި ހުސްވެފައެވެ.

ވިނަރެސްގެ ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލިއިރު ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓްރަސްޓު ނުވަ އިންސައްތައިން އިން ހަ އިންސައްތައަށް މި ފަހުން ވަނީ ކުޑަކޮށްފައެވެ.

comment ކޮމެންޓް