އިތުބާރެއް، ތާއީދެއް ނެތް: އެކަމަކު ވެސް ހެޔޮ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ --- ސަން ގްރެފިކްސް/ އަލީ ޝާހީން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އެ މަޖިލީހުގެ އަޣުލަބިއްޔަތުގެ އިތުބާރެއް ނެތެވެ. ތާއީދެއް ވެސް ނެތެވެ. އެކަމަކު، އެ ވަރުން ވެސް ވަރިހަމަ ކޮށްލާފައި، ކުރިމައްޗަށް އެ ނަގައި ސިޔާސީ ރާޅުތަކުން ރެކިވަޑައިގެންނެވެނީ ކުޅަދާނަ ވީމައެވެ. ސިޔާސީ ގޮތުން، އެ މަނިކުފާނުގެ ވިސްނުންފުޅު ތޫނު ކަމުންނެވެ.

ފުރަތަމަ ނެގި އިތުބާރު ނެތް ކަމުގެ ރާޅުން ރެކިވަޑައިގަތީ ވެސް މުޅި އެމްޑީޕީ އުޑުފަޔަށް ތިރިކޮށްފައެވެ. އެ މީހުންގެ ލައްވައި، އެ މައްސަލަ އަނބުރާ ނަގުވައިފައެވެ. ރާއްޖޭގައި އަލަށް ބޭއްވި ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދަކީ ސިޔާސީ ގޮތުން މޮޔައެއް ކަމަށް ހީކުރާނީ މާ ބޮޑު މޮޔައެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރު، ޖަލުންނާއި އެތައް މި ތަނުން ތަހައްމުލު ކުރި އަނިޔާގެ ފޮނި މީރުކަމުން އުފަންކުރި އެމްޑީޕީއަކީ އެ ކަމުގެ ދަލީލެވެ. އެކަމަކު، އެމްޑީޕީއާއި ނަޝީދާ މެދު ކުނިޖެހި މިހާރު އެ ޕާޓީގެ މެންބަރުން މައުމޫނަށް ވުރެ ފޫހިވަނީ ނަޝީދު މަތިންނެވެ. ރުޅި އަންނަނީ ވެސް އެ މަނިކުފާނު ދެކެއެވެ. ގޮވަނީ ވެސް މާ ހުތުރު ލަގަބުތަކުންނެވެ.

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރުޅިވެރިކަން ބޮޑުވެ، އެ ޕާޓީގެ މުޅި ފޯކަސްއަކީ މިހާރު މަޖިލީހުގެ ރިޔާސަތުން ނަޝީދު ދުރު ކުރުމެވެ. މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް އޮތީ އެ މަނިކުފާނު މަގާމުން ދުރުކުރަން ހުށަހަޅައިފައެވެ. އެކަމަކު، އެކިއެކި ސިޔާސީ ޗަރުކޭސްތައް ކުޅުއްވައިގެން އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެ މަގާމުން ދޫ ނުދޭށެވެ. ޒާތީ ހަނގުރާމައިގެ ކުރި، އެމްޑީޕީއަށް ލިބުނަ ނުދޭށެވެ.

"އީވާ ވަރަށް ބަލި"

ނަޝީދު ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތައިގައެވެ. އެކަމަކު، ނައިބު ރައީސް އީވާ އަބްދުﷲ އެ ހަފުތާ އެއްކޮށް އާލާސްކަންފުޅާ ސަލާން ވިދާޅުވުމުން އެ ހަފުތާގައި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މި ހަފުތާގައި އެ ކަމަނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން އެ މައްސަލަ ވެއްދީމާ، އެހެންވެ ދެން ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެ އޮތީ ބްލަޑް ރިޕޯޓު ވެސް ހުށަހަޅާފައި. ދެން އެ ވަރުވީމާ ގަބޫލު ކުރަން ވާނެ ދެއްތޯ،" ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމާ "ސަން"އިން ސުވާލު ކުރުމުން އީވާގެ ދިފާއުގައި ވިދާޅުވިއެވެ.

"އީވާ ބައްޔެއް ނޫނޭ ވެސް ނެތް ބުނެވޭކަށް. އެބަހުރި ރިޕޯޓު ހޮސްޕިޓަލުގެ ފެންނައިރު އެބަ އެނގޭ ކަނޑައެޅިގެން އެ ވަރު ކަމެއްގައި ދޮގެއް ހަދާނެ ކަމެއް ކަމަށް. އަނެއްކާ ނުކުމެ އުޅުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން. މުޅި މަޖިލީހުގައި އޮންނާނީ މަދިރި ޖުމުލަކޮށް، އެހެންވީމާ ނުކުމެ އުޅުން އެންމެ ރަނގަޅެއް ނޫން،"

އާޒިމް ވިދާޅުވީ، އީވާ އުޅުއްވަނީ "އަސްލަށް ވެސް" އާލާސްކުންފުޅާ ކަމަށެވެ. އެ ކަމަނާ މަޖިލީހަށް "ފިއްލަވަނީ" ނޫން ކަމަށާއި މަޖިލީހަށް ދުރުނުވާންވީ އެއްވެސް އެ ނޫން ސަބަބެއް ނެތް ކަމަށެވެ. އެކަމަކު، އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީމާ ދެން އެ ކަމަށް ހުރަސް އެޅިއްޖެ ޔޯލައެވެ. މިހާރު އޮތް ގޮތުން، "އެއް ބާރުން އަނެއް ބާރަށް" އިޚްތިރާމް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، އީވާ ވަނީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެލައްވައިފައެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ [ކޯޓުގައި މައްސަލަ އޮއްވައި މަޖިލީސް ބޭއްވުމަކީ] ކުރެވޭނެ ކަމެއް ނޫން،" އާޒިމް ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

އެހެންވެ، ނަޝީދުގެ މައްސަލަ އެހެން ދުވަހަކަށް ވެސް ދެން އެޖެންޑާ ނުކުރާން މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފައެވެ. މިހާރު "ބޯޅަ" އޮތީ ސުޕްރީމް ކޯޓުގައެވެ.

"އެއްވެސް މީހަކު ބެސްޓް ޕްރެކްޓިސްއަށް އަމަލެއް ނުކުރޭ"

ދެން އީވާ ބަލީޔޯލައެވެ. އަދި، ރިޔާސީ އިންތިޚާބުގައި ހަތް އިންސައްތަ ލިބިވަޑައިގެން ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ރޭ ވިދާޅުވި ގޮތަށް މެންބަރުންނަށް ބިރު ވެސް ދެއްކީޔޯލައެވެ. އެކަމަކު، އެ 49 މެންބަރުންގެ މެޖޯރިޓީއަކުން އިތުބާރު ނެތް ކަމަށް ހުށަހެޅީމާ ޑިމޮކްރެޓިކް ހަމައަކީ އިސްތިއުފާ ދެއްވުމެވެ. އެއީ، ކުރީގައި ނަޝީދު ވެސް ދެކިލެއްވި ގޮތެވެ.

ދިވެހިން ކުރިން ދުށް އެންމެ ވަރުގަދަ މަޖިލީސް ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ހުށަހެޅުމުން ނަޝީދު ވިދާޅުވީ، އިތުބާރު ނެތް ކަމަށް ހުށަހެޅުމުން މަސީހަކީ ގާނޫނީ ގޮތުން މަޖިލީހުގެ ރައީސް ނޫން ކަމަށެވެ. މަސީހަށް ޑިމޮކްރަސީގެ ހަމަ އޮތީ އެހެނެވެ.

އާޒިމް ވިދާޅުވީ، މަސީހުގެ މައްސަލައާއި ނަޝީދުގެ މައްސަލަ ތަފާތުވަނީ އެމްޑީޕީން "ޒާތީ" ވާތީ ކަމަށެވެ. މަސީހުގެ މައްސަލަ ހުށަހަޅާފައި އަލުން ނުނަގައި ކަމަށެވެ. އެކަމަކު، އެއް މައްސަލައެއް ދެވަނަ ފަހަރަށް ހުށަހެޅުމަކީ ގާނޫނީ ގޮތުން އެ ހުށަހެޅުމުގެ ބާރު ދަށްވާނެ ކަމެއް ކަމަށް އެއްވެސް މާއްދާއެއްގައި ލިޔެފައިވާތީ މީހަކު ނުދެކެއެވެ.

"މިސާލަކަށް މަހުލޫފު. ކޯޓަށް [ކޮރަޕްޝަންގެ މައްސަލައެއްގައި] ދާން ކިޔާ، މައްސަލަ ހުށަހެޅުމުން ވެސް ނުކުމެ ރައީސުލްޖުމްހޫރިއްޔާއާ ދިމާލަށް ބުނީ ކީކޭ؟ ފަލީހަތް ކޮށްލާނަމޭ ބުނީ. އަޅުގަނޑުމެންގެ ތެރޭގައި ނެތޭ، އަދި ބެސްޓް ޕްރެކްޓިސްއަށް އަމަލު ކުރުމެއް،" ނަޝީދުގެ ދިފާއުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

"އެހެން ގައުމެއްގައި ނަމަ، އިސްތިއުފާ ދީފާ ހުންނާނީ ގޭގައި. އަޅުގަނޑުމެންގެ ތެރޭގައި އަދި ޕްރެކްޓިސް ކުރާ ގޮތެއް ނޫން،"

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

އާޒިމް ކުރެން އެހީ، ނަޝީދުގެ މައްސަލަ އެއް ފަރާތުގައި ބާއްވާފައި މެޖޯރިޓީން އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ދުނިޔޭގެ ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސް އަކީ ކޮބައިތޯއެވެ. އެނބުރި އެނބުރިފައި ގޮސް އެ ވިދާޅުވީ، އަސްލު ރީތި ގޮތަކީ އިސްތިއުފާ ދީފައި ގެޔަށް ދިއުން ކަމަށެވެ. އެކަމަކު، އެހެން މީހުން ބެސްޓް ޕްރެކްޓިސްއަށް އަމަލު ނުކުރާތީ، ޑިމޮކްރެޓުން ވެސް އެ ހަމައަށް އަމަލު ނުކުރާނަމޭތާއެވެ.

އިތުބާރެއް ތާއީދެއް ނެތަސް ހެޔޮތާއެވެ!

"އެމްޑީޕީން ޒާތީ ވަނީ"

އިސްތިއުފާގެ ވާހަކައާ ހިސާބުން އާޒިމް ދެން ވިދާޅުވީ، އެމްޑީޕީން އުޅެނީ ނަޝީދު މަޖިލިސް ހިންގަވާ ގޮތް ގޯސްވެގެން ނޫން ކަމަށެވެ. އެއީ، ޒާތީ ރުޅިވެރިކަމެއްގައި ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ. އެކަމަކު، ރައްޔިތުން ނިންމީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭށެވެ. ދެން އެމްޑީޕީން ޒާތީ ވެގެން ވިޔަސް، ނަޝީދަށް އިތުބާރެއް ނެތޭ ބުނީމާ އެ މަގާމުގައި އިންނެވޭނެ ގޮތެއް ކިޔަކިޔައި ވެސް ގާނޫނަކުން ނުފެނުނެވެ.

"އެއް ހަފުތާ ތެރޭގައި އަނެއްކާ މައްސަލަ ނަގާފައި ހުށަހެޅީމާ މީގެން އެބަ ފެނޭ ޒާތީ ކަމެއް، ހަމަ ޔަގީނުން ވެސް. މިއުޅެނީ ޒާތީ ފައިޓެއް، ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ނަޝީދާ. ކާކު ބޭނުންވާނީ އެ ކަހަލަ ފައިޓަކުން އެ މީހަކު ބަލިވާން؟ މި ހުންނަނީ ސިޔާސީ ކަމެއް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ސިޔާސީ ކަމެއް ކަމަކަށް،" އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، ޒާތީ ކަމެއްގައި ނަޝީދުގެ މައްސަލަ ހުށަހެޅިޔަސް މަޖިލީސް ކުރިއަށްދާ ކަމަށެވެ. އެހެންވެ، އިސްތިއުފާ ދޭކަށް ނުޖެހޭނެއެވެ. އާޒިމް ވިދާޅުވީ، ނަޝީދާ ޒާތީނުވެ، ރީތިކޮށް އެމްޑީޕީން އެދުނު ނަމަ، މިހާރު އިސްތިއުފާ ދެއްވައިފީސް ކަމަށެވެ.

"ރީތިކޮށް އެދުނު ނަމަ އިސްތިއުފާ ވެސް ދޭނެ،" އޭނާ ވިދާޅުވިއެވެ.

"އެކަމަކު، ހަޅޭއްފަޅޭ ލަވާ، އެއީކީ އަނެއްކާ ވެސް ތަހުޒީބީ މުޖުތަމައުތަކުގައި ކުރާ ގޮތެއް ނޫންތާ. ފެންނަ ތާކުން ހަޅޭއްލަވާފައި. މަޖިލީސް ތެރޭގައި ވެސް ބުނަނީ ބޭރު ކޮށްލާނަމޭ. ސައި ކޮޓަރީގައި ވެސް ބުނަނީ. އެހެންވީމާ މިއުޅެނީ އަސްލުގައި ރައްޔިތުންގެ މަޖިލީސް ހިންގާ ގޮތުގެ މައްސަލައެއް ނޫންތާ ދިމާވެގެން. މިއުޅެނީ ޒާތީ ވެގެން،"

"މަޖިލީހެއް ނުހުއްޓުވަން، ގޯހީ ގަވާއިދު"

އާޒިމް ވިދާޅުވީ، އީވާ ނޫން މެންބަރަކަށް ނަޝީދުގެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. އަދި، ކޯޓުގައި މައްސަލަ އޮއްވައި އެ މައްސަލަ އެޖެންޑާ ވެސް ނުކުރެވޭނެ ކަމަށެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވަނީ ގަސްތުގައި ނޫން ކަމަށާއި އެއީ، މަޖިލީހުގެ ގަވާއިދުގެ މައްސަލައެއް ކަމަށް އާޒިމް ގަބޫލުކުރައްވައެވެ.

"އެމެރިކާގައި ވެސް މި ދޭތެރެއިން އުޅުނު. އެއީ އަދި މާ ކުރިއަރާފައި ހުރި ގައުމުތައް. ހަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްސަލައިގައި އެތައް ދުވަހަކު މަޖިލީސް ނުހިންގިގެން އުޅުނީ،" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރި ވެއްޖެ ހާލަތެއްގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ އާންމު އުސޫލު ގަވާއިދުގެ 44 ވަނަ މާއްދާގައި އެބައޮތެވެ. މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ މަގާމުން ވަކި ކުރުމުގެ ޖަލްސާގައި ވެސް އޮންނާނީ އެ އުސޫލުތާއެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ބަޖެޓު ފާސްކުރަން ރިޔާސަތުގައި އިންނެވޭ ނަމަ، ނަޝީދު ވަކިކުރަން ވެސް އިންނެވޭން ވާނެތާއެވެ.

މަޖިލީހުގެ ގަވާއިދު އޮތީ މަޖިލީސް ހުއްޓިދާނެ ގޮތަކަށް ނޫންކަން ބަންޑާރަނައިބުގެ ގާނޫނީ ލަފައިން ސާފުވެއެވެ. އީވާ ނެތް ހާލަތުގައި އެހެން މެންބަރަކަށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބަންޑާރަ ނައިބު ވެސް ގަބޫލުކުރައްވައެވެ. އެމްޑީޕީން ކޯޓަށް ހުށަހެޅީ އެ މައްސަލައެވެ.

"މިއީ ތަންތާގައި ރައްޔިތުންގެ މަޖިލީސް ހިނގާ ގޮތް. އަދި އަޅުގަނޑުމެން ރީތި އިނގޭތޯ ދާލެތް،" އާޒިމް ވިދާޅުވިއެވެ.

ފަހަރުގައި އާޒިމް އެ ވިދާޅުވާހެން މަޖިލީހުގެ ގަވާއިދު ވެސް ގޯސް ވެދާނެއެވެ. އެކަމަކު، ސާފުކޮށް އެނގޭ ކަމަކީ މަޖިލީހުގެ މެޖޯރިޓީން ނަޝީދަށް އިތުބާރު ނުކުރާ ކަމެވެ. އަދި، އެ މަނިކުފާނު އެ މަގާމުގައި ބަހައްޓަން ބޭނުން ވެސް ނުވާ ކަމެވެ. ކޮއްކޯފުޅު ލައްވައި ކުޅުއްވާ ޗަރުކޭހަކީ އެ ހަގީގަތް ބަދަލު ކުރެވޭތޯ ޖައްސަވާ ސަކަރާތެވެ. އާޒިމް ވެސް އެ އުޅުއްވަނީ ކަނޑައެޅިގެން އެ މަސައްކަތުގައެވެ.

އެނގޭ ކަމަކީ ނަޝީދު މަޖިލީހުގެ ރިޔާސަތުގައި ތާއަބަދު ނީންނާނެ ކަމެވެ.

މަސީހު ވެސް ގަދަ ބާރު ދައްކަދައްކާފައި އެންމެ ފަހުން އިސްތިއުފާ ދެއްވީއެވެ. އިތުބާރު ނެތުނީމައެވެ. ނަޝީދު ވެސް އިތުރު ހަޑިއެއް ނުހާވާ، އިސްތިއުފާ ދެއްވީމާ ނިމުނީއެވެ. އޭރަށް ގަވާއިދަކު ވެސް މައްސަލައެއް ނޯންނާނެއެވެ.

comment ކޮމެންޓް