ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން އައްމަޑޭއަށް

ދިވެހި ސާފް ލީގުގައި ހިމެނޭ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި އަހުމަދު އާގިލް (އައްމަޑޭ) -- ފޮޓޯ/ މޯލްޑިވްސް ސާފް ފޮޓޯގްރާފާ

ދިވެހި ސާފް ލީގުގައި ހިމެނޭ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އައްމަޑޭ) ހޯދައިފިއެވެ.

އިއްޔެ ނިމުނު ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން އައްމަޑޭ ހޯދީ ފައިނަލުގައި ހޫދު އަހުމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލުގައި އައްމަޑޭ 9.75 ޕޮއިންޓް ހޯދި އިރު، ހޫދަށް ލިބުނީ 8.50 ޕޮއިންޓެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން އައްމަޑޭ ހޯދި ނަމަވެސް، ސާފް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުސައިން އަރީފް (އިބޫ)އެވެ. ރަންނަމާރި ޗެލެންޖުގެ ތިންވަނަ ހޯދި އިބޫ ވަނީ ޖުމުލަ 3590 ޕޮއިންޓު ހޯދައިފައެވެ. އަދި މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އައްމަޑޭއަށް ލިބުނީ 3340 ޕޮއިންޓެވެ.

ސާފް ލީގުގައި ހިމެނޭ ފަސް މުބާރާތުގެ ތެރެއިން އިބޫ ވަނީ ރަންދާ ރާޅުގަނޑު މުބާރާތާއި ގާމާދޫކޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި ރަންނަމާރި ޗެލެންޖުގެ ތިންވަނައިގެ އިތުރުން އޭނާ ވަނީ މުލީކޮޅު މުބާރާތުގެ ދެވަނަ ހޯދައިފައެވެ.

އައްމަޑޭ ޗެމްޕިއަންކަން ހޯދީ ރަންނަމާރި ޗެލެންޖުގެ އިތުރުން މުލީކޮޅު މުބާރާތުންނެވެ. އަދި ރަންދާ މުބާރާތުގެ ތިންވަނަ އޭނާ ހޯދިއެވެ. އައްމަޑޭއަށް ނަތީޖާ ގޯސްވެގެންދިޔައީ ގާމާދޫކޮޅު މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވިފައިނުވުމުންނެވެ.

ރަންނަމާރި ޗެލެންޖުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މަރިޔަމް ރާހިލް ނަސީމް (އާޔާ)އެވެ. މިދިޔަ އަހަރު އަދި 2021 ވަނަ އަހަރުގެ ވެސް ރަންނަމާރި ޗެލެންޖުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ރާޔާ، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނަހާ ނަސްރުﷲ ބަލިކޮށްގެންނެވެ.

comment ކޮމެންޓް